މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރިވިކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަރުޖަމާ ކުރައްވައިފިއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުގައި ދެއްކެވި ވާހަކަތަކުގެ މާނަ އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަވަމުން ގެންދާ ކަމަށެވެ. ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އިންޑިއާއިން ރާއްޖޭގެ އެއްވެސް އިންތިހާބަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ. އަދި މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބަކީ މިނިވަން އިންތިހާބެއްގެ ގޮތުގައި ބޭއްވުމަށް އިންޑިއާވެސް ހިމެނޭ ގޮތަށް މުޅި ބައިނަލްއަގުވާމީ މުޖުތަމައު ގޮވާލި އިންތިޚާބެއް ކަމަށް ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ރާއްޖެއަށް ކުރުވި ޕްރެޝަރަށާއި، އޭގެ ސަބަބުން ރާއްޖޭގައި ބޭއްވިގެން ދިޔަ އިންތިހާބުގައި ވޯޓު ލާފައިވަނީ މިނަވަން ކަމާއެކު ކަމަށް ރައީސް ނަޝިދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެ ޓްވީޓު ކުރައްވާފައި ވަނީ، އެމަނިކުފާނު އިންޑިއާގެ ޓީވީ ޗެނަލަށް ދެއްވި އިންޓަވިއު އެއްގައި، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު އިދިކޮޅުގައި ތިބި ފަރާތްތަކަށް އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް އެއްވެސް ބަޔަކު ހީނުކުރާ ކަމަށް ވިދާޅުވުމާ ގުޅިގެން ނެވެ. އަދި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް އިންޑިއާއިން ގަބޫލުކުރި ކަމަށް ނަޝީދު ވިދާޅުވުމުން އެކަން ސާފުކޮށްދެއްވުމުގެ ގޮތުން ނެވެ. އަދި އެމްޑީޕީ އަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އިންޑިއާ އޮފިޝަލުން އަދި ޑިޕްލޮމެޓުން ގަދަޔަށް މަސައްކަތް ކުރިކަމަށް ނަޝީދު ވިދާޅުވެފައި ވުމުން ނެވެ.