ފާއިތުވީ ދޮޅުމަހެއްހާ ދުވަހު ދެކުނު އޭޝިއާ ސަރަހައްދުގައި އެއް އަޑަކަށް ގުގުމުންދިޔަ އެއް އަޑަކީ ބާޒާރުގައި ފިޔާގެ އަގު ބޮޑުވަމުންދާ އަޑެވެ. މީގެ ކުރިން ލޮލުން ފެން ފައިބަނީ ފިޔާ ކޮށާއިރު ކަމުގައި ވީ ނަމަވެސް، މިހާރު އެ ކަރުނަ އަޅާ މީހުންގެ ލިސްޓަށް އެތައް ބަޔަކު އިތުރުވެއްޖެއެވެ. އޭގެ ތެރޭގައި ފިޔާ ގަންނަން ހަރަދު ކުރަންޖެހޭ މީހުންނާ، ފިޔާ އަގުބޮޑުވެގެން ކެއުންތަކުން ފިޔާ މަދުކުރުމުން އޭގައި ރަހައެއް ނުލައިގެން ރޯމީހުންވެސް ހިމެނެއެވެ.

ކަންމިހެން އޮތްއިރު، ފިޔާގެ އަގު އުފުލުމުގެ ސަބަބުން އުފަލުން ކަރުނަ އަޅާ ބަޔަކުވެސް އެބައުޅެއެވެ. މިފަދަ އެކަކީ އަވަށްޓެރި އިންޑިއާގެ ޗިތްރާދުރުގާ ޑިސްޓްރިކްޓްއަށް ނިސްބަތްވާ ދަނޑުވެރިއެއް ކަމަށްވާ، އުމުރުން 42 އަހަރުގެ މައްލިކަރުޖޫނާއެވެ. ބާޒާރުގައި ފިޔާގެ އަގު އުފުލެން ފެށިފަހުން ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި މައްލިކަރުޖޫނާ މަހުޖަނަކަށް ވެއްޖެއެވެ.

ލޯނު ނަގައިގެން ފިޔާ އިންދާ އެ ހައްދާ ވިއްކައިގެން މަހުޖަނަކަށް ވި ދަނޑުވެރި މައްލިކަރުޖޫނާ/ފޮޓޯ: ޓީއޯއައި

މައްލިކަރުޖޫނާއަކީ މީގެ ދޮޅުމަހެއްހާ ދުވަސް ކުރިއަށް ބަލާއިރު އިންތިހާއަށް ދަރަނިވެރިވެފައި ހުރި ދަނޑުވެރިއެކެވެ.

ފިޔާ ދަނޑުތައް ހައްދަން ލޯނު ނެގި ނެގުމަކީ އޭނާގެ މުޅި ހަޔާތުގައިވެސް ނެގި އެންމެ ބޮޑު ރިސްކު ކަމަށް މައްލިކަރުޖޫނާ ބުނެއެވެ. އޭނާ ބުނި ގޮތުގައި ފިޔާގެ އަގުތައް އިންތިހާއަށް ދަށަށް ދިޔަނަމަވެސް އޭނާއަށް ބޮޑު ގެއްލުމަކާ ކުރިމަތިވީހެވެ. ނަމަވެސް މައްލިކަރުޖޫނާގެ ދިރިއުޅުން، ހީކުރެވިފައި އޮތް ގޮތާ ހިލާފަށް ބަދަލުވީއެވެ. އިންޑިއާގެ ބާޒާރުތަކުގައި ފިޔާ ކިލޯއެއްގެ އަގު 200 ރުޕީޒްއަށް އުފުލިގެންދިޔަ ވަގުތު ދިމާވީ، އޭނާގެ ދަނޑުތަކުން 240 ޓަނުގެ ފިޔާ، މައްލިކަރުޖޫނާ ބޭރުކުރި ދަނޑިވަޅަށެވެ.

މައްލިކަރުޖޫނާ މިހާރު ވަނީ އޭނާ ނެގި ދަރަނި ދައްކާ ހަލާސްކޮށްފައެވެ. އޭނާ މިހާރު އަމާޒު ހިފާފައި ހުރީ ދަނޑުވެރިކަން ފުޅާކުރުމަށް އިތުރު ބިންތައް ގަތުމަށެވެ. 10 އޭކަރުގެ ބިމެއްގައި ފިޔާ ހައްދަމުން ދިޔަ މައްލިކަރުޖޫނާ ވަނީ އޭގެ އިތުރަށް 10 އޭކަރުގެ ބިން ގަނެފައެވެ. އަދި އެ މަސައްކަތުގައި އުޅުމަށް 50 މުވައްޒަފުންވެސް ހޮވާފައެވެ.

ބެންގަލޫރާ ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި އޮންނަ ޗިތްރާދުރުގާގައި މިއަދު މައްލިކަރުޖޫނާއަކީ ސެލެބްރިޓީއެކެވެ.