އިންޑިއާ އާއެކު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސޮއި ކުރި އެއްބަސްވުމުގައި ސިއްރު ކުރާނެ އެއްޗެއް ނެތް ކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ، އެންޑިއާ އާއެކު އީސީން ސޮއި ކުރި އެއްބެސްވުމުގެ ތަފްސީލު ހާމަކުރުމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، އިބްރާހިމް ޝުޖާއު ގޮވާލެއްމާ ގުޅިގެންނެވެ.

ޝުޖާއު ވިދާޅުވީ، ސަރުކާރު އަޑީގައި އޮވެގެން އީސީން ސޮއި ކުރި އެއްބަސްވުމުގެ ތަފްސީލު، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަކަށް ހާމަ ކުރަންޖެހޭ ކަމަށެވެ. އަދި އަންނަ ކައުންސިލު އިންތިހާބުގައި ސަރުކާރުން ވޯޓުން ވައްކަން ކުރަން އުޅޭ 'ވަސް' ގަދައަށް ދުވާ ކަމަށް ވިދާޅުވެ، ޝުޖާއު ވަނީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާނެ ކަމުގެ ތުހުމަތު ކުރައްވާފައެވެ. ޝުޖާއު ވަނީ މިކަމަށް ރައްޔިތުން ހޭލުންތެރިވެ ތިބުމަށް ވެސް ގޮވާލައްވާފައެވެ.

ޝުޖާއުއަށް ރައްދު ދެއްވަމުން އަކްރަމް ވިދާޅުވީ އެއްބަސްވުމުގައި ސިއްރު ކުރަންވީ އެއްވެސް އެއްޗެއް ނެތް ކަމަށާއި، އެ އެއްބަސްވުމަކީ މައިގަނޑު ދެކަމަކަށް އިސްކަންދީގެން ސޮއި ކޮށްފައިވާ އެއްބަސްވުމެއް ކަމަށެވެ. އެއީ އިންޑިއާގެ އިލްކެޝަންސް ކޮމިޝަނާއި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާއި ދެމެދު އެއްބާރުލުން ދިނުމާއި ގުޅުން ބަދަހި ކުރުމާއި އީސީގެ މުވައްޒަފުން ތަމްރީނު ކުރުން ކަމަށް އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން މި އެއްބަސްވުމާ ބެހޭގޮތުން އޮޅުންފިލުވަން ސިޔާސީ ޕާޓީތަކުން ބޭނުވާނަމަ، އީސީގެ ނެޝަނަލް އެޑްވައިޒަރީ ކޮމިޓީ (އެންއޭސީ) މެދުވެރިކޮށް އެކަމް ކުރެވޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެންއޭސީގައި ހުރިހާ ސިޔާސީ ޕާޓީތަކެއްގެ އިސްވެރިން ހިމެނޭއިރު، އަމިއްލަ ޖަމިއްޔާތަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ވެސް ހިމެނެއެވެ.