ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ވަގު ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅެނިކޮށް ވީއައިއޭ އިން ހިފަހައްޓާފައި ވަނީ 31 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ދީފައެއް ނުވެއެވެ.

ވަގު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވާން އުޅޭ މައްސަލަތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، މިދިޔަ މަހު ވެސް އެފަދަ ހަ މީހަކު ހިފަހައްޓާފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް ޝަހްސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު 11 މީހަކު އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި ކަން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ނިޒާމް ވަރުގަދަ ކުރުމުގެ އިތުރުން ހިއުމަން ޓްރެފިކިން އާއި ދެކޮޅަށް ކަމާ ބެހޭ އިދާރާތަކުން ދަނީ މަސައްކަތްތައް ކުރަމުންނެވެ.