ނުސީދާ ގޮތެއްގައި ބުނާނަމަ މިއީ ކައިވެނިތަކަށް ހާއްސަ މޫސުމެކެވެ. އަހަރީ ޗުއްޓާއާއި ދިމާކޮށް އާއިލާތައް އެއްތަންވުން ފަދަ އެތައް ސަބަބަކާ ހެދި މިދުވަސްވަރު ކުރާ ކައިވެނީގެ އަދަދުތައްވެސް އަހަރުގެ އެހެން ދުވަސްތަކާ ބަލާއިރު އިތުރެވެ.

ކައިވެންޏަކީ ލޯބީގެ ގޮތުން ގުޅޭ ދެމީހެއްގެ މެދުގައި އުފެދޭ މާތް ގުޅުމެކެވެ. ދެމީހުން އެކުގައި ދިރިއުޅުން ބިނާ ކުރުމުގެ ދަތުރަށް ނިކުންނައިރު އެކި ގޮތް ގޮތުން ތައްޔާރީތައް ވަމުންދާއިރު، ސިއްހީ ގޮތުން ހަދާލަން ބުއްދުވެރި ޓެސްޓުތަކެއް އެބަހުއްޓެވެ.

ދަރިމައިވުމުގެ ދުޅަހެޔޮކަން

މިހާރަކަށް އައިސް އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ ދަރިއަކު ނުލިބިގެން ދެމަފިރިން ކުރާ ޝަކުވާގެ އަޑެވެ. ކައިވެނި ހަފުލާގެ ކަންކަން ރަނގަޅަށް ނުނިމި އުޅެނިކޮށް މީހަކާ ދިމާވެއްޖެނަމަ އެންމެ ފުރަތަމަ ކުރާ ސުވާލަކަށްވެސްވަނީ ދަރިއަކު ހޯދާނީ ކޮން ދުވަހަކުން ތޯ ކުރާ ސުވާލަށްވެއްޖެއެވެ.

ދެމަފިރިއަކު އަތްތިލަ މަތީގައި ތުއްތު ކުއްޖެއްގެ ބޫޓު ޖޯޑެއް/ފޮޓޯ: ނައިޓް ހެލްޕާ

ކަންމިހެން އޮތްއިރު، ކައިވެންޏަށް ތައްޔާރުވަމުން އަންނައިރު، ދަރިމައިވުމުގެ ސިއްހަތާ، ދަރިމައިކޮށްދިނުމުގެ ސިއްހަތު ރަނގަޅުތޯއާއި އެކަމަށް އިތުރު ފަރުވާއެއް ބޭނުންވޭތޯ ދުރާލާ ބަލާލުން ބުއްދުވެރިއެވެ. މިއީ ކައިވެނީގެ ތެރޭގައި ދެން އުފެދިދާނެ އެތައް ހައިޖާނަކުން ސަލާމަތްކޮށްދޭނެ ފިޔަވަޅެކެވެ.

ބްލަޑް ކޮމްޕެޓަބިލިޓީ

މިއީ ހޭލުންތެރިކަން ކުޑަވެފައި އޮތުމުގެ ސަބަބުން މާ ބޮޑު ސަމާލުކަމެއް ނުދެވި އޮންނަ، އެހެންނަމަވެސް ސީރިއަސް ކަމެކެވެ. ކައިވެންޏެއް ކޮށް ދަރިން ހޯދަން ވިސްނާ ދެ މީހަކު އާރްއެޗް ފެކްޓާ ޓެސްޓުކުރުން މުހިންމެވެ. ތެލެސީމިއާ ކެރިއަރުން ތޯ ބެލުމަށް ޓެސްޓުކުރާ ފަދައިން، މިކަންވެސް ކުރުން ބުއްދިވެރިއެވެ. ބައެއްގެ ކަހަލަ ލޭގެ ގުރޫޕުތަކަކީ، އެއް ގުރޫޕު އަނެއް ގުރޫޕާ ގުޅުމުގައި މައްސަލަތަކެއް ކުރިމަތިވާ ގުރޫޕުތަކެކެވެ. މިމައްސަލަ އެންމެ އާންމުކޮށް ކުރިމަތިވެ ނުރައްކާތެރި ތަކުލީފުތަކަކާ ކުރިމަތިވަނީ އަނބިމީހާ ދަރިފުޅަށް ބަލިވެއިންނަ ދުވަސްވަރުއެވެ.

މާބަނޑު ދުވަސްވަރު ދަތުރުކުރާ މީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޕޭރެންޓިންގް ހަބް

މިގޮތަށް ނުގުޅޭ ދެ ގުރޫޕެއްގެ ދެމަފިރިއަކު ދެވަނަ ދަރިއަކު ހޯދާއިރު އެކަމުގެ ނުރައްކާތެރިކަން ވަކިން ބޮޑުވެއެވެ. އެއީ މާބަނޑު އަންހެން މީހާގެ ހަށިގަނޑުން އުފައްދާ އެންޓިބޮޑީޒްތައް، އޭނާގެ ބަނޑުގައި އޮންނަ ދަރިފުޅުގެ ލޭގެ ސެލްތައް ހަލާކުކޮށްލުމަށްވެސް މެދުވެރިކުރުވާ ހާލަތެކެވެ.

ޖީންސްއިން ވާރުތަކުރާ ބަލިތައް ދެނެގަތުން

އާއިލީ ގޮތުން ވާރުތަކުރާ ބަލިތަކަކީ އެއް އާއިލާއެއްގެ އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުންދާ ބަލިތަކެކެވެ. އެހެންކަމުން މާ ލަސްވުމުގެ ކުރިން އެފަދަ ބަލިތަކަށް ދުރާލާ ޓެސްޓުކުރުން އެދެވިގެންވެއެވެ. އަދި ދެމަފިރިންނަށް އުފަންވާ ދަރިންނަށް ކުރިމަތިވެދާނެ ބަލިތައް ދުރާލާ ދެނެގަނެ އެކަމަށް ތައްޔާރުވުމަށްވެސް މިކަމުގެ ސަބަބުން އެހީވެދެއެވެ.

އުފާވެރި ވަގުތަކޮޅެއް ހޭދަކުރަމުންދާ ޒުވާނުންތަކަކާ އުމުރުން ދުވަސްވީ މީހެއް/ފޮޓޯ: އައިޑީއެސް

ޖިންސީ ގުޅުމުން އަރާ ބަލިތައް

ބައިވެރިޔާއަށް ކިތަންމެ އިތުބާރު ކުރި ކަމުގައި ވީ ނަމަވެސް، މިއީ ކައިވެނީގެ ކުރިންނާ އަދި ކައިވެނީގެ ފަހުންވެސް ދޭތެރެ ދޭތެރެއިން ކުރުން ރަނގަޅު ޓެސްޓުތަކެކެވެ. ޖިންސީ ގުޅުމުންޖެހޭ ބައެއް ބަލިތަކަކީ ފުރާނައަށްވެސް ނުރައްކާވާ ވަރުގެ ސީރިއަސް ބަލިތަކަކަށް ވާއިރު، އަނެއްބައި ކަންކަމަކީ ދުރާލާ ދެނެގަނެވިއްޖެނަމަ ފަރުވާކޮށްގެން ފަސޭހަ ކުރެވޭ ކަންކަމެވެ.

އެޗް.އައި.ވީ އެއިޑްސް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އޭއެފްއޯ

ކައިވެންޏަކަށް ތައްޔާރުވަމުންދާއިރު ހަފުލާގައި ބޭނުންކުރާ ކުލަތަކާ، ގޭތެރެ ރާވާނެ މޮޅެތިތާ އުކުޅުތަކާ، މާމުއި ހަނދުގެ ދުވަސްތައް ހޭދަކުރާނެ ގޮތްތައް ދުރާލާ ބަލާ ފަދައިން، އިސްވެ ބަޔާން ކުރެވުނު ކަންކަމަށް ވިސްނާ، އެކަންކަމަށް ފިޔަވަޅު އެޅުމަކީ އުޖާލާ ކައިވެންޏެއްގެ ދުޅަހެޔޮ ފެށުމަކަށް ވެގެންދާނެއެވެ.