އިންޑިއާގެ ރަށްވެހިކަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ނުވަތަ ކެބްއާއި ގުޅިގެން އެގައުމުގެ އެކި ހިސާބުތަކުގައި ހަމަނުޖެހުންތައް ހިންގަމުންދާއިރު އައްސާމް ސްޓޭޓްގައި ކުރިއަށް ގެންދާ މުޒާހަރާތައް އިތުރަށް ވަރުގަދަކޮށް، އެ ސްޓޭޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ކެބްއާއި ގުޅިގެން އައްސާމްގައި ކުރިއަށް ގެންދާ މުޒާހަރާތައް 5 ވަނަ ދުވަހަކަށް ދިގުލާ ގޮސްފައިވާއިރު އެންމެ ފަހުގެ ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ އެއްގަމު އުޅަނދުތަކުގައި ރޯކޮށް އަންދާލާފައިވާއިރު، 6 ރޭލްވޭ ސްޓޭޝަނަކަށްވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އިރުމަތީ އައްސާމް ސްޓޭޓްގައި ކުރިއަށްދާ ވަރުގަދަ މުޒާހަރާތަކާއެކު އުއްތަރަ ޕްރަދޭޝްގެ އަލިގާ މުސްލިމު ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންގެ ދަނީ ވަރުގަދަ އިހުތިޖާޖެއް ކެބްއާއި ދެކޮޅަށް ކުރަމުންނެވެ. މީގެ އިތުރުން ވެރިރަށް ނިއު ދިއްލީގެ އިސްލާމީ ޔުނިވާސިޓީގައި ކިޔަވާ ކުދިންވެސް ދަނީ ކެބްއާއި ދެކޮޅަށް މުޒާހަރާކުރަމުންނެވެ.

މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި، އެމީހުން މުޒާހަރާ ކުރަމުންދަނީ ކެބް މުރާޖައާކޮށް އެކަމަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ސަރުކާރަށް ގޮވާލުމަށް ބޭނުންކުރާ ޑިމޮކްރަސީގެ އާލާތެއްގެ ގޮތުގައެވެ.

ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް ފާޑުކިއުންތައް އަމާޒުކުރާ ފަރާތްތަކުން ބުނާ ގޮތުގައި މޯދީގެ ސަރުކާރުން ދައްކާ ހަމައެކަނި ވާހަކައަކީ ދީނުގެ ވާހަކައެވެ. ނަމަވެސް އިންޑިއާއަށް ކުރިމަތިވެފައިވާ އިގުތިސޯދީ އަދި މާލީ މައްސަލަތައް ފަދަ ކަންކަމަށް ސަރުކާރުގެ އެއްވެސް އިޖާބައެއް ނުލިބޭ ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.