އެއީ އޯގަސްޓްމަހުގެ 5 ވަނަ ދުވަހެވެ. ޖައްމުއާއި ކަޝްމީރު ސްޓޭޓްއަށް މިނިވަންކަމާ އިސްތިގުލާލު ކަށަވަރުކޮށްދިން މާއްދާ 370، އިންޑިއާގެ ގާނޫނު އަސާސީއިން އުނިކުރުމަށް އެގައުމުގައި ވެރިކަން ކުރަމުން އަންނަ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އިން ނިންމުމާއެކު، ޅެންވެރިޔާ ޝަގުފްތާ ޒާހިދަށް ލިބުނީ ކުށްލި ސިހުމެކެވެ.

"އެއީ ހިތަށް ލިބުނު ފުން ޒަހަމެއް. ދުވަހަކުވެސް ފަސޭހަވުމެއް ނެތް ޒަހަމެއް. ދިރިހުރިހާ ހިނދަކު އެ ޒަހަމްގެ ވޭން އަހަރަމެން އުފުލާނަން"، އުމުރުން 55 އަހަރުގެ ޝަގުފްތާ ފަށަމުންވެސް ބުނެލިއެވެ.

ގައުމުގެ ހުރިހާ ރައްޔިތުންގެ ފައިދާއަށް ކަމަށްވިދާޅުވެ، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުން ގެންނެވި ބަދަލާއެކު ހުރިހާ ފަރާތަކުން ބައްދާލެވިފައިވާ ކަޝްމީރު ވާދީގައި 7 މިލިއަނެއްހާ މީހުން ގައިދީންގެ ގޮތުގައި ދިރިއުޅެމުންދާތާ 4 މަސްދުވަހަށްވުރެ ގިނަވީއެވެ. ފޯނާ އިންޓަނެޓްގެ ހިދުމަތް އަދިވެސް އެސަރަހައްދަކު ނެތެވެ. މަގުތަކުން އަދިވެސް ފެންނަނީ އަސްކަރިއްޔާގެ ސިފައިންނެވެ. ބައެއް ފަހަރު ބަރު ހަތިޔާރާވެސް އެކުގައެވެ.

ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ ރައްޔިތުންތަކެއް އެ ޓެރިޓަރީގެ ބާޒާރު މަތީ ސަރަހައްދަކަށް ޖަމާވެފައި/ފޮޓޯ: ދާނިޝް ސިއްދީޤީ | ރޮއިޓާޒް

މިމަންޒަރުތައް ޝަގުފްތާ ނޯޓު ކުރަމުންދަނީ ޅެމުގެ ސިފާގައެވެ. ހިތުގެ ވޭނީ އާހުތައް އޭނާ ބަންޑުންކުރަމުންދަނީވެސް ޅެމުގެ ގޮތުގައެވެ. މިއީ ޒަމާނީ ދަގަނޑު ދަހަނާޖަހައިގެން ރައްޔިތުންތަކެއް ގެންގުޅެމުންދާ ކަޝްމީރުގެ ރަށްވެއްސެއްގެ ވާހަކައެވެ.

"ހިތުގެ ޝުއޫރުތައް ބޭރުކުރާނެ އެހެން ގޮތެއް ނެތް. ވާހަކަ ދައްކާ، އަޑުއުފުލަން ބިރުގަނޭ. ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބެނީ މިގޮތަށް ޅެން ލިޔެގެން" ފާއިތުވީ 4 މަހެއްހާ ދުވަސް ހޭދަކުރި ގޮތް ކިޔައިދެމުން ޝަގުފްތާ ބުންޏެވެ.

2 ދަރިންގެ މަންމައެއް ކަމަށްވާ ޝަގުފްތާ ބުނާ ގޮތުގައި މި ކަންތައްގަނޑާ ގުޅިގެން އޭނާއަށް ކުރިމަތިލާންޖެހުނު އެންމެ ހިތްދަތި ކަމަކީ، އޭނާގެ 2 ދަރިންވެސް، ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ތިބިކަމެވެ.

އިންޑިއާގެ ސަލާމަތީ ބާރުތަކުން ކަޝްމީރުގައި ފޯރިމަރަނީ/ފޮޓޯ: ޝުއައިިބު ބަޝީރު

ކަޝްމީރުގެ ހަމަނުޖެހުންތަކުގައި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގިނަ އަދަދެއްގެ ކުޑަކުދިންވެސް ވަނީ ގެންގޮސްފައެވެ. މިއަދަދު 140 އަށްވުރެ މައްޗަށް އަރައެވެ.

ޝަގުފްތާ ފަދައިން، ރުކްސާނާ ޖަބީންއަކީވެސް ފާއިތުވީ 40 އަކަށް އަހަރު، އެކި ބަސްބަހުން ގަލަން ހިންގަމުންދިޔަ ކުޅަދާނަ ޅެންވެރިއެކެވެ. އޭނާގެ ގަލަމުންވެސް މިހާރު ލިޔެވެމުންދަނީ ދާދި އެއްކަހަލަ ބައިތުތަކެކެވެ.

ރުކްސާނާގެ ޅެންތަކުގައި ފާޅުކޮށްފައި ހުންނަ ޝުއޫރުތަކަކީ އިންގިލާބީ މުޒާހަރާތަކެއްގައި އަންބާއަކަށްވެސް ފުދޭ ވަރުގެ ވަރުގަދަ ޝުއޫރުތަކެކެވެ. ސީދާ ގޮތުންނާ ނުސީދާ ގޮތުން، އިންޑިއާގެ ޚުދުމުޚުތާރު ވެރިންނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފައިވާއިރު، ކަޝްމީރުގެ ރަށްވެހިންގެ ހާލު އެހާމެ ތަފްސީލުކޮށް ބަޔާންކޮށްދީފައިވެއެވެ. ދިވެހި ބަހަށް އެ ބައިތުތައް ތަރުޖަމާ ކުރުމަކީ އިންސާފަކަށް ނުވާނެއެވެ.

ޅެންވެރިންގެ އިތުރުން ކަޝްމީރުގައި ތިބި މޮޅެތި ކުރެހުންތެރިންގެ ހިޔާލުގައިވެސް މިހާރު އެނބުރީ މިފަދަ މަންޒަރުތަކެވެ. އެމީހުންގެ ފަންސޫރުތަކާ ފިހިތަކުންވެސް ފާޅުވަނީ ހިތާމައިގެ ކުލަވަރުތަކާ މަންޒަރުތަކެވެ. އަޅުވެތިކަމާ ވޭނުގެ ހިތްދަތިކަމެވެ.

ކަންމިހެން އޮތްއިރު، ކަޝްމީރުގެ ފަންނުގެ ބައެއް ދަރިން އަދިވެސް ތިބީ ލިބުނު ކުށްލި ސިހުމުގައި ހުއްޓުން އަރާފައެވެ.