އިންޑިއާގެ މައިނޯރިޓީ މުޖުތަމައުތަކުގެ ހައްގުގައި ބަސް ވިދާޅުނުވާތީ ރައްޔިތުންގެ މަޖިލީހުގެ ރަައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަދުވެތިވެ ވަޑައިގަންނަވަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ވޮޗުގެ އެސޯސިއޭޓެޑް އޭޝިޔާ ޑައިރެކްޓާ ޕެޓްރިޝިޔާ ގޮސްމަން ވިދާޅުވެއްޖެއެވެ.

ޕެޓްރިޝިޔާ ގޮސްމަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ބަތަލެއް ކަމުގައި ނަޝީދު ވެވަޑައިގަންނަވާ އިރު، އެމަނިކުފާނު އިންޑިޔާގެ މައިނޯރިޓީ ދީންތަކުގެ ހައްގުގައި ބަސްފުޅެއް ވިދާޅުނުވުމަކީ އެމަނިކުފާނު ލަދުވެތިވަޑައި ގަންނަވަންޖެހޭ ކަމެއް ކަމުގައެވެ.

މިހެން އޭނާ ވިދާޅުވެފައިވަނީ އިންޑިޔާއަށް ހިޖުރަކޮށްގެން ދިރިއުޅޭ އަވައްޓެރި އެހެން ގައުމުތަކުގެ ރައްޔިތުންނަށް ރައްޔިތުކަން ލިބޭ ގޮތަށް އިންޑިޔާގެ ގާނޫނަށް ގެންނަ ބަދަލުގައި މުސްލިމުން އިސްތިސްނާކޮށްފައި ވާތީއެވެ. އަދި އިންޑިޔާގައި ދިރިއުޅޭ ހިންދޫ ދީން ފިޔަވައި އެހެން ދީންތަކުގެ މީހުންނާމެދު އަނިޔާވެރި އަމަލުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދުވަސްވަރެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަފްދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ނަޝީދު ގެންދަވަނީ އިންޑިއާ ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވަމުންނެވެ. އަދި ރަށްވެހިކަން ދޭ ގާނޫނު "ކެބް" ރަނގަޅުކަމަށް ދޭހަވާ މޭރުމަކުން ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަފްދު އިންޑިޔާއަށް ކުރައްވަމުން މި ގެންދަވާ މި ދަތުރުފުޅުގައި ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ "ލޯކްސަބާ" އާއި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ރަނގަޅު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.