ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއާ އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) މިހާރު "މަރުވެފައިވާ" ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.

ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ސިޔާސީ ގޮތުން އަމިއްލަފުޅު ފައިދާއަށް ނަޝީދު ދައްކަވާ "ތާކުންތާކު ނުޖެހޭ" ވާހަކަފުޅުތައް ކަމަށެވެ. ނަޝީދުގެ އެ ވާހަކަ ކުށްވެރި ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ސައީދު ވަނީ ގޮވާލައްވާފައެވެ.

އެފްޓީއޭ އެގްރީމަންޓުގައި ސޮއިކުރީ 2014ވަނަ އަހަރުއެވެ. ރާއްޖޭގެ ފަރާތުން އެ އެގްރީމަންޓުގައި ސޮއިކުރީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ސައީދެެވެ. އެ އެއްބަސްވުން ކުރިއަށް ގެންދިއުމަށް އޭރު ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.

އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ މީޑިޔާތަކާ ބައްދަލުކުރައްވާ ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާ އެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް ކުރިއަށް ނުގެންދާނޭ ކަމުގެ އިޝާރާތް ކުރައްވާފައެވެ. އެގޮތުން އެ އެއްބަސްވުން މިހާރު އޮތީ "މަރުވެފައި" ކަމަށާއި އެ އެއްބަސްވުން ކުރިއަށްގެންދަން މިހާރުގެ މަޖިލީހުން ރުހުން ބޭނުންވާ ކަމަށާއި އެ ރުހުން މަޖިލީހުގެ އެއްވެސް މެމްބަރަކު ދެއްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ލޯނުގެ ގޮތުގައި ރާއްޖެ އިން ދައްކަން ޖެހެނީ 1.5 ބިލިއަން ޑޮލަރު ކަމަށް ޗައިނާ އިން ބުނާ ކަމަށާއި ނަމަވެސް ޗައިނާ އިން ބުނާ އެ އަދަދަކީ ހަމައެކަނި ސަރުކާރަށް ދީފައިވާ ލޯނުތަކުގެ އަދަދު ކަމަށެވެ.

އެގޮތުން ޕްރައިވެޓް ލޯނުތަކާއި ސޮވެރިން ގެރެންޓީ ފަދަ ތަކެތި އެއްކޮށްލުމުން ލޯނުގެ ގޮތުގައި ރާއްޖެ އިން ޗައިނާ ދައްކަންޖެހޭ އަދަދު 3.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރާއްޖޭގެ ޖީޑީޕީ އަކީ ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރު. 2022 ވަނަ އަހަރު އަހަރުމެން އެބަޖެހޭ ޗައިނާ އަށް 700 މިލިއަން ޑޮލަރު ދައްކަން"
ރައީސް ނަޝީދު

ޗައިނާ އިން ފަށާފައި ހުރި ޕްރޮޖެކްޓުތައް ވަކި ހިސާބަކުން ނުހުއްޓުވޭނެ ކަމަށާއި އެހެންކަމުން ދަރަނި ދެއްކުން ނޫންގޮތެއް ނެތް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ ރާއްޖެ އަށް އޮތް ބޮޑު ޗެލެންޖެއްކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ ޗައިނާގެ ސަރުކާރުން އެކަމުގައި ތަފާތު އިންތިޒާމެއް ގެންގުޅުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

ޗައިނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ނަޝީދު ވަނީ ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭ ލޯނު އެހީތަކަކީ ތަރައްގީއަށް ވެދޭ އެހީތެރިކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށާ އޭގެ ބަދަލުގައި އެއީ ދަރަނީގެ ދަންތުރައެއް ކަމަށްވެސް ވިދާޅުވެފައެވެ.

ނަޝީދުގެ ވާހަކަފުޅުތަކަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަނީ ރައްދު ދެއްވާފައެވެ.