އިންޑިއާގެ ރަށްވެހިކަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް ނުވަތަ ސިޓިޒަންޝިޕް އެމެންޑްމަންޓް ބިލް (ކެބް)އަކީ އޭގެ އަސާސްތަކަށް ބަލާއިރު، މުސްލިމުން އެކަހެރިވާ ގޮތަށް، ތަފާތުކުރުންތަކެއް އެކުލެވިގެންވާ ބިލެއްކަމަށް ބުނެ، އެ ބިލު އަލުން މުރާޖައާ ކުރުމަށް އިންސާނީ ހައްގުތަކާ ބެހޭ އދގެ އިދާރާއިން ގޮވާލައިފިއެވެ.

ކެބް ނުބަތަ ސިޓިޒަންޝިޕް އެމެންޑްމަންޓް ބިލަކީ އިންޑިއާގައި ރެފިއުޖީންގެ ގޮތުގައާއި އެނޫންވެސް ޣައިރު ގާނޫނީ ގޮތް ގޮތަށް ދިރިއުޅެމުންދާ ޣައިރު މުސްލިމުންނަށް އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހި ކޮށްދޭ ބިލެކެވެ. މި ބިލްގެ ދަށުން، އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު، ބަންގްލަދޭޝް އާއި އަފްގާނިސްތާނުގެ އިތުރުން ޕާކިސްތާނު ދަރިކޮޅަށް ނިސްބަތްވާ ހިންދޫންނާއި ޖެއިން އަދި ބުދިސްޓުންނާ ސިކުން އަދި ފާރިސީންނާ ކުރިސްޓިއަނުންވެސް ލިބިގެންދާނެއެވެ.

ކެބްއާއި ދެކޮޅަށް އިންޑިއާގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުން ދާއިރު އިންޑިއާގެ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިންގާ، އާންމު ރައްޔިތުންގެ ތެރެއިން ބައެއް މީހުންގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.

ސްވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިންސާނީ ހައްގުތަކާ ބެހޭ އދގެ ތަރުޖަމާނު ޖާމީ ލޯރަންސް ވިދާޅުވީ، އަލަށް އެކުލަވާލި ކެބްއަކީ އިންޑިއާގެ ސުޕްރީމް ކޯޓުން މުރާޖައާ ކުރާނެ ބިލެއް ކަމަށް ގަބޫލުކުރައްވާ ކަމަށާ، މި ބިލަކީ އިންސާނީ ހައްގުތަކުގެ ރޮނގުން ބައިނަލްއަގުވާމީ ފެންވަރުގައި އިންޑިއާއަށް މަތިކޮށްފައިވާ ޒިންމާއާ އެއް ރޫހެއްގައި، ގާނޫނާ ތައާރަޒު ނުވާ ބިލެއްތޯ ކަށަވަރުކުރުމަށް ބަލަންޖެހޭ ކަންކަން މުރާޖައާ ކުރެވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ކެބްއާއި ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައިވެސް އިންޑިއާއަށް ދަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރަމުންނެވެ.

ދިވެހިރާއްޖެއިން ބުނީ ކީކޭ؟

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް (ކެބް)އާއި ގުޅިގެން ދިވެހިރާއްޖެއިން ރަސްމީ ސިފައެއްގައި ވަކި ސްޓޭންޑެއް ނަގާފައެއް ނުވެއެވެ. ނަމަވެސް، އިންޑިއާއަށް މިވަގުތު ޒިޔާރަތްކުރައްވަމުން ގެންދަވާ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިކަމާ ބެހޭ ގޮތުން އެމަނިކުފާނުގެ ޝުއޫރު ފާޅުކުރައްވާފައެވެ.

އިންޑިއާގެ ދުވަހު ނޫސް ވިއޯންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅުން ހުރި ކަންކަމީ އިންޑިއާ ރައްޔިތުންގެ ދާހިލީ ކަމެއް ކަމަށާ، އިންޑިއާގެ ޑިމޮކްރަސީއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

އެންމެ ތަފްސީލުކޮށް ބިލް ވިދާޅުވެފައި އަދި ނުވާ ކަމަށާ، ނަމަވެސް އިންޑިއާ ގަބޫލުކުރުމެއްގެ މައްޗަށް އުފެދިގެން އައި އެންމެ އަސާސީ އެއް ގަބޫލުކުރުމަކީ ވަކި ދީނަކަށް ނިސްބަތްވުމުގެ ސަބަބުން ވަކި މީހަކަށް އިހާނެތިކޮށް ނުހިތުން ކަމަށް ބުނާ އަސާސަށް ވާއިރު، އެފަދަ ކޮންމެ މީހަކަށް އިންޑިއާގައި ހިމާޔަތާ ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއާއި މަތިގެއިން ކެބް ފާސްކުރީ ހުސްވި ހަފުތާ ނިމެން ދަނިކޮށެވެ.