ދުނިޔޭގެ އެކި ގައުމުތަކުގައި އިސްލާމް ދީނުގެ މައުލޫމާތު ދެއްވަމުން ގެންދަވާ ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކް ރާއްޖެ ވަޑައިގަންނަވަން އުޅުއްވި ކަމަށާއި އެކަމަށް ސަރުކާރުން ހުއްދަ ނުދިނީ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ކަމުގައި އިންޑިއާގެ ނޫސްވެރިއަކު ބުނެފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި ދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމަށް އިންޑިއާގެ ޑަބްލިއުއައިއޯއެން (ވިއޯން) ގެ ނޫސްވެރިއާ ބުނެއެވެ.

އިތުރު ތަޕްސީލެއް ހާމަ ނުކޮށް އޭނާ ބުނެފައި ވަނީ ޒާކިރު ނައިކް ރާއްޖެ ވަޑައިގަންނަވަން އުޅުއްވި ކަމަށާއި އެކަމަށް ސަރުކާރުން ހުއްދަ ނުދިނީ ކަމަށް ރައީސް ނަޝީދު، ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ.

ޒާކިރު ނައިކު އަކީ އިންޑިއާގެ ރައްޔިތެއް ނަމަވެސް އޭނާއަށް އެގައުމުގައި ދީނީ ދަރުސް ދެއްވުން އޮންނަނީ މަނާ ކޮށްފައެވެ. އަދި ތަފާތު ގިނަ ފިއްތުންތަކާ ހުރެ އޭނާ ދިއިއުޅުއްވަނީ މިހާރު މެލޭޝިއާގައެވެ.

މީގެ އިތުރުން އިންޑިއާގައި މިހާރު އެންމެ ހޫނުވެފައިވާ ރަށްވެހި ކަމުގެ ބިލް (ކެބް) އާ ބެހޭ ގޮތުންވެސް ރައީސް ނަޝީދު ވާހަކަ ދައްކަވާފައި ވާކަމަށާއި، އިންޑިއާގެ ޑިމޮކްރަސީއަށް އިތުބާރު ކުރައްވާ ކަމަށް ނަޝީދާ ހަވާލާދީ އެނޫސްވެރިއާ ބުނެއެވެ.

އަދި ޗައިނާގެ މައްޗަށް ރާއްޖޭގެ ދަރަނި އޮތް ގޮތާ ބެހޭ ގޮތުންވެސް ވާހަކަ ދައްކަވާފައިވާ ކަމަށާ، ރައީސް ނަޝީދު އިތުރުފުޅު ހައްދަވާ ކަމަށް ޗައިނާއިން ބުނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.

އިންޑިއާގެ ލޯކް ސަބާ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުމާ ބެހޭގޮތުންވެސް ނަޝީދު ވާހަކަ ދައްކަވާފައި ވެއެވެ.