ޓެރަރިޒަމްގެ ނުރައްކަލުން ދިވެހި ގައުމު ސަލާމަތްކުރުމަށް އަޅުއްވަން ޖެހިވަޑައިގެންނެވި ކޮންމެ ފިޔަވަޅެއް އަޅުއްވަމުން ގެންދަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ވަނީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާ ގޮތަށް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ދިވެހިން މަސައްކަތް ކުރުމަކީ ސަރުކާރުން އަޅާނުލާ ދޫކޮށްލާނޭ ކަމެއް ނޫން ކަމަށެވެ.

އިމްރާން މި ޓްވީޓު ކުރައްވައިފައި މި ވަނީ ސީރިޔާގައި ހަރަކާތްތެރިވާ ދިވެހި ހަނގުރާމަވެރިއެއްގެ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައި ވަނިކޮށެވެ.

އެ ވީޑިއޯ އަކީ ސީރިޔާގެ ހަނގުރާމައިގެ ހަބަރުތަށް ގެނެސްދޭ ބިލާލް އަބުލް ކަރީމް ނަމަކަށް ކިޔާ މީހެއްގެ "ޔޫޓިޔުބް" ޗެނަލެއް ކަމަށްވާ "އޯޖީއެން" އަށް ސީރިޔާގައި ދިރިއުޅޭ ދިވެހި ހަނގުރާމަވެރިއަކު ދީފައިވާ އިންޓަވިއުއެކެވެ. އޭގައި ރާއްޖެއާ ގުޅޭ ގިނަ ވާހަކަ ދައްކާފައި ވާއިރު އޭނަ ވަނީ އެމްޑީއެން އާ ބެހޭގޮތުންވެސް ވާހަކަ ދައްކާފައެވެ.

އޭނާ ބުނާ ގޮތުގައި މައްސަލަ އަކީ އެމްޑީއެން ނޫނެވެ. މައްސަލަ އަކީ އެ ފިކުރުގެ މީހުން މިއަދު މުޅި ސަރުކާރުގެ ތެރެއަށް ފެތުރިފައި ވާތީ ކަމަށް އޭނާ ބުނެއެވެ. އަދި މަގާމު ތަކުގައި ތިބި މީހުން ދަނީ އެ މަގާމުތަށް ނަހަމަ ގޮތުގައި ބޭނުން ކޮށް ރައްޔިތުންގެ މައްޗަށް "ލާދީނީ" ގާނޫން ތަކެއް ހަދަމުން ކަމަށްވެސް އެ ޒުވާނާގެ ވާހަކައިގައި ވަނީ ފާހަގަ ކޮށްފައެވެ. އެ ގާނޫނުތަކުގެ ދަށުން އިސްލާމް ދީނާއި ރަސޫލާގެ ސުންނަތް ގަބޫލުކޮށް އެއަށް އަމަލުކޮށް އުޅެމުންދާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަމުންދާ ކަމަށް އޭނާ ބުނެ ވަނީ ވާހަކަ ދައްކާފައެވެ.

އަދި އޭނާ ރާއްޖެ ދޫކޮށް ސީރިޔާއަށް ދިއުމަށް މެދުވެރިވި ސަބަބުވެސް އެ އިންޓަވިއުގައި ކިޔައިދީފައި ވެއެވެ.