ތޮއްޖެހި ބާރުވެފައި ވާ މި މާލޭގައި ކުނިން ސަލާމަތް ވުމަކީ ނާދިރު ކަމަކަށް މިވަނީ ވެފައެވެ. މާލެ މަގުތަށް މަތީގައި ކުނި ގިނަވެގެން ޝަކުވާކުރާ މީހުން މަދެއް ނޫނެވެ. ނަމަވެސް މިކަމަށް ހައްލެއް ގެނައުމަށް ކެރިގެން ނިކުންނާނެ މީހުން ނުވަނީއެވެ. މާލޭގައި ދިރިއުޅޭ އެންމެން މަގު މައްޗަށް ނުކުމެއްޖެނަމަ، މާލޭ މަގުތަށް ފުރޭނެކަމަށް ދެކޭ ބަޔަކުވެސް އުޅެއެވެ. އެހެން ނަމަވެސް އެންމެން މަގުމައްޗަށް ކުނި އަޅައިފިނަމަ މަގުތައް އެއްފަހަރާ ފުރޭނެ ކަމާމެދު ވިސްނާލަނީ ކިތައް މީހުން ބާއެވެ.

މާލޭ މަގުތަކަށް ކުނި އަޅާ މައްސަލަ ހައްލު ކުރުމަށް އެކަމާ ބެހޭ މުއައްސަސާ ތަކުން އެތަށް މަސައްކަތެއް ކުރަމުން ދެއެވެ. މާލޭ ސިޓީ ކައުންސިލާއި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ އިތުރުން ވެމްކޯއިންވެސް ދަނީ ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އެގޮތުން ކުނި އަޅާ މީހުންނަށް ފާރަލާން ފުލުހުންނާ ހަވާލުކުރުމާއި، ކެމެރާ ހަރުކުރުމާއި، ޖޫރިމަނާ ކުރުމުން ފެށިގެން ގޮސް ކުނި އަޅާ މީހުންގެ ނަން ވެސް ވަނީ އިއުލާނު ކޮށްފައެވެ.

ރާއްޖޭގެ ވެރިރަށް މާލޭގައި މިފަދަކަންތަށްތަށް ދިމާވެފައި މި ވަނީ ކޮންބައެއްގެ އިހުމާލުން ހެއްޔެވެ؟މި ކަމުގެ ޒިންމާ ނަގާނީ ކާކުހެއްޔެވެ! މާލޭ ސިޓީ ކައުންސިލްތޯއެވެ! ޓްރާސްޕޯޓް މިނިސްޓްރީތޯއެވެ! އެންވަޔަރަމަންޓް މިނިސްޓްރީތޯއެވެ! ވެމްކޯތޯއެވެ! ނޫނީ ރާއްޖޭގެ ބައެއް ރައްޔިތުން އަދިވެސް ނާތަހުޒީބީ ތޯއެވެ!

މައްޗަންގޯޅި ސަހަރާ ތެރެއަށް ކުނި ކޮތަޅުތައް އަޅާފައި ވަނިކޮށް / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

މަގުތަކަށް ކުނިއަޅާ މައްސަލައަށް ހައްލެއް ލިބުމަކީ ނެތްކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މައްސަލަ އަކީ ސަރުކާރުގެ އިދާރާ ތަކެވެ. ހިތާމަ އަކީ މިކަމަށް ހައްލެއް ގެންނަން އާންމުން ނުވަތަ އެކަން ކުރާ މީހުން މަސައްކަތް ނުކުރާތީއެވެ. ކޮށްދޭ ރަނގަޅު ކަމެއް ނުފެނި ކުށް ހޯދަމުން ދުވާތީއެވެ. ވެގެން ވާނަމަ އުނދަގުލެއް ކުރާތީއެވެ. ކޮންމެވެސް ގޮތަކުން ޖެއްސުމެއް ކޮށްލާތީއެވެ.

ރާއްޖޭގެ ކުނި މެނޭޖު ކުރުމަށް ކުރެވެމުންދާ މަސައްކަތުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް(ވެމްކޯ) ގެ ނަމުގައި ވަނީ ކުންފުންޏެއް އުފައްދާފައެވެ. ނަމަވެސް ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރެވެމުންދާ މަސައްކަތަށް އާންމުންގެ އެއްބާރުލުން ނުލިބޭކަން ވެމްކޯއިން ފާހަގަ ކުރެއެވެ. ރޭގަނޑައި ދުވާލު ކުރާ މަސައްކަތަށް ފަޑުކިޔާ އެކަން ބަލައި ނުގަންނަ މީހުންވެސް މަދު ނަމަވެސް މިއީ ހިނގަމުންދާ ހަގީ ގަތެކެވެ.

ދުވާލު އެއްބަޔަކު ވަޒީފާ އަދާ ކުރަމުން ދާއިރު އަނެއް ބަޔަކު މީހުން މަދުވެ ހިމޭން ވުމުން ސާފު ކުރުމަށް ނިކުމެއެވެ. ބައެއް މީހުން ގަބޫލް ކުރާ ގޮތުގައި ކުނިކަހާ ސާފު ކުރުމަކީ ހަޑި ކަމެކެވެ. އާންމު ބަހުން ނުބާނަމަ ވަރަށް ޑީގްރޭޑް ކަމަކަށް މި މަސައްކަތް މިވަނީ ވެފައެވެ. ހަލާލު ގޮތުގައި ބުރަ މަސައްކަތުން ހޯދާ ފައިސާއިން އެ މީހުންނަށް ލިބެމުންދަނީ މަލާމާތާއި ފުރައްސާރައެވެ.

ވެމްކޯ ކުނި އުކާ މީހެއް --

ދާދި ފަހުންވެސް ވަނީ ކުނި އުކާލުމަށް މާލެ ތެރޭގައި ހަރަކާތްތެރިވި ވެމްކޯގެ މުއައްޒަފަކަށް އެސްލޯނު ހޮޅިބުރިއަކުން މީހަކު ހަމަލާދީފައެވެ. އަދި މީހާކު ކުނި ކޮތަޅުން ވެމްކޯ މުވައްޒަފުގެ ބޮލުގައި ޖެހުމަށްފަހު ދިޔަ މައްސަލަ އެއްވެސް ވަނީ ފެންމަތިވެފައެވެ. މިކަމާއި ގުޅިގެން ވެމްކޯއިން ވަނީ އެތަނުގެ މުވައްޒަފުންނަށް އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅުއަޅާ އެ ފަދަމީހުންނަށް ހައްގު އަދަބު ގާނޫނުގެ ދަށުން ދޭނެކަމުގެ ޔަގީންކަން ދީފައެވެ. އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުން އަވަދިނެތި އާންމު ރައްޔިތުންނަށްޓަކާ ވަމުން އެ ދާ ގުރުބާނީ އަށް ޝުކުރު ހައްގެވެ. އަތްވަކަށް ވާރެއަކަށް ބެލުމެއްނެތި އެމީހުންގެ ވަޒީފާ އަދާކުރަމުން ދަނީ ހަމައެކަނި ވަޒީފާ އަކަށް ބަލައިގެން ނޫނެވެ. ފަރުދީ ޒިންމާ އެއްގެ ގޮތުގައެވެ. ހިތާމަ އަކީ މިކަން ބަލައިނުގަންނަ ބަޔަކު މަދުން ނަމަވެސް މި ރާއްޖެއިން ފެންނަމުންދާ ކަމެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކްލީން ސްކީމް ޕްރޮޖެކްޓެއް އެކުލަވާލައިފައި ވާ ކަމަށާއި މިކަމަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށެވެ. މި ޕްރޮޖެކްޓްގެ ތެރޭގައި އޯގަނައިޒް ސެޓަޕެއް ހެދިފައި ވާ ކަމަށާއި މި ސެޓަޕްގެ ތެރޭގައި މާލޭ މަގުތަށް ހަދަމުން ދާއިރު މާލޭގެ މަގުތަކުގައި ޑަސްބިން ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ޝަމާއު ވިދާޅުވިއެވެ. އެގޮތުން ޑަސްބިން ބަހައްޓަން ހަމަޖެހިފައި ވަނީ މާލެ ވަށައިގެންނާއި ފުރަން މީހުންދާ ދިމާ ތަކާއި، މީހުން އާންމު ގޮތެއްގާ އެއްވެ އުޅޭ ސަރަހައްދުތަކަށް ހާއްސަ ސަމާލު ކަމެއް ދީގެން ކަމަށްވެސް ޝަމާއު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެންވަޔަރަމަންޓު މިނިސްޓްރީން މާލޭގައި ޑަސްބިންތަކެއް ހަރުކުރުމުގެ މަޝްރޫއެއް ފެށިއެވެ. އެގޮތުން އަލުން ބޭނުންކުރެވޭނެ ކުންޏަށާއި އެހެނިހެން ޒާތުގެ ކުނި އެޅުމަށް ވަކިން ދެ ޑަސްބިން އޭރު ޗާންދަނީ މަގުގައި ބެހެއްޓިއެވެ.

އަލުން ބޭނުންކުރެވޭނެ ކުންޏަށާއި އެހެނިހެން ޒާތުގެ ކުނި އެޅުމަށް ވަކިން ދެ ޑަސްބިން ޗާންދަނީ މަގުގައި ބަހައްޓާފައި / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މާލޭގެ މަގުތަކުގައި ޑަސްބިންތަކެއް ބެހެއްޓީ، އޭގެ ބޭނުން ރައްޔިތުން ކުރޭތޯ ބެލުމަށް ޓެސްޓަކަށް ކަމަށެވެ. ނަމަވެސް މިކަމުން އެންމެ އެދެވޭ ނަތީޖާ ނެރެވިފައި ނުވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ. ސަބަބަކަށް ވެފައި ވަނީ އެ ޑަސްބިންތަކަކީ ވަކި ހާއްސަ ކުންޏެއް އެޅުމަށް ބަހައްޓާފައިވާ ޑަސްބިން ތަކަށްވީ ނަމަވެސް ގޭގެއިން ނެރޭ ކުނި ކޮތަޅުތަށް ޑަސްބިން ކައިރީ ބަހައްޓާ ކަމަށައި އެ ޑަސްބިން ތަކުގެ އެރެރެއަށް ވެސް ގޭގެއިން ނެރޭ ކުނިވެފައި ހުންނަ ތަކެތި އަޅާފައި ހުންނަ ކަމަށެވެ.

އެންވާރަމަންޓް މިނިސްޓްރީން ބުނީ އޭރު މާލޭގެ މަގުތަކުގައި ބަހައްޓަންފެށި ޑަސްބިންތަކަކީ މަގުތަކުގައި ބެހެއްޓުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޑަސްބިންތަކެއްކަމަށެވެ. އެ ޑަސްބިންތައް ބަހައްޓާފައި ވަނީ ދުވާރުގެ ބޭރު ކައިރީގައި ކާނުގަނޑަށް ނާރާގޮތަށް ހޮޅިދަނޑިއެއް ހަރުކޮށް، އެ ހޮޅިދަނޑީގައި ޑަސްބިން ހަރުކުރެވިފައި ހުންނަ ގޮތަށެވެ. އާންމުންގެ ޝަކުވާތަކަށައި މުޖުތަމައުގެ ރައްކާތެރި ކަމަށްވެސް މިއީ ކުރަން ރަނގަޅު ކަމަކަށް ފެނޭ ހެއްޔެވެ! ކަމެއް ރަނގަޅު ކުރަން މަސައްކަތް ކުރަން ބެލިޔަސް އެކަމެއްގެ ނާޖާއިޒް ފައިދާ ނަގާ މީހުންގެ ސަބަބުން ކަމުގެ ފައިދާ ރަނގަޅު ގޮތުގައި ނަގަން ބޭނުންވާ މީހުންނަށްވެސް ކުރިމަތިލާން މި ޖެހެނީ އުނދަގުލާއެވެ.

މާލޭގެ މަގެއް މަތީގައި ކުނި ބަހައްޓާފައި: ފޮޓޯ ޓްވިޓާ

އެންވަޔަރަމަންޓް މިނިސްޓްރީން ބެހެއްޓި ޑަސްބިން ތަކާ ބެހޭގޮތުން ޝަމާއު ވިދާޅުވީ އޭރު ޑަސްބިންތައް ބެހެއްޓީ ވަކި ޕްލޭނެއް ކޮށްގެން ނޫން ކަމަށާއި މިހާރު މާލޭގެ މަގުތަކާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޕްލޭންގެ ދަށުން މަގުތައް ސާފުކޮށް ބެހެއްޓުމަށްވެސް އަލިއަޅުވާލާފައިވާނެ ކަމަށެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ޑަސްބިންތަށް ބެހެއްޓި ފަހުން ހައުސިން މިނިސްޓްރީގެ ފަރާތުން ވެސް މާލޭގެ މަގުތަކުގައި ޑަސްބިން ބަހައްޓާނެ ކަމަށް ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އާންމުގެ ހިޔާލުވެސް ހޯދައިލީމެވެ. މާލެ މަގުމައްޗަށާއި ސައިކަލު ވަށިގަނޑު ތަކާއި ކަރަންޓު ބޯޑު ތަކުގެ މައްޗަށް ކުނި އަޅަނީ ބައެއް ރައްޔިތުންގެ ނާތަހުޒީބު ކަމުން ކަމަށް ބައެއް މީހުން ބުންޏެވެ. އެއްބަޔަކު މިގޮތަށް ގަބޫލު ކުރި އިރު އަނެއް ބަޔަކު ގަބޫލު ކުރަނީ ސަރުކާރުގެ އިދާރާތަކަށް އެކަށީގެންވާ މަސައްކަތް ނުކުރެވެނީ ކަމަށެވެ. އަދި ހަމަ އެހެންމެ މިއީ އެކަކު އެކަނި ނުވަތަ ހަމަ އެކަނި ސަރުކާރުގެ މުއައްސަސާ ތަކުން މަސައްކަތް ކުރި ނަމަވެސް އާންމުނެގެ އެއްބާރުލުމާ އެކު ހައްލު ކުރެވޭނެ މަސައްކަތެއްގެ ގޮތުގައި ވެސް ގަބޫލު ކުރާ މީހުން އުޅެއެވެ.

މީގެ ކުރީން ކުނި އެޅުމަށް ހާއްސަކޮށްގެން މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ޑަސްބިންތަކެއްވެސް ބަހައްޓައިފައެވެ. ނަމަވެސް، އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައި، މާލެ މަގުތައް ސާފުތާހިރުކަމާ އެކު ބެލެހެއްޓުނުތަނެއް ނުފެނުނު ކަމީ ހިތާމަ ކުރަން ޖެހިފައި ވާ ހަގީގަތެކެވެ.

އަހަރެމެން ދިވެހިން ތަހުޒީބު ވާންވީއެވެ. އެއްބައެއްގެ ގޮތުގައި މަސައްކަތް ކޮށް ގައުމަށް ރީތި ނަން ހޯދައި ދޭން އަތުކުރިއޮޅާލާ ތެދުވާ ބަޔަކަށް ވާންވީއެވެ.