ނިމިގެންދިޔަ ހަފުތާގެ ތެރޭގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ އެގައުމުގެ ސިޓިޒަންޝިޕް އެމެންޑްމަންޓް ބިލް (ކެބް) ނުވަތަ ރަށްވެހިކަން ދޫކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މައްސަލައާއި ގުޅިގެން ހޫނުގަދަ މުޒާހަރާތަކެއް ކުރަމުންދާ އައްސާމް ސްޓޭޓް ކުށްލި ހާލަތަކަށް ގެނެސް، ކާފިއު އިއުލާންކޮށްފައި ވަނިކޮށް 2 ޒުވާނެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.

ކެބްގެ މައްސަލާގައި އައްސާމް ސްޓޭޓްގައި ކާފިއު އިއުލާންކޮށްފައި ވީ ނަމަވެސް އެތައް ހާސް ބަޔަކު ދަނީ މަގުތަކަށް ނިކުމެ، ކެބްއާއި ދެކޮޅަށް އަޑުފުއުލަމުންނެވެ. މަރުވި 2 ޒުވާނުންނަކީ މުޒާހަރާއަށް ނިކުމެ އުޅުނު ބައެއް ކަމަށާ، އެމީހުން މަރުވެފައިވަނީ ފުލުހުންނާ ދެމެދު ބަދަލު ކުރެވުނު ހަމަލާތަކެއްގައި ކަމަށް ޚަބަރު ލިބެއެވެ.

މުއްދަތެއް ނެތް ގޮތަށް އިއުލާންކޮށްފައިވާ ކާފިއުއާ ހިލާފަށް މަގުތަކަށް ނިކުމެ މުޒާހަރާކުރަމުންދާ ފަރާތްތަކަށް އަމާޒުކޮށް، އިންޑިއާގެ ފުލުހުން ލައިވް ވަޒަން ބޭނުންކޮށްގެން ބާރުގެ ބޭނުންކުރަމުންދާ ކަމަށް ޚަބަރު ލިބެއެވެ. އައްސާމް ސްޓޭޓްގެ ދަތުރުފަތުގެ ހިދުމަތްތައްވެސް މުޅިންހެން ހުއްޓާލާފައިވާއިރު، އާންމުންގެ އެތައް ހާސް ބަޔަކު ވަނީ ސްޓޭޓްގެ ޗީފް މިނިސްޓަރު ދިރިއުޅުއްވާ ގެކޮޅަށް އޮށްގާވެސް އުކާފައެވެ. އަދި އެ ގެކޮޅު ވަށައިގެން ވައްބަރަކަށް ވާނެހެން އަލިފާންގަނޑެއް ޖަހާފައިވާ ކަމަށްވެސް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މުޒާހަރާތަކާ ގުޅިގެން އައްސާމްގެ ސްކޫލްތައްވެސް 10 ދުވަހަށް ވަނީ ބަންދުކޮށްފައެވެ.

ޣައިރު މުސްލިމުންނަށް ރަށްވެހިކަން ދޭ "ކެބް"އާއި ދެކޮޅަށް އިންޑިއާގެ އައްސާމް ސްޓޭޓްގައި މުޒާހަރާ ކުރަނީ/ފޮޓޯ: ސާކްޝީ ޕޯސްޓް

ކެބްއަކީ ކޮބާ؟

ކެބް ނުބަތަ ސިޓިޒަންޝިޕް އެމެންޑްމަންޓް ބިލަކީ އިންޑިއާގައި ރެފިއުޖީންގެ ގޮތުގަޔާއި އެނޫންވެސް ޣައިރު ގާނޫނީ ގޮތް ގޮތަށް ދިރިއުޅެމުންދާ ޣައިރު މުސްލިމުންނަށް އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހި ކޮށްދޭ ބިލެކެވެ.

މި ބިލްގެ ދަށުން، އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު، ބަންގްލަދޭޝް އާއި އަފްގާނިސްތާނުގެ އިތުރުން ޕާކިސްތާނު ދަރިކޮޅަށް ނިސްބަތްވާ ހިންދޫންނާއި ޖެއިން އަދި ބުދިސްޓުންނާ ސިކުން އަދި ފާރިސީންނާ ކުރިސްޓިއަނުންވެސް ލިބިގެންދާނެއެވެ.

ކެބްއާއި ގުޅިގެން އައްސާމް ހޫނުވަނީ ކީއްވެ؟

ކެބްއަކީ އިންޑިއާގެ މުސްލިމު އާބާދީގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައުގެވެސް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާ ބިލެކެވެ. ކަންމިހެން އޮތްއިރު، އައްސާމް ސްޓޭޓްގައި މިކަމާ ދެކޮޅަށް ވަކިން ވަރުގަދަ ރޫހެއް ވަނީ އުފެދިފައެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ.

އިންޑިއާގެ އައްސާމް ސްޓޭޓްގެ ރަށްވެހިކަން ކަށަވަރުކުުރުމުގެ މަރުހަލާ ކުރިއަށްދަނީ/ފޮޓޯ: އަނޫޕާމް ނާތު

އައްސާމް ސްޓޭޓްގެ މީހުން ގަބޫލުކުރާ ގޮތުގައި ކެބް އެކުލަވާލާފައި އޮތް ގޮތުން، ބަންގްލަދޭޝްއަށް ނިސްބަތްވާ އެތައް ހާސް ހިންދޫންނެއް ގަވައިދާ ހިލާފަށް އައްސާމްއަށް އެތެރެވެ، އެތަނުގައި ވަޒަންވެރިވާނެއެވެ. މިއާއެކު ވަސީލަތްތައް ހީނަރުވުމުގެ އިތުރުން އައްސާމްއަށް ހާއްސަ އެ ސްޓޭޓްގެ އަމިއްލަ ވަންތަކަން ގެއްލި، ސަގާފަތީ އާދަކާދައާއި، ވާހަކަ ދައްކާ އުޅޭ ބަހުރުވައަށްވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށް އެސްޓޭޓްގެ ރަށްވެހިން ދަނީ ވަކާލާތު ކުރަމުންނެވެ.

ބަންގާޅުންނާ އައްސާމްގެ ކޯޅުން

ބަންގްލަދޭޝް މީހުންނާ އައްސާމްގެ ރަށްވެހިންގެ ހަތުރުވެރިކަން، މާޒީގެ އެތައް އަހަރަކަށް ދެމިގެން ދެއެވެ. މިކަން އެންމެ ފުރަތަމަ ފާހަގަވެގެންދިޔައީ 1979 ވަނަ އަހަރުގެ އިންތިހާބެއްގެ ތެރެއިން، ވަކި ހިސާބަކަށް ނިސްބަތްވާ މީހުން ވޯޓު ދަފުތަރުގައި އިތުރުވި ހިސާބުންނެވެ. މިއާއެކު ބަންގްލަދޭޝްއިން ގަވައިދާ ހިލާފަށް އައްސާމްއަށް އެތެރެވެގެން އުޅޭ ކަމަށް އެސްޓޭޓުގެ ރަށްވެހިން ނިންމިއެވެ. އަދި ވިދިގެން އައި 6 އެއްކަ އަހަރު ދުވަހުގެ ތެރޭގައި ހިންގި އެކި ކުރިމަތިލުންތަކުގައި 800 އަށްވުރެ ގިނަ މީހުންގެ ފުރާނަވެސް ގެއްލިދޔައެވެ.

ޣައިރު މުސްލިމުންނަށް ރަށްވެހިކަން ދޭ "ކެބް"އާއި ދެކޮޅަށް އިންޑިއާގެ އައްސާމް ސްޓޭޓްގައި ހިންގާ ހަމަނުޖެހުންތަކުގައި ވެހިކަލްތަކެއްގައި ރޯކޮށް އަންދާލާފައި/ފޮޓޯ: ލޭޓެސްޓްލީ

މި ހަމަނުޖެހުންތަކަށް ހުއްޓުމެއް އައީ ކަމާ ބެހޭ ފަރާތްތަކާއެކު 1985 ވަނަ އަހަރު އެކުލަވާލި އައްސާމް އެކޯޑްއާއިއެކުގައެވެ. 1951 ވަނަ އަހަރުން 1971 ވަނަ އަހަރާ ހަމައަށް އިންޑިއާއަށް ގަވައިދާ ހިލާފަށް އެތެރެވީ މީހުންގެ ތަކުލީފު އުފުލީ އައްސާމް ސްޓޭޓުންނެވެ. އެހެން ސްޓޭޓްތަކުން މީހުން ބޭރުކުރުމުގައި ބެލި ސުންގަނޑިއަކީ 1951 ވަނަ އަހަރެވެ. އައްސާމް ސްޓޭޓުން އޭރުވެސް ބުނަމުންދިޔައީ އިންސާފެއް ނެތް ކަމަށެވެ.

ކަންމިހެން އޮތްއިރު ހުސްވި ހަފުތާ ތެރޭގައި ފާސްކުރި ކެބް ބުނާ ގޮތުގައި ރަށްވެހިކަން ހޯދުމަށް އެދި ހުށަހެޅުމަށް ފުރުސަތު އޮތް މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެއެވެ. އެހެނީ، 1971 ވަނަ އަހަރަށް އޮތް ކޯޓާ، 2014 ވަނަ އަހަރަށް އިތުރު ކުރުމެވެ. އައްސާމް ސްޓޭޓުން ރުޅިގަދަވަނީ މި ސަބަބާ ހެދިއެވެ. އެތައް އަހަރެއް ވަންދެން ބޮޑެތި ތަކުލީފުތަކެއް އެ ސްޓޭޓުން އުފުލަމުންދަނިކޮށް އެ ތާރީހަށް އަނެއްކާވެސް ނޭދެވޭ ބަދަލެއް ގެނައުމުން އައްސާމް އެކޯޑްއާއި ހިލާފު ވާކަމަށް އެ ސްޓޭޓްގެ ރަށްވެހިން ދަނީ ބުނަމުންނެވެ.

އެންއާރްސީގެ ވާހަކަ

ދާދި ފަހުން އިންޑިއާގެ މަސްރަހުން ލިބިގެން ދިޔަ ޚަބަރަކީ އައްސާމް ސްޓޭޓަށް ހާއްސަކޮށްގެން އިންޑިއާއިން ގައުމީ ދަތުރަތެއް އެކުލަވާލި ޚަބަރެވެ. ނޭޝަނަލް ރެޖިސްޓްރޭޝަން އޮފް ސިޓިޒަންސްގެ ނަމުގައި އޮންނަ މި ދަފުތަރު އެކުލަވާލާ، ފައިނަލްކުރީ މިއަހަރުގެ ފަހު 3 މަސްދުވަހަށް ފެށުނު ތަނާ ހެނެވެ. މި ދަފުތަރު އެކުލަވާލާ ނިމުނުއިރު، ބާކީވީ 2 މިލިއަނެއްހާ މީހުންގެ ތެރޭގައި ގިނައީ ހިންދޫންނެވެ. ނަމަވެސް އެއީ އިންޑިއާގެ ވެރިކަން ކުރަމުން އަންނަ ހިންދޫ ބީޖޭޕީއަށް ހަޖަމް ކުރެވޭނެ ކަމަކަށް ނުވާނެތާއެވެ.

ބީޖޭޕީއިން ދެނީ ބީރު ކަންފަތެއް

ކެބްއަކީ ސީދާ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ކެބްއާއި ދެކޮޅަށް އަޑުއުފުލަމުން ދިޔަ ނަމަވެސް އިންޑިއާގެ ސަރުކާރަށް އެ އަޑު ނީވޭ ފަދައެވެ.

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ރައީސްކަމުގެ މަގާމު އަދާކުރެއްވި އަމީތު ޝާހު (މ) ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ އާ ސަރުކާރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި/ފޮޓޯ: ހިންދުސްތާން ޓައިމްސް

ބީޖޭޕީގެ ކުރީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އަމީތު ޝާހް ވިދާޅުވާ ގޮތުގައި ކެބްއަކީ މުސްލިމުންނާ ދެކޮޅަށް އެކުލަވާލި ބިލެއް ނޫނެވެ. ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝާހް ވިދާޅުވީ މިއީ އިންޑިއާގެ މުސްލިމުން ކަންބޮޑުވެގެން އުޅެންވީ ވަރުގެ ކަމެއް ނޫން ކަމަށެވެ. މިމޭރުމުން ވާހަކަދައްކަވަމުން ޝާހް ވަނީ މުސްލިމުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޕާކިސްތާން، ބަންގްލަދޭޝް އަދި އަފްގާނިސްތާނުގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި މުސްލިމުންނަށް އިންޑިއާއިން ރަށްވެހިކަން ދޭންވީތޯއާއި، ގައުމަކީ މިމޭރުމުން ހިންގޭނެ ގައުމެއް ނޫންކަމަށް ވިދާޅުވެ ޝާހް ވަނީ ހިންދޫ ސަރުކާރުގެ ދިފާއަށް ކުޅުއްވާފައެވެ.