ފާއިތުވީ މަހެއްހާ ދުވަހު އަގުތައް އިންތިހާއަށް އުފުލިގެން ދިއުމަށްފަހު، އިންޑިއާގެ ބާޒާރުގައި ފިޔާ ވިއްކާ އަގު ހެޔޮކޮށްފިއެވެ.

އިންޑިއާގެ ބާޒާރުތަކުގައި މިހާރު ފިޔާ ކިލޯއެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 100-110 ރުޕީޒް އައި ދެމެދު މިންވަރެއްގައެވެ. އަދި މި ރޭންޖުގައި އަގުތައް ހިފަހައްޓާލެވިފައިވާ ކަމަށްވެސް ޚަބަރު ލިބެއެވެ.

ފިޔާ އަގު ހެޔޮކޮށްފައި މިވަނީ، އަޓާރީ ބޯޑަރު ހުރަސްކޮށް، އަފްގާނިސްތާނު މަގުން އިންޑިއާއަށް އިމްޕޯޓްކުރި ޝިޕްމަންޓްއާއި އެކުގައި ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އަފްގާނިސްތާނު ޗެކްޕޯސްޓް މެދުވެރިކޮށް 50 ލޮރީގެ ފިޔާ، އިންޑިއާއަށް އެތެރެކޮށްފައި ވާއިރު ބޯޑަރު ހުރަސްކޮށް 55 ލޮރީގެ ފިޔާ، އިންޑިއާއަށް ގެންގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އަފްގާނިސްތާނުން ފިޔާ ކިލޯއެއް ވިއްކަނީ 40-55 ރުޕީޒްއާއި ދެމެދު އަގެއްގައި ކަމަށްވީ ނަމަވެސް އިންޑިއާގެ ރީޓެއިލް ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު އަދިވެސް 100 ރިޕީޒްއަށްވުރެ މަތީގައި އުޅެނީ، އިންޑިއާގައި ހައްދާ ފިޔާ ކިލޯއެއްގެ އަގު 65-75 ރުޕީޒްއާއި ދެމެދު އަގުތަކެއްގައި އުޅުމުން ކަމަށްވެއެވެ.

އަވަށްޓެރި އިންޑިއާގެ ބާޒާރުތަކުގައި ފިޔާ ލިބުނު ދަތިވެ، އަގުތައް އިންތިހާއަށް އުފުލެމުން ފެށުމުން އަފްގާނިސްތާނުން ވަނީ އެގައުމަށްވެސް ފިޔާ އިމްޕޯޓް ކުރަން ފަށާފައެވެ. އަފްގާނިސްތާނަށް ފިޔާ އިމްޕޯޓް ކުރަނީ އުޒްބަކިސްތާނާ އީރާނުންނެވެ.

އޯޑަރުކުރާ މެނޫއާއިއެކު އިތުރަށް ފިޔާ ނުލިބޭނެ ކަމަށް ބުނާ ނޯޓިސްއެއް، އިންޑިއާގެ ރެސްޓޯރަންޓްއެއްގައި ހަރުކުރަނީ/ފޮޓޯ: ހިންދުސްތާން ޓައިމްސް

މިއާއެކު ބައިނަލްއަގުވާމީ ފެންވަރެއްގައި ފިޔާގެ އެކްސްޕޯޓް އިމްޕޯޓް ފުޅާވެގެން ގޮސްފައި ވާކަމަށާ، މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުތަކުގައި ފިޔާގެ އަގު ގާތްގަނޑަކަށް 20-30 ޕަސެންޓްއާއި ދެމެދު މިންވަރަކަށް ހެޔޮ ވެފައިވާކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ.

އިންޑިއާގެ ފިޔާގެ ވިޔަފާރިއާއި ބެހޭ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިންޑިއާގެ ބާޒާރުގައި ފިޔާގެ އަގު އިންތިހާއަށް ދަށަށް ދާނެއެވެ.

އިންޑިއާއަށް ފިޔާ ލިބުނު ދަތިވެ ފިޔަލުގެ އަގުތައް އުފުލުމާއެކު، ރާއްޖޭގެ ބާޒާރުތަކުގައިވެސް ފިޔާގެ އަގުވަނީ ބޮޑުކޮށްފައެވެ. އެގޮތުން ފާއިތުވީ ހަފުތާއެއްހާ ދުވަހަށް ބަލާއިރު ދިވެހި ބާޒާރުތަކުގައި ފިޔާ ކިލޯއެއްގެ ރީޓެއިލް އަގު އުޅެނީ ގާތްގަނޑަކަށް 50-70 ރުފިޔާއާއި ދެމެދު އަގުތަކެއްގައި ކަން ފާހަގަކުރަންޖެހެއެވެ.