ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް އިން ހުރިހާ ގޮނޑިއަކަށް ވާދަ ކުރަން ނިންމައިފައި ވާ ކަމަށާއި ޖެނުއަރީ 24 ވަނަ ދުވަހު ޕީިޕީއެމްގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވާ ކަމަށް ޕީޕީއެމް އިން ބުނެފިއެެވެ.

ޕީޕީއެމް އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމަވުން ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަަ ނުކުރާނެ ކަމަށާއި، ހުރިހާ ގޮނޑިއަކަށްވެސް ވާދަކުރާނީ، ޕީޕީއެމްގެ ފަރާތުން ކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، އިންތިހާބު ކުރަންޖެހޭ އަދަދަށް ވުރެ އިތުރަށް މެންބަރުން ވާދަކުރަން ބޭނުންވާ ދާއިރާ ތަކުގައި، ޕްރައިމަރީ ބާއްވާނެ ކަމަށެވެ.

އެގޮތުން ޕްރައިމަރީ ބޭއްވުމަށް ނިންމާފައި ވަނީ ޖެެނުއަރީ މަހުގެ 24 ވަނަ ދުވަހު ކަމަށާއި ޖެނުއަރީ 17 ގެ ކުރިން ޕީޕީއެމް ގެ މެންބަރަކަށް ވާ ކޮންމެ މީހަކަށްވެސް ޕްރައިމަރީގައި ވޯޓު ދެވޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އަންހެނުންނަށް އޮންނާނެ ކަމަށާއި، ޕްރައިމަރީގެ ކަންކަންވެސް އިންސާފުވެރި ކަމާއެކު ކުރިއަށް ގެންދަވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވަނީ، އަންނަ ލޯކަލް ކައުންސިލް އިންތިހާބަކީ މި ގައުމު ސަލާމަތް ކުރުމަށް ލިބޭނެ ހަމައެކަނި ފުރުސަތު ކަމަށެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމަލް 980 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.