ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ރަށްބޭރު ސަރަހައްދެއްގައި ގަވައިދާ ހިލާފަށް ހިންގަމުންދިޔަ ޕްލާސްޓިކް އުފައްދާ ކާރުހާނާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، 8 މީހުން މަރުވެ އިތުރު ބަޔަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ޕްރައިމް ޕޭޓަންޓް ޕްލާސްޓިކް ކާރުހާނާގައި ހިނގި އަލިފާނުގެ ހާދިސާ މުޅި އިމަރާތަށް ފެތުރިގެންދިޔައިރު 1 ފިހިވިގެން ވަގުތުން މަރުވިއިރު 33 މީހަކު ވަރަށް ބޮޑަށް ފިހިގެން ހޮސްޕިޓަލަށް ގެންދެވުނެވެ. މީގެ ތެރެއިން 7 މީހަކަށް ޑާކާ މެޑިކަލް ކޮލެޖު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ. ސިއްހީ އޮފިޝަލަކު ވަނީ، މިހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުން އެކަށީގެންވާކަމަށް އިޝާރާތް ކޮށްފައެވެ.

ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ޝާހް ޒަމާން ވިދާޅުވީ، ގަވައިދާ ހިލާފަށް އޮޕަރޭޓްކުރަމުންދިޔަ ކާރުހާނާގައި ރޯވެފައި ހުރި އަލިފާންގަނޑު ކޮންޓްރޯލް ވީ 3 ގަޑިއިރުގެ މަސައްކަތުން ކަމަށެވެ.

މިހާދިސާ ހިނގި ކާރުހާނާ އިމާރާތުގައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށްވާ ޒާކިރު ހުސައިންއާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި ހާދިސާ ހިނގި ވަގުތު އެ ކާރުހާނާގައި 150އެއްހާ މީހުން މަސައްކަތްކުރަމުން ދިޔައެވެ.

ގިނަ އަދަދަކަށް ކާރުހާނާތައް އޮޕަރޭޓްކުރަމުންދާ ބަންގްލަދޭޝްގައި މިފަދަ ހާދިސާތައް އާންމުކޮށް ހިނގައެވެ.

ދިއްލީގައި ސްކޫލް ދަބަސް އުފައްދާ ކާރުހާނާއެއްގައި ޑިސެމްބަރު 8 ވަނަ ދުވަހުގެ ފަތިހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ތެރެއިން/ފޮޓޯ: ޓައިމްސް އޮފް އިންޑިއާ

ކަންމިހެން އޮތްއިރު، މިހަފުތާގެ ކުރީކޮޅު އިންޑިއާގެ ދިއްލީގައިވެސް ވަނީ ކާރުހާނާ އިމާރާތެއްގައި ރޯވެ، 40 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައެވެ.