ބޮޑު އޮޕަރޭޝަންއަކަށް ހާއްސަކޮށްގެން އެކަށީގެންވާ ގޮތެއްގައި ހޭނުނައްތާ އަންހެނެއްގެ އޮޕަރޭޝަން ކުރެވިފައިވާ ކަމަށް، އިނގިރޭސިވިލާތުގެ ޔޯވިލް ހޮސްޕިޓަލުން އިއުތިރާފުވެއްޖެއެވެ.

ޔޯވިލް ހޮސްޕިޓަކުން މިކަމަށް އިއުތިރާފުވެފައިވާއިރު، ބަލިމީހާގެ ފަރާތުން މިހާރު ވަނީ މައްސަލަ ކޯޓަށްވެސް ހުށަހަޅާފައެވެ.

މީޑިއާގައި ނަން ހާމަކުރަން ބޭނުން ނުވާ ޕޭޝަންޓް ބުނި ގޮތުގައި ޔޯވިލް ހޮސްޕިޓަލުން އޭނާ އޮޕަރޭޝަން ކުރީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ރަނގަޅަށް ހޭނުނައްތާ އޮޕަރޭޝަން ކުރުމުގެ ސަބަބުން މިހާރުވެސް އޭނާއަށް ބިރުވެރި ހަނދާންތައް އާވަމުންދާ ކަމަށް އޭނާ ވަކާލާތު ކުރެއެވެ. އެގޮތުން ގައިގެ ހަންގަނޑު ކަފަމުންދިޔަ އިހުސާސްގެ ބިރުވެރިކަން އަދިވެސް ކުރެވޭ ކަމަށް އޭނާ ބުނެއެވެ.

އަންހެނުންގެ ބަލިތަކާ ގުޅޭ އޮޕަރޭޝަންއެއް ކުރުމަށް މި އަންހެން މީހާއަށް ދީފައިވަނީ ސްޕައިނަލް އެނެސްތެޓިކް ޑޯޒްއެކެވެ. ނުވަތަ އާންމު ސާޖަރީތަކަށް ހޭނައްތާހެން ޖެނެރަލް އެނެސްތީޒިއާ ޑޯޒް ނުދީ، މައިބަދައަށް އައްސިކުރާ އިންޖަކްޝަން ޖަހައިގެން ސާޖަރީ ކުރިއަށް ގެންދިޔައީއެވެ.

ހޮސްޕިޓަލުން ބުނާ ގޮތުގައި މިކަން ހިނގާފައިވަނީ މުއާމަލާތު ކުރުމުގައި ހޮސްޕިޓަލު ތެރެއިން އެރި އޮޅުމެއްގެ ސަބަބުންނެވެ.

ދައުވާ ކުރާ އަންހެން މީހާ ކިޔައިދިން ގޮތުގައި އޮޕަރޭޝަން ކުރުމުގެ ތެރޭގައި އޭނާގެ ފުޅާ ދިމާލުން ކަފާލިކަން އެނގުނު ހިސާބުން ބޭއިހުތިޔާރުގައި ހަޅޭއްލަވައިގަނެވުނު ކަމަށާ، އެކަމަކު އެކަމަށް އެއްވެސް މީހަކު ފަރުވާލެއް ދީފައި ނުވާ ކަމަށެވެ. އެކަން އެހެންވީ އޭނާގެ މޫނުގައި އޮކްސިޖަން މާސްކެއް އަޅުވާފައި އޮތުމުން ކަމަށްވެސް އެ އަންހެން މީހާ ގަބޫލުކުރެއެވެ.

އޮޕަރޭޝަނަށް ފެށިއިރުވެސް އޭނާއަށް ދީފައިވަނީ ސްޕައިނަލް އެނެސްތެޓިކް ޑޯޒްއެއްކަމުން ސާޖަރީ ހަދަން ހުރި ޑޮކްޓަރުވެސް ހައިރާންވެގެން އެވާހަކަ ދެއްކި ކަމަށާ، އެކަމުގެ ސަބަބުންވެސް ޕޭޝަންޓަށް އަސަރުތަކެއް ކުރި ކަމަށް ވެއެވެ.

ސާޖަރީތަކަށް މީހުން ތައްޔާރުކުރާއިރު ހޭނެއްތުމާ އައްސިކުރުން ފަދަ ނިންމުންތައް ނިންމާ، އެފަދަ ޑޯޒްތައް ދީ ހަދާނީ އެނެސްތީއޮލޮޖިސްޓުން ނުވަތަ ހޭނެއްތުމަށް ހާއްސަ ޑޮކްޓަރެއް ނުވަތަ އެފަދަ ޑޮކްޓަރުންގެ ޓީމަކުންނެވެ.

ކަންމިހެން އޮތްއިރު އޮޕަރޭޝަންގެ ވޭންދެނިވި ބިރުވެރި ހަނދާންތައް އާވެގެން ހަފުތާއަކު ތިން ހަތަރު ފަހަރުވެސް ރޭގަނޑުގެ ނިދިން ހޭލަންޖެހޭ ކަމުގެ ޝަކުވާ އޭނާ އުފުލައެވެ.