މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް މިހާރު ކިޔާ އުޅެނީ "ޝިފާ" ވުން ކަމަށާއި ދެންވެސް އެކަމަށް އޮތް ހައްލަކީ ޕީޕީއެމް ސަރުކާރު ވެރިކަމަށް ގެނައުން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން، ޕީއެންސީގެ ނައިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭގައި ފެންބޮޑުވާ ކޮންމެ ފަހަރަކު ސަރުކާރަށް ފާޑުކިޔައި، ހަޖޫ ޖަހަން ބުނެ އުޅެނީ "މުއިއްޒުވީ" ކަމަށެވެ. އެއީ އޭރު މާލޭގެ ކަންކަމާ ހަވާލުވެގެން ހުންނެވި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް، ކަންކަން ނުކުރެއްވޭ ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭނުން ކުރަމުން އައި އަތްމަތީ ބަހެކެވެ.
ނަމަވެސް މިހާރު މާލޭގެ ކަންކަން ތަރުތީބު ކުރުމުގެ މަސައްކަތް ހަވާލުވެފައި އޮންނަނީ، މާލޭ ސިޓީ ކައުންސިލަށެވެ. ޝުޖާގެ ޓްވީޓްގައި "ޝިފާ" ވުން ބުނެފައި އެވަނީ، މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ޝިފާ މުހައްމަދު ހުންނެވުމުންނެވެ.
މާލެއަށް އިއްޔެ ބޯކޮށް ވާރޭވެހި، ބައެއް މަގުތަކުގައި ކަކުލާ ހަމައަށް ފެންބޮޑުވިއެވެ. އަދި ހިނގަން އުނދަގޫވެ، ގިނަބަޔަކު އިއްޔެ ވަނީ ވަރަށް ބޮޑަށް ޝަކުވާކޮށް ސަރުކާރަށް ފާޑުކިޔާފައެވެ.
ވިއްސާރަވެ، މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައާ ގުޅިގެން އިއްޔެ ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއިއްޒު ބެހެއްޓެވި ޕަމްޕްތައް ހުރިނަމަ، ފެން ބޮޑުވުމުގެ މައްސަލަ ހައްލުވާނެ ކަމަށެވެ.
"މިހާރު މިއޮތީ ޝިފާ ވެފަ، ދެންވެސް ހައްލަކީ ޕީޕީއެމް ސަރުކާރު،" ޝުޖާއު ވިދާޅުވިއެވެ.
މި ފަހަކަށް އައިސް ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ވިއްސާރަ ވެއްޖެނަމަ މުޅި މާލެ އޮންނަނީ ފެންބޮޑުވެފައެވެ. ނަމަވެސް އެކަމާ ގުޅިގެން މިހާތަނަށް ސިޓީ ކައުންސިލުން ކާނު ސާފު ކުރުން ފިޔަވާ އިތުރު މަސައްކަތްތަކެއް ކުރަމުންދާ މަންޒަރެއް ފެނިފައެއް ނުވެއެވެ.
ޝުޖާއު ވަނީ މީގެ ކުރިންވެސް ޝިފާއަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ބޮޑުތަނުން ފެއިލްވެފައިވާ ކަމަށާއި، އިސްތިއުފާ ދެއްވުމަށްވެސް ގޮވާލައްވަފައި ވެއެވެ.