"ފަސްޓް ދޭ އިރޭޒްޑް އަވާ ނޭމް"ގެ ނަމުގައި ހަބީބުއްރަހުމާން ލިޔުނު ފުރަތަމަ ފޮތް، އޭނާ ހާއްސަ ކޫރީ އޭނާ ނިސްބަތްވާ މިޔަންމާގެ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުން ތަހައްމަލު ކުރި ހިތްދަތި ގަތުލުއާންމުގެ ވާހަކަތައް، މުޅި ދުނިޔެއަށް ތިލަކޮށްދިނުމަށެވެ.

މިޔަންމާގެ ސަރުކާރާ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ ޖަރީމާއާއި ގަތުލުއާންމުގެ ވާހަކަ ހިމަނައިގެން ހަބީބު ފޮތެއް ޝާއިއުކޮށް އާންމުކުރި މިދަނޑިވަޅަކީ، އިރެއްގައި ޑިމޮކްރަސީގެ ހީރޯގެ ގޮތުގައި މުޅި ދުނިޔެ ސިފަކުރަމުންދިޔަ މިޔަންމާގެ ލީޑަރު އާންގް ސަންގް ސޫޗީއާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި، ހަމަ މިމައްސަލައާއި ގުޅިގެން ސުވާލުކުރުންތަކެއް ކުރިއަށްދާ ދަނޑިވަޅެކެވެ.

ހަބީބު ބުނާ ގޮތުގައި މި ފޮތް ލިޔުމުގެ މައިގަނޑު މަގުސަދަކީ 2017 ވަނަ އަހަރު ދުނިޔެ ސިއްސުވާލި ޖަރީމާގެ ކުރިންވެސް މިޔަންމާގައި ދިރިއުޅެމުންދިޔަ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުން އުފުލަމުންދިޔަ ވޭނާ ހިތްދަތި ކެކުޅުންތައް ރެކޯޑްކޮށްދިނުމެވެ. ތާރީހުގައި ލިޔެދިނުމެވެ.

ހަބީބުގެ ތާރީހީ ފޮތް އޭނާ އަމާޒުކުރީ ރޯހިންޏާ ދަރިކޯޅުގެ ޒުވާން އަދި ޅަ ޖީލަށެވެ. ރޯހިންޏާ ދަރިކޮޅުގެ މުސްތަގުބަލު ބިނާކުރަން ތިބި ފަހުލަވާލުންނަށެވެ. ހަބީބު ބުނާ ގޮތުގައި އޭނާ އަންގައިދީދޭން ބޭނުންވި ކަމަކީ ރޯހިންޏާ ދަރިކޮޅުގެ ޖީލަކީ މިޔަންމާ ސަރުކާރުން ވަކާލާތު ކުރަމުންދާ ގޮތާ ހިލާފަށް، ރޯހިންނާ ދަރިކޮޅުގެ މުސްލިމުންނަކީ ގަވައިދާ ހިލާފަށް މިޔަންމާއަށް އެތެރެވެފައިވާ ބަންގާޅުން ތަކެއް ނޫންކަމެވެ.

މިޔަންމާގައި އަސްކަރީ ވެރިކަމެއް ކުރާތާ 60 އަހަރުވެފައިވާއިރު، ޒުވާން ޖީލުގެ ވިސްނުން އޮތީ އަސްކަރިއްޔާއިން ބޭނުންވި ގޮތަށް ދޮވެލާފައި ކަމަށް ހަބީބު ބުނެއެވެ. ރޯހިންޏާ ދަރިކޮޅު އެއީ އޮތް ބައެއްކަންވެސް ނޭނގޭ ޒުވާނުން އެބަތިބިކަން ހަބީބު ފާހަގަކުރިއެވެ. އަދި ރޯހިންޏާ މީހުންނަކީ މިޔަންމާއަށް ނިސްބަތްވާ ބައެއް ނޫންކަމަށް އެ ޒުވާނުން ގަބޫލުކުރާ ކަމަށްވެސް ހަބީބު ބުންޏެވެ.

ހަބީބު ކިޔައިދީފައިވާ ގޮތުގައި ރޯހިންޏާ މުސްލިމުންގެ އެތައް ނިޝާނެއް މިޔަންމާގައި ހުއްޓެވެ. އޭގެ ތެރޭގައި މިސްކިތްތަކާ ގަދީމީ ބިނާތައް ހުރި ކަމަށާ، ނަމަވެސް މިޔަންމާގެ ބުދިސްޓުން ފައްޅި އެޅުމުގެ ނަމުގައި އެތަންތަން ސުންނާފަތިކޮށްލި ކަމަށް ހަބީބު ބުނެއެވެ.

ތާރީހީ ފޮތަކަށްވުރެ ބޮޑަށް ހަބީބުގެ "ފަސްޓް ދޭ އިރޭޒްޑް އަވާ ނޭމް" މި ފޮތް ހާއްސަ ވަނީ، މިއީ މިޔަންމާގެ ތެރޭގައި ރޯހިންޏާ މުސްލިމުން ކުރި ތަޖުރިބާގެ މައްޗަށް ބިނާކޮށް ރޯހިންޏާ ދަރިކޮޅުގެ މީހަކު ޝާއިއުކުރި ފުރަތަމަ ފޮތަށް ވާތީއެވެ.

2000 ވަނަ އަހަރު މިޔަންމާ ދޫކޮށް ދިޔަ ގޮތަށް ހަބީބު ދިރިއުޅެމުންދަނީ އޮސްޓްރޭލިޔާގައި، ރެފިއުޖީއެއްގެ ގޮތުގައެވެ.