1990 ވަނަ އަހަރުން ފެށިގެން އިންޑިއާގައި ހިންގި ޓެރަރިޒަމްގެ އެކި އަމަލުތަކާ ގުޅިގެން މިހާތަނަށް 22000 އަށްވުރެ ގިނަ ޓެރަރިސްޓަކު މަރާލާފައިވާކަމަށް އިންޑިއާގެ ދާހިލީ ވުޒާރާއިން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ލޮކް ސަބާ)އަށް ދަންނަވައިފިއެވެ.

ލޮކް ސަބާއަށް ފޮނުއްވި ސިޓީއެއްގައި އިންޑިއާގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމް އެފެއާޒް ޖީ ކިޝާން ރެޑީ ވިދާޅުވީ، 1990 ވަނަ އަހަރުން ފެށިގެން ހިންޑިޔާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އިންޑިއާގެ ސަލާމަތީ ބާރުތަކުން ކުރި މަސައްކަތުން، މި ހިނގާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް 22557 ޓެރަރިސްޓުން މަރާލާފައިވާކަމަށެވެ.

2005 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބަލާއިރު އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ޖައްމުއާއި ކަޝްމީރު ސަރަހައްދުގައި އޮންނަ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިއާއަށް އެތެރެވާން އުޅުނު 1000 އެއްހާ ޓެރަރިސްޓުންވެސް މަރާލާފައިވާކަމަށް ވަޒީރު ވަނީ ތަފްސީލުކޮށްދެއްވާފައެވެ.

މި މުއްދަތުގެ ތެރޭގައި ލައިން އޮފް ކޮންޓްރޯލް ހުރަސް ކުރަން އުޅުނު 43 ހަނގުރާމަވެރިއަކު ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދެވިފައިވާއިރު، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި އޮތުމުގެ ސަބަބުން 2253 ހަނގުރާމަވެރިއަކު އިންޑިއާއަށް އެތެރެނުވެވި އަނބުރާ ފޮނުވާލާފައިވާކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ދާދިފަހުން ސްރީލަންކާގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބީ އިންޑިއާއިން ހޯދި ބައެއް ކަމަށް ވާހަކަތަކެއް ފެންމަތިވެފައިވާއިރު، ޓެރަރިޒަމްއާއި ގުޅުން ހުރި ކަންކަމުގައި އިންޑިއާއިން ދަނީ ފުޅާދާއިރާއެއްގައި ޓެރަރިޒަމްއާއި ދެކޮޅަށް ވަކާލާތު ކުރަމުންނެވެ.