'2 އަހަރު ދުވަސް ވަންދެން ކޮންމެ ހަފުތާ ބަންދަކު އެ ފިރިހެނުން އައިސް އަހަރެން ރޭޕްކުރި'. އުމުރުން އެންމެ 12 އަހަރުގެ އަންހެން ކުއްޖާ، ކައުންސިލަރުންނަށް ކިޔައިދިނެވެ. މީގެ ތެރެއިން ބައެއް ފިރިހެނުންނަކީ އޭނާގެ ބައްޕަ ދަންނަވެސް މީހުންނެވެ.

ޖޫލީ (އަސްލު ނަމެއް ނޫން) ކިޔައިދިން ގޮތުގައި އެކަން ފެށިގެން އައި މަސްތުގެ ހާލަށް ގޮސް ރާބޮއެ ހެދުމަށް އޭނާގެ ބައްޕަ، އެ ބައްޕަގެ ރަހުމަތްތެރިންނަށް ދައުވަތު ދީގެން ގެއަށް ގެންނަން ފެށުމުންނެވެ. ބައްޕަގެ މެހެމާނުންގެ ގޮތުގައި ގެއަށް އަންނަ މީހުން އަންހެން ކުއްޖާއަށް ފުރައްސާރަކޮށް، ޖިންސީ ގޯނާ ކުރަނީ މައިންބަފައިންގެ ހާޒިރުގައެވެ. ޖޫލީ ބުނި ގޮތުގައި އޭގެ ތެރެއިން ބައެއް ފިރިހެނުން އޭނާގެ މަންމައާއިއެކު ކޮޓަރީގައި އެކަހެރި ވަގުތުތަކެއްވެސް ހޭދަކުރެއެވެ.

އެއްދުވަހުގެ ހާދިސާ ތަފްސީލުކޮށްދެމުން ޖޫލީ ބުނީ، ގެއަށް އައި ފިރިހެނަކާއެކު އޭނާ އެއް ކޮއްޓަރިއެއްގެ ތެރެއަށް ގަދަކަމުން ކޮއްޕާލީ ބައްޕަގެ އަމިއްލަ އަތުން ކަމަށެވެ. އަދި ކޮޓަރި ބޭރުން ތަޅުލީވެސް ބައްޕަ ކަމަށާ، އެއާއިއެކު އެ ފިރިހެން މީހާ ޖޫލީ ރޭޕް ކުރި ކަމަށް ކިޔައިދިނެވެ.

އުފަލާ މަޖަލުގައި ހޭދަކުރަންވި ޅަ އުމުރުގެ ދުވަސްތައް، ނާމާން ހާޖާނުގަނޑަކަށްވިއެވެ. ދަރިފުޅާއެކު ވަގުތު ހޭދަކުރާނެ ފިރިހެނުންގެ ލިސްޓު ތާވަލުކުރަނީ ބައްޕައެވެ. ފައިސާ ނަގަނީވެސް ބައްޕައެވެ. ކައުންސިލަރުން ގަބޫލުކުރާ ގޮތުގައި އެކަމެއް ފެށުނު ފަހުން މިހާތަނަށް، 30 ފިރިހެނަކު ވަނީ ޖޫލީ ރޭޕްކޮށްފައެވެ.

އެއީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހެވެ. ޓީޗަރުންތަކެއްގެ ފަރާތުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ޗައިލްޑް ވެލްފެއާ އޮފިސަރުން ޖޫލީ ސަލާމަތް ކުރީ އޭނާ ސްކޫލްގައި ހުއްޓައެވެ. އަދި ވަގުތީ ހިޔާވަހިކަމަށް އޭނާ ބަދަލު ކުރެވުނެވެ. ވެލްފެއާ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ޖޫލީ ރޭޕްކޮށްފައިވާކަން މެޑިކަލް ރިޕޯޓްތަކުން ސާބިތުކޮށްދެއެވެ.

ބައްޕަގެ އެކުވެރިންގެ ފަރާތުން ރޭޕްގެ އަނިޔާ ލިބެމުންދިޔަ އިންޑިއާގެ އަންހެން ކުއްޖާ ދިރިއުޅެމުންދިޔަ ކޮޓަރީގައި އޭނާ ލިޔެފައިވާ ލިޔުންތަކެއް/ފޮޓޯ: ނެބިއުލާ އެމްޕީ

މިމައްސަލާގައި ޖޫލީގެ ބައްޕައާއިއެކު 4 ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންނާ ދެކޮޅަށް އުފުލަނީ ރޭޕް ކުރުމުގެ ކުށުގެ ދައުވާއާއި، އޮރިއާން ކާޑުގެ މަގުސަދަށް ކުޑަކުއްޖެއްގެ ނާޖާއިޒު ފައިދާ ނެގުމުގެ ދައުވާއާއި ޖިންސީ އަނިޔާގެ ދައުވާއެވެ. އަދި ކަފާލާތުގެ ދަށުން މިމީހުން މިނިވަން ނުކުރެވޭ ގޮތްވެސް ވަނީ ހަދާފައެވެ.

ފުލުހުން މިހާރުވެސް ދަނީ ޖޫލީގެ ކޭހާއި ގުޅިގެން އިތުރު 5 ފިރިހެނަކު ހޯދަމުންނެވެ.

ތަހުގީގު ޓީމުންވަނީ ޖޫލީގެ އާއިލާ ދަންނަ 25 ފިރިހެނެއްގެ ތަސްވީރު ހިމެނޭ ގޮތަށް ލިސްޓެއް އެކުލަވާލާފައެވެ. ތަހުގީގު ޓީމުން މި ލިސްޓު ބޭނުން ކުރަނީ އެ ފޮޓޯޓައް ޖޫލީއަށް ދައްކައިގެން، އޭނާ ރޭޕްކުރި މީހުން ދެނެގަތުމަށެވެ.

ޖޫލީ ބުނާ ގޮތުގައި އެމީހުންގެ މޫނުމަތީގެ ސިފަތަކެއް އޭނާ މާ ރަނގަޅަކަށް ހަނދާނެއް ނެތެވެ. ހުރުހާ އެއްޗެއް ހުންނަނީ ފުސްވެފައެވެ.

ޖޫލީއަކީ އަވަށްޓެރި އިންޑިއާގެ ދެކުނުގެ ހިސާބަކަށް ނިސްބަތްވާ ތަނަވަސް އާއިލާއެއްގެ ދަރިއެކެވެ. ނަމަވެސް އެތަނަވަސްކަމުން އޭނާއަށް ލިބުނު އުފަލަކާ އަރާމެއް ނެތެވެ. ޖޫލީ ބުނާ ގޮތުގައި އެމީހުން ދިރިއުޅެމުންދިޔައީ ކުއްޔަށެވެ. އަދި ބައްޕަގެ ވަޒީފާ ގެއްލުމުން ކުލި ދެއްކޭނެ ގޮތެއް ނެތި ދިރިއުޅުން ދަތިވިއެވެ.

އެހާ ގިނަ އަދަދެއްގެ ބަޔަކު ތަކުރާރުކޮށް އެނާ ރޭޕްކުރަމުންދިޔައިރު ބަލިވެ އިނުން ފަދަ ކަމެއް މެދުވެރި ނުވީ ޖޫލީ ބޭސް ބޭނުން ކުރާތީ ތޯ ސުވާލު ކުރުމުން، އޭނާ ބުނީ އެމީހުން އޭނާ ރޭޕްކުރަނީ ދޭތެރެ ދުރުކުރަން ފިރިހެނުން ބޭނުން ކުރާ އާލާތްތައް ބޭނުންކޮށްގެން ކަމަށެވެ. އެއީ ރޭޕްގެ ޝިކާރައަކަށް އޭނާވިކަން ޖޫލީއަށް ބުނެވުނު ފުރަތަމަ ފަހަރެވެ.

ގަވައިދުން ޖެހެމުން އައި މައްސަލަ ކަންތައް ނުޖެހި މިއަހަރުގެ ކުރީކޮޅު 3 މަސް ފާއިތުވީ މައިންބަފައިން ވަރަށް ހާސްވި ކަމަށާ، ޑޮކްޓަރަކަށް ގެންގޮސް ސްކޭންއެއް ހެދުމަށްފަހު ބޭސްތަކެއް ދިން ކަމަށްވެސް ޖޫލީ ވަނީ ކިޔައިދީފައެވެ.

ބައްޕަގެ އެކުވެރިންގެ ފަރާތުން ރޭޕްގެ އަނިޔާ ލިބެމުންދިޔަ އިންޑިއާގެ އަންހެން ކުއްޖާ ދިރިއުޅެމުންދިޔަ ކޮޓަރީގައި އޭނާ ލިޔެފައިވާ ލިޔުންތަކެއް/ފޮޓޯ: ނެބިއުލާ އެމްޕީ

ގެއަށް އަންނަ ފިރިހެނުންގެ ކިބައިން ޖިންސީ ގޯނާއާއި ފުރައްސާރަ ލިބެމުންދިޔައީ އޭނާއަށް އެކަނި ނޫންކަމަށާ، މަންމައަށްވެސް އަނިޔާ ލިބެމުންދިޔަކަން ހާމަކުރީވެސް ޖޫލީއެވެ. ނަމަވެސް މިފަދަ ކަންތައްތަކެއް ގޭތެރޭގައި ހިނގާކަން ޖޫލީގެ މަންމަ ދޮގު ކުރެއެވެ. އަދި އޭނާގެ ދަރިފުޅު އެ ވާހަކަ ދައްކަނީ މައިންބަފައިންނަށް 'ފިލާވަޅެއް' ދަސްކޮށްދޭން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ރޭޕްކޮށް ލާއިންސާނީ އަނިޔާ ދީ ޒުވާން އަންހެން ކުދިން މަރާލުމުގެ ސިލްސިލާއެއް ފެށިފައިވާ އަވަށްޓެރި އިންޑިއާގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީވެސް އާންމު ކަމެކެވެ. މިފަދަ ޖަރީމާތައް ގިނައިން ހިންގަނީވެސް އާއިލާ ދަންނަ، ދެކެ ފަރިތަ މީހުންނެވެ.

އިންޑިއާގައި ހިނގާ ރޭޕްގެ ހާދިސާތަކާ ގުޅޭ ތަފާސް ހިސާބެއް އެންމެ ފަހުން ލިބިފައިވަނީ 2017 ވަނަ އަހަރުއެވެ. އެ ފަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކުޑަކުދިން ރޭޕްކޮށްގެން 10221 މައްސަލަ ވަނީ ރެކޯޑްކޮށްފައެވެ. ރޭޕް ކުރުމުގެ އިތުރުން ކުޑަކުދިންނާ ދެކޮޅަށް ހިންގާ މިފަދަ ޖަރީމާތަކުގެ އަދަދު މި ފަހަކަށް އައިސް، އިންޑިއާގައި ދަނީ ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުންނެވެ.