1990ގެ އަހަރުތަކުގެ ކުރީކޮޅު ދުނިޔޭގެ އެކި ކަންކޮޅުތަކުން ގުގުމަމުން ދިޔަ ހިތްގައިމު ލޯބީގެ ލަވަ 'އިޓް މަސްޓް ހޭވް ބީން ލަވް" ހުށަހަޅައިދިން ސްވީޑްންގެ ޕޮޕް އަދި ސޮފްޓް ރޮކް ޑޫއޯ 'ރޮކްޒޭޓް'ގެ ލަވަކިއުންތެރިޔާ މަޣީ ފިޣެގްޣިކްސޮން މަރުވެއްޖެއެވެ.

ރިޗާޑް ގިއާއާއި ޖޫލިއާ ރޮބާޓްސްގެ ކުޅަދާނަ އެކްޓިންގް ފެނިގެންދިޔަ ފިލްމް "ޕްރިޓީ ވުމަން"އަށް ކިޔައިދިން "އިޓް މަސްޓް ހޭވް ބީން ލަވް"އާއި "ދަ ލުކް" އިން މިއުޒިކީ ދުނިޔޭގެ ފޭނުންގެ ހިތްތަށް ފަތަހަ ކުރި މަޣީ މަރުވީ އޭނާގެ އުމުރުން 61 އަހަރުގައި މަރުވީ، މި ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

މި ދުނިޔެއާއި މަޣީ ވަކިވެގެން ދިޔައީ 17 އަހަރުވަންދެން ކެންސަރު ބަލީގެ ވޭނުގައި އުޅުމަށްފަހުގައެވެ.

ރޮކްސެޓް ގެ ލަވަކިޔުންތެރިޔާ މަޣީ

މަޣީގެ ސިކުނޑީގައި ޓިއުމަރެއް އިންކަން އެންމެ ފުރަތަމަ އެނގުނީ 2002 ވަނަ އަހަރުގެ ތެރޭގައެވެ. ޓިއުމަރުގެ ސަބަބުން މަޣީގެ ކަނާތު ލޮލުގެ ފެނުންވެސް ގެއްލުނެވެ. ނަމަވެސް، ގާތްގަނޑަކަށް 3 އަހަރު ދުވަހުގެ ފަރުވާއަށްފަހު، މަޣީވަނީ 2008 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ރޮކްޒޭޓްއާއިއެކު މިއުޒިކް ޓުއާތަކުގައި ބައިވެރިވެފައެވެ.

މަޣީއާއިއެކު ރޮކްޒޭޓްގައި މަސައްކަތްކުރި ޕޭ ގެސްލެ ބުނީ، ވަކިވެގެން އެދިޔައީ 40 އަހަރަށްވުރެ ގިނަ ދުވަހު އެކުގައި އުޅުނު ގާތް ރަހުމަތްތެރިއެއް ކަމަށާ، ދިރިއުޅުމުގެ އެއްވެސް ކަމެއް ދެން އެގޮތުގައި ނޯންނާނެ ކަމަށެވެ.

މަޣީ މަރުވިއިރު ފިރިއަކާ 2 ދަދަރިން ދުނިޔޭގައި އެބަތިއްބެވެ.

މަޣީގެ އަސްލު އަޑުން އެ ލަވަ ކިއާލާ އަޑު އަހާލުމުގެ ނަސީބު ދެން ނެތެއް ކަމަކު، "އިޓް މަސްޓް ހޭވް ބީން ލަވް" އަކީ މިހާރުވެސް ގިނަ ބައެއްގެ ޕްލޭލިސްޓުން ޖާގަ ހޯދާ ލަވައެއްކަން ގައިމެވެ.