ވެކްސިން ނުދީ، ސްކޫލަށް ނުފޮނުވާ ގެންގުޅޭ 6 ކުދިންގެ ބެލެނިވެރިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ދީނުގެ ނަމުގައި ހަރުކަށީ ވިސްނުން ގެންގުޅޭ އާއިލާއަކަށް ނިސްބަތް ވާ 6 ކުދިން ވެކްސިން ނުދީ ސްކޫލަށް ނުފޮނުވާ ގެންގުޅެމުންދާ ކަމަށް ތުހުމަތުގައި އެ 6 ކުދިންގެ މައިންބަފައިން މިއަދު ހަވީރު 4:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި 6 ކުދިންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ކުދިންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 47 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

އަސާސީ ހައްގުތަކުން މަހްރޫމްކޮށްގެން ކުދިން ގެންގުޅޭމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި އެ އާއިލާގައި ހިމެނޭ ކުދިންގެ ވެކްސިން ނުދީ ސްކޫލަށް ނުފޮނުވާ އެ ކުދިންނަށް އިހުމާލުވަމުންދާ ކަމަށް ހުށަހެޅި ތަހްގީގު ކުރަމުންސާ މައްސަލައާއި ގުޅިގެން އަނިޔާ ލިބެމުންދިޔަ 6 ކުދިންނަށް މިހާރު ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިއަދު ހައްޔަރު ކުރި އަންހެން މީހާގެ ދަރިންގެ ތެރޭގައި 13 އަހަރުގައި ކޯޓުން ބޭރުގައި ކައިވެނިކޮށްގެން ދަރިއަކު ވިހޭ ކުއްޖާވެސް ހިމެނެއެވެ.

12 އަހަރުގައި ބަލިވެ އިނދެ 13 އަަހަރުގައި އެ އަންހެން ކުއްޖާ ވިހެއި މައްސަލަ ފެންމަތިވެފައި ވަނީ، ރ. މަޑުއްވަރީ ލަނޑާ ނަގާ ދޯންޏެއްގައި ވަޅިން ޒުވާނަކަށް ހަމަލާދީ މަރާލަން އުޅުނު މައްސަލައިގެ ތެރެއިންނެވެ. އެ ކުއްޖާއާއި މި ޒުވާނާ ކައިވެނިކޮށްފައި ވަނީ ކޯޓުން ބޭރުގައެވެ. އެކުއްޖާ ވިހެއި ދަރިފުޅަކީ އެ ޒުވާނާގެ ދަރިއެއްކަން ޑީއެންއޭއިން ވަނީ ކަށަވަރުވެފައެވެ. މިއާއެކު ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ 15 ދުވަހުގެ މުދައްތަކަށް ބަންދުކޮށްފައެވެ.