މަސްވެރިންނަށް ހާއްސަ "ކެޔޮޅު" އެޕްލިކޭޝަން އިފްތިތާހްކޮށްފިއެވެ.

މި އެޕްލިކޭޝަން އިފްތިތާހް ކޮށްފައިވަނީ 39 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ކުރިއަށް ދާ ރހަފްލާގެ ތެރެއިންނެވެ. ކެޔޮޅު އެޕލްިކޭޝަނަކީ ދުވަހު މަސްވެރިކަމުގެ މައުލޫމާތު ފޯމު ތައްޔާރު ކުރުމަށް ފަރުމާ ކޮށްފައިވާ އެޕްލިކޭޝަނެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ކެޔޮޅު އެޕްލިކޭޝަނަކީ މަސްވެރިންނާއި މިނިސްޓްރީ ގުޅުވާލަދީ، މަސްވެރިން ފޯރުކޮށްދޭން ޖެހޭ ބައެއް މައުލޫމާތު ފޯރުކޮށްދިނުމަށާއި މަސްވެރިން މިނިސްޓްރީއަށް ފޮނުވަންޖެހޭ މަސްވެރިކަމުގެ މައުލޫމާތު ފޮނުވުމަށް ޒަމާނީ އިންތިޒާމެއް ހަމަޖެއްސުމަށް މިނިސްޓްރީގެ ފަރާތުން ފަރުމާކޮށްފައިވާ އެޕްލިކޭޝަނެއް ކަމަށެވެ.

ކުރިން މިނިސްޓްރީއަށް މަސްވެރިކަމުގެ މައުލޫމާތު ފޮނުވަމުން އައީ ބޮޑު ލޮގް ފޮތެއްގައެވެ. ނަމަވެސް މިހާރު މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެ މައުލޫމާތު ފޯރުކޮށް ދިނުމަށް މިނިސްޓްރީން ވަނީ އެޕްލިކޭޝަނެއް ތައާރަފްކޮށްފައެވެ. ޒަމާނީ ޓެކްނޮލޮޖީ މަސްވެރިކަމަށް ތައާރަފްކުރުމަށް ފަރުމާކުރި މި އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ފަސޭހަ ކަމާއެކު އެ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީއަށް ފޮނުވޭނެއެވެ. ކުރިން މި މައުލޫމާތު ހަވާލުކުރަމުން އައީ ރަށު ކައުންސިލް މެދުވެރިކޮށް ނުވަތަ ސީދާ މިނިސްޓްރީއަށް އައިސްގެންނެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ކަނޑުމަތީގައި ހުރެގެންވެސް މަސްވެރިންނަށް ބޭނުންވާ މައުލޫމާތު ފަސޭހާ ކަމާއެކު ލިބިގެން ދާނެ ކަމަށް ފިޝަރީޒުން ބުނެއެވެ. ދުވަހު މޫސުމާ ގުޅޭ މައުލޫމާތާއި، މަސް ކަނދުފަތިތައް ހަރުކޮށްފައިވާ ތަންތަން އެ އެޕް މެދުވެރިކޮށް އެނގިގެންދާނެ ކަމަށް ފިޝަރީޒުން ބުނެއެވެ.

"ކެޔޮޅު" އެޕލްިކޭޝަން ފަރުމާ ކޮށްފައިވަނީ އަލީ މަންޒޫމް އެވެ. މީގެ އިތުރުން މިރޭ "ފަހި ހަކަތަ" ނަމަކަށް ކިޔާ، މަސްވެރިންނަށް ޑިއުޓީ އުނިކޮށްފައިވާ ޑިސަލް ލިބޭނެ އެޕް، ތައާރަފްކޮށްފައިވާ އިރު އެ އެޕް ތައްޔާރުކޮށްފައި ވަނީ ނާއިލް އެވެ.