މަސްވެރިން ބޭނުން ކުރަން ހާއްސަ "ފަހި ހަކަތަ" އެޕްލިކޭޝަން އިފްތިތާހް ކޮށްފިއެވެ.

މި އެޕްލިކޭޝަން އިފްތިތާހް ކޮށްފައި ވަނީ 39 ވަނަ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ކުރިއަށް ގެންދާ ހާއްސަ ޖަލްސާގައެވެ. މި އެޕްލިކޭޝަން ތައަރާފްކޮށްފައި ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ ފަރާތުންނެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، "ފަހި ހަކަތަ" އެޕްލިކޭޝަނަކީ ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް މަސްވެރިން މަސްވެރިކަމަށް ކުރާ ހޭދަ ކުޑަ ކުރުމަށްޓަކައި ޑިއުޓީ އުނިކޮށްފައިވާ ޑީސަލް މަސްވެރިންނަށް ލުއި ފަސޭހަ ގޮތަކަށް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެއް ކަމަށެވެ. މި އެޕްލިކޭޝަންގައި މަސްވެރިންނާއި ތެޔޮ ފޯރުކޮށްދޭ ފަރާތްތައް އެއް ޕްލެޓްފޯމަކަށް ގެނެސް ތެޔޮ އެޅުމަށް ބޭނުންވާ ޓޯކަން ވަގުތުން ޖެނަރޭޓް ކުރެވި ތެޔޮ އެޅުމުގެ މަރުހަލާ ފުރިހަމަ ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ޑިއުޓީގެ އިނާޔަތް ދިނުމަށް ފިޝަރީޒުން އެކުލަވާލާފައިވާ ފްރޮގްރާމްގެ ތެރެއިން އެވްރެޖް ގޮތެއްގައި އަހަރެގެ މައްޗަށް 1 ލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދެއް މަސްވެރި އުޅަނދެއްގެ ހަަރަދުން ސަލާމަތް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެޕްލިކޭޝަން ބޭނުން ކުރަން ބޭނުންވާ ފަރާތަތަކަށް މިހާރު އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓާ ކުރެވޭނެ ކަމަށްވެސް ފިޝަރީޒުން ބުނެއެވެ.

"ފަހި ހަކަތަ" އެޕލްިކޭޝަން ފަރުމާ ކޮށްފައިވަނީ ނާއިލް އަބްދުއްރަހްމާން އެވެ.