ދިވެހިންނަށް ލިބިފައިވާ ހުދުހުދު ދޮންވެލި ގޮނޑުދޮށްތަކާއި، ފެހި ރުއްގަސްތަކާއި ގަދަ ނޫ ކަނޑުގެ ނިއުމަތަކީ ކޮންމެ މީހަކުވެސް ބަލައިގަނނާނެ ފަދަ ނިއުމަތެކެވެ. ކަނޑުން ލިބެމުންދާ ކަނޑުރޯއްޖާއި އެ ކަނޑުގެ ދިރުން ތަކަކީ ދުނިޔޭގައި ދެވަނައެއް ނެތްފަދަ ގުދުރަތީ މުއްސަނދި ކަމެކެވެ. ކާބަފައިންގެ ޒަމާނުއްސުރެ މި ކަނޑުތަކުން ބާނާ މަހަކީ ރަން ޖަވާހިރޭ ބުނެވިދާނެއެވެ. އަހަރެމެން ކާބަފައިންގެ ދިރިއުޅުން ބިނާވެފައި ވީ މި ކަނޑަށެވެ. އެމީހުންގެ އާއިލާގެ ހަރަދު ބަރަދު ބެލެހެއްޓުން މި ކަނޑުތަކުން ހަމަޖައްސަމުން ގެންދިޔައެވެ. އެދުވަހު އެއީ ރީތި މަސައްކަތެއްގެ ގޮތުގައި ބަލައިގަތް އިރު މިއަދު އެ މަސައްކަތް ކުރުމަކީ ހަޑި ކަމެއްގެ ގޮތުގައި ބަލައިގަންނަން ލަދު ގަންނަނީ ކީއްވެ ހެއްޔެވެ؟ ކެރިގެން ނުކުމެ މިއީ މަސްވެރިއެކޭ ބުނަން ފަސްޖެހެނީ ކީއްވެ ހެއްޔެވެ؟
މަސްވެރިކަމަކީ ރީތި މަސައްކަތެއްގެ ގޮތުގައި ގަބޫލު ކުރާ ޒުވާނުންނަށް މިކަމުން މަލާމާތް ލިބެން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ކާބަފައިންގެ މަސައްކަތުން ފިލާވަޅު ލިބިގެން އެކަމަށް ނުކުންނަ ޒުވާނުންގެ އަގު ވަޒަން ކުރަން އަހަރެމެންނަށް މަޖުބޫރެވެ. މަސްވެރިންގެ ދުވަހެއްގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހި މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެ ހިދުމަތް ފާހަގަކޮށް އެމީހުންނަށް ޝުކުރުވެރި ވުމުގެ ގޮތުންނެވެ. މި ދިވެހި އާއިލާތަށް ގުޅިފައިވަނީ ދިވެހި މަސްވެރިންނާއެވެ. މި ނޫ ކަނޑުތަކާއެވެ. ނަމަވެސް ހިތާމައަކީ މަސްވެރިންނާ މެދު ދެކޭ ގޮތް ތަފާތުވާ ކަމެވެ. މަސްވެރި ކަމަކީ ދިވެހިންގެ ލޭނާރު ކަމުގައި ވީއިރު މަސްވެރިކަމަކީ ނުވަތަ މަސްވެރިންނަކީ އެއްވެސް އަގެއް ހުރި ބައެއް ކަމަށް ނުދެކޭ މީހުންވެސް އުޅެއެވެ. މަސްވެރިންނަކީ އެއްވެސް ބޭނުންތެރި ބައެއްނޫން ކަމުގައި ދެކޭ ދިވެހިން އަދިވެސް މި ރާއްޖެގައި އުޅޭ ކަމީ ހިތާމަކުރަން ޖެހޭ ކަމެކެވެ.
ރާއްޖޭގައި ޒަމާނުއްސުރެ ދެކެވޭ ވާހަކަ، މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމުގައި ވާނަމަ މަސްވެރިންނަށް ވުރެ ޤަދަރު އުފުލިފައިވާ ބަޔަކު މި ގައުމުގައި ނުވާނެ ކަން ޔަގީނެވެ. އެމީހުންގެ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމަށްވެސް އިސްނަގައި މަސައްކަތް ކުރާނެ ކަން ޔަގީނެވެ. މިއީ ދެބަސް ވުމެއް ނެތި ކޮންމެ މީހަކުވެސް ގަބޫލު ކުރާނެ ކަމެކެވެ.
މީގެ އެއް ހެއްކަކީ މަސްވެރިކަން ދައްވެއްޖެ ނަމަ ރާއްޖޭގެ އިގްތިސޯދަށާއި އާންމު ރައްޔިރުންނަށް މިކަމުގައި ކުރާ އަސަރެވެ. މަސްނުބާނާ ހަފްތާއެއް ހާ ދުވަސް ވިޔަސް ރާއްޖޭގެ ހާލާތު ދައްވެ، ފިހާރަތަކަށް ލިބޭ އާމްދަނީ މަދުވެ ވިޔަފާރިއަށް ބުރޫ އަރައެވެ. ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުގެ ވިޔަފާރި ދައްވުމުގެ އިތުރުން ގިނަ އާއިލާތަށް ގޮތް ހުސްވެއެވެ. ވިޔަފާރީ ކުރާ ކަންމަތީ ފިހާރަ ތަކުގެ ފޮތްތަކުގައި ލިޔަމުންދާ ލިސްޓު އެތައް ގުނައަކަށް އިތުރުވެގެން ދެއެވެ. މިއީ އިގްތިސޯދު ދައްވާ ކަމަކަށް ވީއިރު މަސްވެރިކަމަކީ ހަޑި މަސައްކަތެއް ކަމަށް ދެކޭ ބަޔަކު އުޅޭކަމީ ހިތާމަޔާއެކު ފާހަގަކުރަން ޖެހޭ ކަމެކެވެ.
މަސްވެރިކަމަކީ މިއަދުވެސް ރާއްޖޭގެ ނިސްބަތުން އެންމެ ބޮޑު އެއް އާމްދަނީއެއް ލިބޭ އެއް މަސައްކަތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިއަދު މަސްވެރިކަމަށް ބޭނުންވަނީ ކިޔަވައިގެން ތިބި ހީވާގި ކެރޭ މުރާލި ޒުވާނުން ކަމަށް ވާއިރު މިއަދު ވަނީ މިކަމަށް އަލި މަގެއް ފެންނަމުން ދާ ކަމުގެ ފެހި ސިގްނަލް ލިބިފައެވެ.
އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެކަކީ ދިވެހި މަސްވެރިންގެ ވާހަކަތައް ހިއްސާ ކުރާ ހަސަން ސާޖިން ނުވަތަ ޓްވިޓާގައި މަޝްހޫރު ނަމުން ނަމަ "ޒުވާން މަސްވެރިޔާ" އަށް ވާނެ ކަމީ ކޮންމެ މީހަކުވެސް ގަބޫލް ކުރާނެ ހަގީގަތެކެވެ. ކިޔަވައިދިން ޓީޗަރުންނާއި ލޯބިވެރިޔާގެ ހިތި ބަސްތަކުން އަމިއްލަ ފައިމައްޗަށް ތެދުވީ މަސްވެރި ކަމަކީ ރީތި މަސައްކަތެއްގެ ގޮތުގައެވެ. ސާޖިން ގެ ވާހަކަ ތަފާތެވެ. މަސްވެރިކަމަށް ޖެހިފައި ހުރި ލޯބި އޭނާގެ ވާހަކަ އަޑުއަހާ ކޮންމެ މީހަކަށް ވެސް ފާހަގަ ކުރެވެއެވެ.
ސާޖިން ގެ އުންމީދަކީ މަސްވެރި ކަމަކީ ކުރަން ރީތި މަސައްކަތެއްގެ ގޮތުގައި، މި ކަމަށް ނޫނެކޭ ބުނާ ފަރާތްތަކަށް ދައްކައިދިނުމެވެ. ރާއްޖޭގެ ޒަމާން ވީ މި މަސައްކަތް ކުރަން ޒުވާނުން ނިކުތުން ވެސް މިއީ ސާޖިން ގެ އުންމީދެކެވެ. މިކަމަށް ކެރިގެން އެކަކު އަޑު އުފުލަން ފެށި ނަމަވެސް މިހާރު މިއީ ގިނަ ބައެއްގެ ހިތްތަކަށް އަސަރު ކުރުވާ، ކަންފަތްތަކަށް އަޑުއިވޭ، ސިކުނޑިތަކުން ވިސްނާ ކަމަކަށް މިވަނީ ވެފައެވެ. އޭނާގެ ވާހަކަ ކުރާ މަސައްކަތް ހާ ސާފެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ރާއްޖޭގައި އެންމެ ހަލާލުގޮތުގައި މަސައްކަތެއް ކުރާނަމަ އެއީ މަސްވެރިން ކުރާ މަސައްކަތް ވާނެ ކަމީ ޔަގީން ކަމެކެވެ.
ސާޖިންއަށް ލިބެމުންދިޔަ ހިތި ބަސްތަކުގެ އަޑު އަހަން މަޖުބޫރު ވީ ނަމަވެސް އެފަދަ ބަސްތަކެއް ދެވަނަ ފަހަރަށް އެހެން މީހަކަށް ލިބުމަކަށް އެނާ ނޭދެއެވެ. މަސްވެރިކަމަށް ނިކުންނަ ޒުވާނުންނަށް މި ރޮނގުން ކުރިއަށް ގޮސް މިއީ ބަލައިގަންނަ މަސައްކަތަކަށް ހަދަން ސާޖިން ބޭނުން ވެއެވެ.
މިއީ އުމުރުން އެންމެ 21 އަހަރުގެ މަސްވެރިއެއްގެ އިހުސާސަށް ވީއިރު، މިކަމަށް ނުކުންނާނެ ކިތަންމެ ޒުވާން މަސްވެރިޔަކު ވާނެ ކަން ޔަގީނެވެ. މަސްވެރިކަން ކުރިއަރާދާނީ މުޖުތަމައުގެ އެންމެންގެ އެއްބާރުލުން ދީގެންނެވެ. ސަރުކާރުން މިކަމަށް އެކަށީގެންވާ މަސައްކަތެއް ކޮށްދީގެންނެވެ.
މަސްވެރިން ބޭނުންވަނީ ދުވެލިބާރު ބޮޑެތި އޮޑިފަހަރެވެ. ހެޔޮއަގެއްގައި ޑީސަލްއާއި ޕެޓްރޯލް ގަންނަން ލިބުމަކީ މަސްވެރިންގެ އުންމީދެކެވެ. ރާއްޖެއަށް އެންމެ ބޭނުން ޖެހިފައި ވަނީ މަސްވެރިކަމުގެ ޒަމާނީ އާލާތްތަކާއި މަސް ފިނިކުރާ ނިޒާމްތަކެވެ. މަސްވެރިކަން ކުރާ ކޮންމެ އަތޮޅަކުންވެސް މަސްވެރިން ބޭނުންވާ ވަރަށް އައިސް ލިބުމެވެ. މަސްވެރިންގެ ހުވަފެން ހަގީގަތަކަށް ހަދާ އެ ހުވަފެން ތަކުގައި ކުލަ ޖެހުމެވެ.
މީގެ 4 ވަރަކަށް އަހަރު ކުރިން މަސްވެރިންނަށް މަސް ކިރޭނެ ގޮތެއް ނެތިގެން މާލެ އަސިސް މާލޭގެ މަސް މާރުކޭޓު ދޮތުމަތީ ވަށިގަނޑު އަތުރައިގެންވެސް ވަނީ މަސް ވިއްކާފައެވެ. މިގޮތަށް ވިޔަފާރި ކުރުމުން ފުލުހުން އައިސް އެތަކެތި ނަގާ ފިޔަވަޅުވެސް ވަނީ އަޅާފައެވެ. އޭރު މިކަމަށް ހައްލެއް ނުލިބި މަސްވެރިންނަށް އާޅާލާނެ ބަޔަކު މި ރާއްޖޭގައި ނުވާ ކަމަށް ދެކެވުނު ވާހަކަތަކަށް މިއަދު މިވަނީ ހައްލެއް ހޯދުމަށް މަސައްކަތް ފެށިފައެވެ.
އިހުޒަމާނުއްސުރެ ދެކެވޭ ވާހަކަ އަކީ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށެވެ. ތަކުލީފު ތަކާ އެކު ވެހޭހާ ވާރެއާއި ދޭހާ އަތްވެއްގައި މަސްވެރިން ކުރާ މަސައްކަތް ބަލައިގަންނަ ފަރާތްތަށް މަދުކަން މި ފަހަކަށް އައިސް ފާހަގަ ކުރެވެއެވެ. އެމީހުންނަށް އިހުތިރާމް ކުރުމަކީ ފެށުނީއްސުރެ ކުރަމުން އައި ކަމެއް ނަމަވެސް އެމީހުން ވަނީ ބާކީކޮށްފައެވެ. މަސްވެރިކަން ކުރުމަކީ ވަރަށް "ޑީ ގްރޭޑް" ކަމެއްގެ ގޮތުގައި ދެކޭ މީހުން މިހާރުވެސް އުޅޭ ކަމީ ހިތާމަ ކުރަން ޖެހޭ ކަމަކެވެ. ނަމަވެސް މިކަމަށް ޒުވާނުން މިވަނީ ނުކުންނަން ފަށާފައެވެ. އެމީހުންގެ ހިތްވަރަށް އަހަރެމެން ކުރަން ވީ ތައުރީފެވެ. އަހަރެމެން ދިވެހިންގެ ލޭނާރު މި ވަނީ ބުރިބުރި ވެފަވެ. މަސްވެރި ކަމަކީ ހަޑި މަސައްކަތެއްގެ ގޮތުގައި ބަލައިގަންނަ އެމީހުންގެ ވިސްނުން ބަދަލު ކުރެވޭނެ ހަމަ އެކަނި ބަޔަކީ މި ގައުމުގެ ޒުވާނުންނެވެ. ޒުވާން މަސްވެރިޔާ ފަދަ ދިވެހި ޒުވާން މަސްވެރިންނެވެ.