ދެކުނު އޭޝިއާ ގައުމުތަކުގެ ސަރަހައްދީ އިއްތިހާދުގެ ގުޅުން (ސާކް)އަށް ކާމިޔާބީތަކެއް ހޯދިފައި ވީ ކަމުގައި ވީ ނަމަވެސް، ޓެރަރިޒަމްގެ ނުރައްކާތެރި ވަބާއާއި ދެކޮޅަށް ގައުމުތަކުން މިހާރަށްވުރެވެސް އެކުގައި މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް އިނޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

ސާކް އުފެދުނުތާ 35 އަހަރު ފުރުނު މުނާސަބާގައި ދެއްވި ހާއްސަ މެސެޖުގައި މޯދީ ވިދާޅުވީ، ސާކްގެ ގައުމުތައް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް ކާމިޔާބީތަކެއް ހޯދާފައި ވީ ނަމަވެސް، ޓެރަރިޒަމްގެ ސަބަބުން ބޮޑެތި ނުރައްކާތަކަކާ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މިމޭރުކުން މެސެޖު ކުރިއަށް ގެންދަވަމުން މޯދީ ވިދާޅުވީ، ޓެރަރިޒަމްގެ ވަބާ ނައްތާލުމަށް ގައުމުތަކުން މިހާރަށްވުރެ ބިނާކުރަނިވި ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށެވެ. ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާތައް ނައްތާލުމަށް އެއްބާރުލުންދޭ ބާރުތަކެއް އޮންނަންޖެހޭ ކަމަށާ، މިއީ ސާކްއާއި މެދު އިތުބާރު ވަރުގަދަ ވެގެންދާނެ ކަމެއް ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

މީގެ 35 އަހަރު ކުރިން، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އުފެދިގެން އައި ސާކްއަކީ ޖިއޮގްރަފީ ގޮތުން ދުނިޔޭގެ އެންމެ 3 ޕަސެންޓް ހިއްސާކުރާ އިއްތިހާދަކަށް ވީ ނަމަވެސް، ދުނިޔޭގެ އާބާދީގެ 21 ޕަސެންޓް މީހުން ނިސްބަތްވަނީ ސާކްގެ މެމްބަރު ގައުމުތަކަށެވެ.

ސާކްގެ މެމްބަރު ގައުމުތަކަކީ އަފްގާނިސްތާނު، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާނު އަދި ސްރީލަންކާއެވެ.