ދުވާލުގެ ބުރަ މަސައްކަތަށްފަހު ރޭގަނޑުގެ ނިދީގައި ތިބި އެތައް ބަޔަކު ސިއްސުވާލީ އަލިފާނުގެ ބިރުވެރި ކާރިސާއަކުންނެވެ. މެންދަމުން އަލިވެ ފަތިސް ދަމަށް އަޅައިގެން އައި ވަގުތު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އާދީއްތަ ދުވަހު ހިނގާ ދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާގައި 43 މީހެއްގެ ފުރާނަ ގެއްލިދިޔައިރު، 60 އެއްހާ މީހުންގެ ފުރާނަ ވަނީ ސަލާމަތްވެސް ވެފައެވެ.

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅުނީ ދިއްލީގެ އެންމެ ގަދީމީ ބާޒާރު ސަރަހައްދުގައި އޮންނަ ރާނީ ޖާންސީ ރޯޑުގައި ހުންނަ ކާރުހާނާ އިމާރާތެއްގައެވެ. މިއީ ސްކޫލް ދަބަސް ހަދާ ކާރުހާނާއެއް ނަމަވެސް، މި އިމާރާތުގެ އެކި ބައިތައް އާންމުން ދިރިއުޅުމަށް ކުއްޔަށްވެސް ދޫކޮށްފައި ހުރެއެވެ. ގާނޫނާ ހިލާފަށެވެ. މި އިމާރާތް ހުންނަ ސަރަހައްދަކީ މަގުތައް ހަނި، ގޯޅިތައް ގިނަ ސަރަހައްދެއްކަމުން، އަލިފާން ނިއްވާ ފަޔަމަނުންނަށްވެސް އެހިސާބަށް ދެވުނީ ތަންކޮޅެއް ލަހުންނެވެ.

އެތައް ހުރަހެއް ގިރާކޮށް، ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް އެންމެ ފުރަތަމަ ދިޔަ އެހީތެރިއަކީ ފަޔާމަން ރާޖޭޝް ޝުކްލާއެވެ. ދިއްލީގެ ހޯމް މިނިސްޓަރު ސަތްޔަންދްރާ ޖޭއިން ސިފަކުރެއްވި ގޮތުގައި އަލިފާނުގެ ހާދިސާގެ ހަގީގީ ބަތޮލަކީ ރާޖޭޝް ޝުކްލާއެވެ. އެންމެ ސަބަބަކާ ހެދިއެއް ނޫނެވެ. އެތައް ބައިވަރު ސަބަބެއް މިކަމުގެ ފަހަތުގައި އެބައޮތެވެ.

ގަދައަށް ރޯވެ އަނދަމުންދިޔަ އިމާރާތުގެ ތެރެއިން ރާޖޭޝް ޝުކްލާވަނީ 11 މީހެއްގެ ފުރާނަ ސަލާމަތްކޮށްފައެވެ. އެކި ފަންގިފިލާތަކަށް ހުރި އިމާރާތުގެ އެކި ހިސާބުތަކުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އޭނާގެ ފައިގެ ކަށިގަނޑަކަށް އަނިޔާވިއެއް ކަމަކު، އެކަމަކަށް ފަރުވާލެއް ނުބަހައްޓާ، ރާޖޭޝް ޝުކްލާ ދިޔައީ އެކަކަށްފަހު އަނެކަކު އިމާރާތުން ބޭރަށް ނެރެމުންނެވެ.

އިމާރާތުގެ ތެރޭގައި ދުންބޯވެފައިވާ މަގުތަކުން ދުވަމުން ޖަހަލަ ގޮތަކަށް ގޮސް މީހުން ސަލާމަތް ކުރުމަށް 12 ވަރަކަށް ފަހަރު ރާޖޭޝް ޝުކްލާ ވަނީ އަނދަމުން ދިޔަ އިމާރާތުން ވަދެނިކުމެ ހަދާފައެވެ. އެއީ ނޭވާ ލުމަށް އެހީއެއްގެ ގޮތުގައި އޭނާ ކަނޑައަޅާފައި އޮތް ނިޒާމު ހުސްވަންދެކަށް އޭނާއަށް ކުރެވުނު މަސައްކަތެވެ.

ދިއްލީގެ އަލިފާނުގެ ހާދިސާގައި 11 މީހުން ސަލާމަތްކުރި ފަޔާމަން ރާޖޭޝް ޝުކްލާ(ވ) އަށް ހޮސްޕިޓަލުގައި ފަރުވާދެނީ /ފޮޓޯ: ޑިމޮކްރަޓިކް އެކްސެންޓް

މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ނިންމާ، ބޭރަށް ނިކުތްއިރު ރާޖޭޝް ޝުކްލާގެ ކަކުލު ހުޅަށް ގެއްލުންތަކެއް ލިބިފައިވާކަން އެނގުނެވެ. އަދި ދުމުގެ އަސަރު އިންތިހާއަށް ކޮށްފައި ހުރުމުން އޭނާގެ ބޮލުގައި ގަދަ ރިހުމެއްވެސް ހުއްޓެވެ.

ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ރޭޖޭޝް ޝުކްލާ ވަނީ އޭނާގެ ތަޖުރިބާތައް މީޑިއާއާއި ހިއްސާކޮށްފައެވެ. އެގޮތުން އޭނާގެ ކެރިއަރުގައި އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ތަޖުރިބާކޮށްފައިވާނެ ކަމަށާ، ނަމަވެސް ރާނީ ޖާންސީ ރޯޑުގެ އަނާޖު މަންދީގައި ހިނގި ވަރުގެ ނުރައްކާތެރި ހާދިސާއަކާ ދުވަހަކުވެސް ކުރިމަތިލާފައި ނުވާނެ ކަމަށް ރަޖޭޝް ޝުކްލާ ކިޔައިދިނެވެ.

ދިއްލީގައި ސްކޫލް ދަބަސް އުފައްދާ ކާރުހާނާއެއްގައި ޑިސެމްބަރު 8 ވަނަ ދުވަހުގެ ފަތިހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ތެރެއިން/ފޮޓޯ: ޓައިމްސް އޮފް އިންޑިއާ

"އަހަރެންގެ މަސައްކަތުގެ މައިދާނުގައި، 7000 އާއި ގާތްކުރާ އަދަދަކަށް އަލިފާން ރޯވި ސީންތަކަށް ވާނީ އެޓެންޑްވެވިފަ. ކަރޯލް ބާގުގެ ހޮޓެލް އާޕިޓް ހާދިސާއާއި، ދާދިފަހުން އެއިމްސް ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާގެ ސީންގައިވެސް ހަރަކާތްތެރިވިން. އެކަމަކު، ފުރާނަ ގެއްލިދިޔަ މީހުންނަށް ބަލާއިރު، މިއީ އެންމެ ބޮޑު ހާދިސާ" ހޮސްޕިޓަލުގެ އެނދު މަތީގައި އިނދެ، ފަޔާމަން ރާޖޭޝް ޝުކްލާ ތަފްސީލުކޮށްދިނެވެ.

ނާމްކުމް ސަރަހައްދަށް ނިސްބަތްވާ ރާޖޭޝް ޝުކްލާއަކީ އޯލްޑް ދިއްލީ ފަޔާ ޑިޕާޓްމަންޓްގައި އެސިސްޓަންޓް ޑިވިޝަން އޮފިސަރެއްގެ ގޮތުގައި ހިދުމަތް ކުރަމުން އަންނަ ހިތްވަރުގަދަ ފަހުލަވާނެކެވެ. ގުޖުރާތަށް އައި ބާރުގަދަ ބިންހެލުމާ، ދިއްލީގައި ހިނގި އެނޫންވެސް އެކި ހާދިސާތަކުގައި މީހުން ސަލާމަތް ކުރުމުގެ ހީރޯއިންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދަނީވެސް ރާޖޭޝް ޝުކްލާއެވެ.

ދަބަސް ކާރުހާނާގައި ރޯވި އަލިފާންގަނޑު މުޅިން ނިއްވާލާފައިވަނީ ހާދިސާ ހިނގިތާ 5 ވަރަކަށް ގަޑިއިރު ވީ ފަހުންނެވެ. މިމަސައްކަތުގައި 150 އަށްވުރެ ގިނަ ފަޔާ ފައިޓަރުން ހަރަކާތެރިވިއެވެ.