މުޝައްރަފު އަލީ އަކީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އާދީއްތަ ދުވަހުގެ ފަތިހު ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި 43 މީހުންގެ ތެރެއިން އެކަކެވެ. މި ހިތާމަވެރި ހާދިސާގައި މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލުމުގެ ކުރިން މުޝަރައްފުގެ ޚަބަރެއްވީ އޭނާގެ ރަހުމަތްތެރި މޯނޫއަށެވެ. މޯނޫއަށް މުޝައްރަފު ކުރީ ފޯނުކޯލެކެވެ. މޯނޫގެ ކިބައިން މުޝައްރަފު އެދުނީ އޭނާގެ އާއިލާއާއި ދަރިން ބަލައިދިނުމަށެވެ.

އުމުރުން 30 އަހަރުގެ މުޝައްރަފު، އޭނާގެ ރަހުމަތްތެރިޔާއަށް ކުރި ކޯލުގައި، އަލިފާން ނިއްވާ މީހުން ނާންނަވާހަކަވެސް ހިއްސާކުރިއެވެ.

"ކަރޯލް ބާގަށް އާދޭ. މިތާ ރޯވެގެން މިއުޅެނީ. އަހަރެން މަރުވާނެހެން ހީވަނީ. ނިކުންނާނެ އެއްވެސް ގޮތެއް ނެތް. އަހަރެންގެ އާއިލާ ބަލައިދޭތި. އަހަރެންނަކަށް ނޭވާއެއް ނުލެވޭ. އަލިފާން ރޯވީ ކިހިނެއް ކަމެއް ނޭނގޭ. އެއްވެސް ގޮތެއް ނެތް... މޯނޫ! އަހަރެންގެ އާއިލާއާއި ދަރިން ބަލާދޭތި އެއްވެސް މީހެއް ގާތު އަދި އަހަރެންނަށް ވީ ގޮތެއް ނުބުނާތި. މުޅި އިމާރާތުގަ ރޯވެފަ ހުރީ. އަލިފާން ނިއްވާ މީހުންވެސް އަދި ނާދޭ" މޯނޫއަށް މުޝައްރަފު ކުރި އެންމެ ފަހު ފޯނު ކޯލުގައި ބުންޏެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ރާނީ ޖާންސީ ރޯޑްގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ/ފޮޓޯ: އޭއެންއައި

ފޯނުކޮށްގެން ހުރި ހުރިހާ ވަގުތަކުވެސް މޯނޫ އެދެމުންދިޔައީ ނިކުންނާނެ އެއްވެސް މަގެއް ފެނޭތޯ ބެލުމަށެވެ. އަލިފާން ނިއްވާ މީހުން އައިތޯ އަހަމުން ދިޔައެވެ. އަދި ހާސް ނުވުމަށްވެސް ނަސޭހަތްތެރިވަމުންދިޔައެވެ. އެހާ ހިސާބުންވެސް މިޝަރައްފު ދިނީ ބިރުވެރި މެސެޖެކެވެ. "މަދު މިނެޓް ކޮޅެއްތެރޭ އަހަރެން މަރުވާނެ. އަހަރެން މަރުވިއަސް، މޯނޫއާއިއެކުގައި ވާނަން". މުޝަރައްފުގެ އެންމެ ފަހުގެ ވާހަކަތައްވެސް ހުރީ މިފަދަ ގޮތަކަށެވެ.

ދިއްލީ ފުލުހުން މިހާރު ވަނީ އިމާރާތުގެ ވެރި ފަރާތް ހައްޔަރުކޮށްފައެވެ.

އިމާރާތުގެ ވެރިފަރާތް (ރީހާން)އާއި ދެކޮޅަށް އިންޑިއާގެ ފުލުހުން ދައުވާ ކުރަމުންދަނީ ގާނޫނު އަސާސީގެ (ގަސްތުގައި މީހަކު މަރާލުމުގެ އަމަލު ހިންގުން ފަދަ ޖަރީމާ ހިނގި ކަމުގެ ކުށް ބަޔާން ކުރާ) 304 ވަނަ މާއްދާގެ ދަށުންނެވެ.

އަލިފާނުގެ ހާދިސާ ހިނގުމާއެކުހެން ރީހާން ފިލި ނަމަވެސް، ރީހާންއާއި އޭނާގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފުރުގާން ނަމަކަށް ކިއާ މީހަކު މިހާރު ވަނީ އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ޑީސީޕީ ނޯތް މޮނިކާ ބަރުދުވާޖް ވަނީ ހާމަކުރައްވާފައެވެ.

އަލިފާން ރޯވީ އާންމުން ނިދާ އިމާރާތެއްގެ ގޮތުގައިވެސް ބޭނުން ކުރަމުން އަންނަ، ސްކޫލް ދަބަސް ހަދާ ކާރުހާނާއެއްގައެވެ.