ގއ. ވިލިނގިލީގައި ފެނަކަ މުވައްޒަފެއް ކަރަންޓުގައި ޖެހި ހާލު ސީރިއަސް ވެއްޖެއެވެ.

ފުލުހުން ބުނީ، ގއ. ވިލިނގިލީގެ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފެއް ކަރަންޓުގައި ޖެހި ހާލު ސީރިއަސްވެފައިވާ ކަމަށެވެ. އަދި އެ މީހާ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:15 ހާއިރު ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ ކަރަންޓުގައި ޖެހިފައިވަނީ ފެނާ ނަރުދަމާގެ މަސައްކަތް ކުރަން އުޅުުނު ސަރަހައްދުގައި ކަރަންޓް ޕަންޕެއް ޖައްސަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި ކަރަންޓު ޖެހިފައިވަނީ އެ ރަށު އަހުމަދު މުފީދު ކިޔާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނާ ގޮތުގައި މިހާރު އެމީހާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ބަލަންޖެހޭ ކަންކަން ބަލަމުން ކަމަށް ފުލުހުން ބުނެއެވެ.

މިއަދު މީހަކު ކަރަންޓުގައި ޖެހިފައިވާ އިރު މިދިޔަ 2016 ވަނަ އަހަރުތެރޭގައި ވަނީ ހަމަ މިފަދަ ހާދިސާއެއް ހިނގައި އެރަށުގެ ފެނަކައިގެ މުވައްޒަފެއް ނިޔާވެފައެވެ.