ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި، ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

އިންޑިޔާއަށް ކުރެއްވި މި ރަސްމީ ދަތުރުފުޅުގައި، ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި، މަޖިލިހުގެ އަމީން އާންމު ފާތުމަތު ނިއުޝާ އާއި ކައުންސިލަ ޖެނެރަލް ފާތުމަތު ފިލްޒާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މިދަތުރުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ލޮކް ސަބާއާ އެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި ސޮއިކުރަން ވަނީ ހަމަޖެހިފަ އެވެ.

މި އެމްއޯޔޫގެ ބޭނުމަކީ، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހިކޮށް ދެ މަޖިލީހުގެ ދެމެދުގައި އެކިއެކި ބައިލަންއަގުވާމީ ކަންތައްތަކާ ގުޅޭ ގޮތުން އެއްބާރުލުން ދިނުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. މި އެއްބަސްވުމުގެ ދަށުން، ދެފަރާތުންވެސް ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް ބާރުއަޅާ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރާނެ އެވެ. މީގެ އިތުރުން މަޖިލީހާއި މަޖިލީހުގެ އިދާރާގެ ހިންގުން ހަރުދަނާ ކުރުމަށް ތަމްރީނާއި ފަންނީ ފުރުސަތުތައް ފަހިކުރުމަށް ދެ މަޖިލީހުން ގުޅިގެން އޮނިގަނޑެއް އެކުލަވާލުމަށް ވެސް ވަނީ ނިންމައިފަ އެވެ.