މަނީ ލޯންޑަރިންގެ ކުށުގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމާއި ދެކޮޅަށް އަޑުއުފުލައި ކުރި މުޒާހަރާގައި ފުލުހުންގެ ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމަށް ޕީޕީއެމްގެ ނަިއބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ގޮވާލައިފި އެވެ.
މެންބަރު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް އެދި ކުރި ސުލްހަވެރި އިހުތިޖާޖެއްގައި ކަމަށެވެ. ޝިޔާމްވަނީ ހައްޔަރުކުރެވުނު ދެ ޒުވާނުންވެސް ވަގުތުން ވަގުތަށް ދޫކޮށްލުމަށް އެދި ސަރުކާރަށް ގޮވާލާފަ އެވެ. މި މުޒާހަރާގައި ފުލުހުން ހަޔަރުކޮށްފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އަހްމަދު އަލީއާއި، މުހައްމަދު ރަޝީދެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރި މުޒާހަރާއިން ހައްޔަރުކުރީ ހަތް މީހުންނެވެ. އޭގެތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެންވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ ހައްޔަރުކޮށްފައި ތިބި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އަދި ނުގެންދާ ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާގައި ހުކުމް ތަންފީޒުކުރަމުންދާއިރު، އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއިން ގުޅިގެން ކޮންމެ ރެއަކުހެން މާލޭގެ މަގުތަކުގައިދަނީ ރައީސް ޔާމީނު ދޫކޮށްލުމަށް އެދި ގޮވާލައި އިހުތިޖާޖު ކުރަމުން ނެވެ.