ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލިސް 2 މެންބަރަކާއި މިނިވަން މެންބަރަކު އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަންނަވާނެ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ އެމްޑީޕީގެ 2 މެމްބަރަކާއި މިނިވަން މެންބަރަކު އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައިވާ ކަމަށާ، އޭނާއާ ބައްދަލުކުރައްވައި އެކަމާ ގުޅޭ މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެ ތިން މެންބަރުންގެ ތެރޭގައި އުތުރަށް ނިސްބަތްވާ ދެ މެންބަރަކު ހިމެނޭ ކަމަށާއި ދެކުނަށް ނިސްބަތްވާ އެއް މެމްބަރަކު ހިމެނޭ ކަމަށެވެ. އުތުރުގެ 2 މެންބަރުންގެ ތެރޭގައި މިނިވަން މެންބަރެއްވެސް ހިމެނިވަޑައިގަންނަވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އެ ތިން މެމްބަރުންގެ ނަން ހާމަ ނުކުރެއްވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މަޖިލީހުގެ ނިމިދިޔަ ދައުރުގައި މަސައްކަތް ކުރިއަށް ދިޔަ ގޮތާ ދޭތެރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ މަޖިލިސް ތެރޭގައި އޮތް ނަމަވެސް މަޖިލިސް ތެރޭގައި، އެ ޕާޓީ ވަނީ ބައިވެ، ދެބަޔަށް ބެހިފައި ކަމަށެވެ. އަދި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރޭގައި ގިނަ މައްސަލަތަކެއް އުޅޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގަންނަވަނީ އެއްވެސް ކަމެއް ޝަރުތުކުރައްވައިފައި ނޫން ކަމަށެވެ. އަދި އެއީ ނިމިދިޔަ ދައުރުގައި މަޖިލިސް ކުރިއަށް ދިޔަ ގޮތާ ދޭތެރޭ އެ މެންބަރުން "ފްރަސްޓްރޭޓް" ވެގެން ގުޅިވަޑައިގަތުމަށް ނިންމެވީ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި 65 މެންބަރުންގެ އަޣުލަބިއްޔަތުން އެމްޑީޕީން ވަނީ މަޖިލީހުގެ މެޖޯރިޓީ ކާމިޔާބު ކޮށްފައެވެ. އިދިކޮޅު ކޯލިޝަންގެ އަދަދަކީ ނުވައެކެވެ. އެއީ ޕީޕީއެމްގެ ހަ މެމްބަރުންނާއި ޕީއެންސީގެ ތިން މެމްބަރުންނެވެ.