އިންޑިއާގެ އުތުރު އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ ޑިސްޓްރިކްޓްއެއް ކަމަށްވާ އުންނާއޯގައި މިދިޔަ ބުރާސްފަތި ދުވަހު ރޭޕްގެ ޝިކާރައަކަށްވެ، ގައިގައި އެތަން މިތަން ޒަހަމްކޮށް، ރޯކޮށްލި ޒުވާނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކާޑިއެކް އެރެސްޓްއެއްގައި ހުކުރު ދުވަހުގެ ރޭ މަރުވެފައިވާއިރު، އޭނާގެ އާއިލާއަށް މާލީ ބަދަލެއްގެ ގޮތުގައި 25 ލައްކަ ރުޕީޒް ދީފިއެވެ.

އުމުރުން އެންމެ 23 އަހަރުގެ ޒުވާނާގެ އާއިލާއަށް އުއްތަރަ ޕްރަދޭޝްގެ ސަރުކާރުން ދިން މާލީ ބަދަލާއެކު، އެ ސަރުކާރުގެ އިސް ވަޒީރުންނާ ގާނޫނު ހަދާ މަޖިލީހުގައި އެ ދާއިރާ ތަމްސީލުކުރައްވާ މެމްބަރު ވަނީ އެ ޒުވާނާގެ އާއިލާއަށް ޒިޔާރަތްކުރައްވާފައެވެ.

އުއްތަރަ ޕްރަދޭޝްގެ ކެބިނެޓް ވަޒީރު ޕްރަސާދު މަރޫޔާ ވިދާޅުވީ، ޒުވާނާ ރޭޕްކޮށް ލާއިންސާނީ އަނިޔާދީ މަރާލި މައްސަލައިގެ ޝަރުއީ މަރުހާލާ ނިންމާ ކުށްވެރިންއަށް ހައްގު އަދަބު ދިނުމަށްޓަކައި ދުވެލި އަވަސް ކޯޓެއް ގާއިމު ކުރެއްވުމަށް ޗީފް މިނިސްޓަރު އަދީއްތިޔަނާތް ނިންމަވާފައިވާކަމަށެވެ.

މުޅި ސަރުކާރުވެސް އޮތީ އެ އާއިލާއާއި އެކުގައި ކަމަށާ، ލާއިންސާނީ ޖަރީމާ ހިންގި ފަރާތްތައް މާ ލަސްތަކެއް ނުވެ ހައްޔަރު ކުރެވޭނެ ކަމަށާ، އިންސާފަށް ފިލުމުގެ ފުރުސަތު އެ ފަރާތްތަކަށް ނުދެއްވާނެ ކަމަށްވެސް މަރޫޔާ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން ރޭޕްގެ ޝިކާރައަކަށްވެ، ގައިގެ އެތަން މިތަނަށް ބޮޑެތި ޒަހަމްތަކެއް ލިބި، ހަށިގަނޑުގައި ރޯކޮށްލުމުގެ ވޭނުގައި އޮތް އުމުރުން 23 އަހަރުގެ ޒުވާނާއަށް މިކަން ކުރިމަތިވީ، އޭނާގެ ވަކީލުންނާ ބައްދަލުކުރަން ދިޔަ މަގުތަމަތީގައެވެ. 5 މީހުންގެ ގުރޫޕަކުން އޭނާ ރޭޕްކޮށް ލާއިންސާނީ އަނިޔާ ދީފައިވާއިރު، މީގެ ކުރިން އޭނާ ރޭޕްކުރި 2 މީހަކުވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

އަނިޔާވެރި 5 ފިރިހެނުންގެ އަތް ދަށުން ސަލާމަތްވެ، ރޯވެ އަނދަމުންދިޔަ އަލިފާން ބޯޅަގަނޑެއްގެ ސިފާގައި އެ ޒުވާނާ ދުވަމުން ގޮސް، އެހީތެރިކަން ހޯދުނުއިރު އޭނާގެ ހަށިގަނޑުގެ 90 ޕަސެންޓް ވަނީ ފިހިފައެވެ.