މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު އިސްތިއުފާ ދެއްވުމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.
މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، މިއަދު މާލެ ސިޓީ ކައުންސިލް ނުހިނގާ އޮތްކަމަކީ އެންމެންނަށް ވެސް އިނގޭ ކަމެއް ކަމަށެވެ. މާލެ ސިޓީ ކައުންސިލުގައި އެ ޕާޓީއަށް ނިސްބަތްވާ އެއްވެސް މެންބަރެއް ނެތް ކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، އެހެންކަމުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންކަން އެބޭފުޅުން ބޭނުންވާ ގޮތަށް ކުރެއްވޭނެ ކަމަށާއި ހިޔާލު ތަފާތުވާންޖެހޭނެ ޖާގައެއް ނެތްކަމަށެވެ.
މާލެ ސީޓީން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ފެއިލްވެފައިވަނީ މާރުކޭޓުގެ މަސައްކަތް އެކަނި ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެއްވެސް ހިދުމަތެއް ކައުންސިލުން ފޯރުކޮށްދެމުން ނުދާ ކަމަށާއި މާލެ ސީޓީ ކައުންސިލް ފެއިލްވެފައިވާ ތަން ފެނިގެންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މާރުކޭޓުގެ މައްސަލަ ހައްލު ނުކުރެވި ފައިވާ ކަން ފާހަގަކޮށް ޝިޔާމް ވިދާޅުވެފައިވަނީ އެންމެ ފަހުން ލާމަރުކަޒީ ކޮމިޓީގައިވެސް މާލެ ސިޓީގެ މޭޔަރު ޝިފާ ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. ވަގުތީ ގޮތުން މާރުކޭޓު ގޮޅިތަކެއް އަޅަން ނުކުޅެދިފައި އޮތް ކަމަށާއި އެފަދަ ކަމެއް ކުރުމަށް ނުކުޅެދިފައިވާ ބަޔަކު މާލެ ސިތީ ކައުންސިލުގައި ތިއްބަވަން ޖެހިވަޑައިގަންނަވަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލަރުންގެ މެދުގައި ބޮޑު ދެބަސްވުންތަކެއް ކުރިއަށްދާ އެންމެ ބޮޑު އެއް މައްސަލައަކީ މާލޭގައި ވަގުތީ ގޮތުން އަޅަން ނިންމާފައިވާ މާރުކޭޓުގެ މައްސަލައެވެ. މާރުކޭޓު ބަންދުކުރުމަށްފަހު އެއްމަސްދުވަސްތެރޭ ހުޅުވޭނެ ކަމަށް ބުނި ނަމަވެސް އަދިުވެސް މާރުކޭޓު ހުޅުވޭނެ ވަކި ދުވަހެއް ނޭނގޭ ކަމަށް ކޮމިޓީގައި ވާހަކަ ދައްކަވަމުން ކައުންސިލް މެންބަރުން ވަނީ ވިދާޅުވެފައެވެ.
މިހާރު މާރުކޭޓުގެ ޑިޒައިން ބަދަލުކޮށް އެތަން ތިން ބުރީގެ އިމާރާތަކަށް ބަދަލު ކުރުމަށް މަސައްކަތް ފަށާފައި ވީ، ނަމަވެސް މިއީ ވަގުތީ ތަނަކަށް ކުރަން ޖެހޭ ހަރަދެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބައެއް ކައުންސިލް މެންބަރުން ބުނެއެވެ. މާރުކޭޓުގެ ގޮޅިތަކާ ގުޅިގެން ކައުންސިލަރުންގެ މެދުގައި ވަނީ ދެބަސްވުންތަކެއް އުފެދިފައެވެ. މި ދެބަސްވުންތަކާ ހުރެ މާރުކޭޓު ހުޅުވުން ގަސްދުގައި ލަސްކުރަނީ ކަމަށް ބެލެވޭ ކަމަށާއި ކައުންސިލްގެ މެޖޯރިޓީ މެންބަރުންގެ ނިންމުމަށް މޭޔަރު އަމަލު ނުކުރައްވާ ކަމަށް ކައުންސިލް މެންބަރު އަހުމަދު ނިޔާޒު ވަނީ ވިދާޅުވެފައެވެ.