ލުއި ފަސޭހައެއްގެ ގޮތުގައި ތައާރަފުވެގެން އައި މޯބައިލް ނުވަތަ ސެލް ފޯނުތަކުގެ ސަބަބުބުން އިންސާނާގެ ބޮލަށާ ކަނދުރާއަށް ލިބޭ ގެއްލުމުގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޖާނަލް އޮފް ދަ އެމެރިކަން މެޑިކަލް އެސޯސިއޭޝަން (ޖާމާ) އޮޓޯލާރިންގޮލޮޖީ ގައި އާންމުކޮށްފައިވާ ދިރާސާ ބުނާ ގޮތުގައި، އަވަސް ފަރުވާދޭ އެމާޖެންސީ ރޫމް (އީއާރް)ތަކުން 20 އަހަރު ދުވަހުގެ ތެރޭގައި އެއްކޮށްފައިވާ މައުލުމާތަށް ބަލާއިރު މޯބައިލް ފޯނުގެ ސަބަބުން ބޮލާ، ކަރު އަދި މޫނާ ލޮލަށް ލިބުނު ގެއްލުމުގެ އަދަދު، މި ފަހަކަށް އައިސް ވަނީ، އާދަޔާ ހިލާފަށް އިތުރުވެފައެވެ.

އެކުގައި އުޅޭ ދެމީޙަކު ފޯނުގައި އޮތް އެއްޗެއް އެނެއް މީހާއާއި ހިއްސާކުރަނީ/ފޮޓޯ: ވީ ހާޓް އިޓް

މީގެ ތެރެއިން ގިނަ އަނިޔާތަކަކީ ކަފައިގެން ދިއުމާ ދުޅަވެ ނޫފައިގަތުން ފަދަ ކުދި އަލާމާތްތަކަކަށްވީ ނަމަވެސް ދިގު މުއްދަތަކަށް އެކަމުގެ ވޭނާ ތަކުލީފު އުފުލަންޖެހޭ ވަރުގެ އަނިޔާތައްވެސް ލިބިފައިވާކަމަށް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

މޯބައިލް ފޯނާ ގުޅިގެން ކަނދުރާއާއި ބޮލަށް އަނިޔާ ލިބިފައިވަނީ ފޯނު ހިފައިގެން ހުންނަން ނުވާ ހާލަތްތަކުގައި ފޯނު ބޭނުން ކުރުމުގެ ސަބަބުން ކަމަށްވެސް މި ދިރާސާއިން ހެކިދެއެވެ. އެގޮތުން ގިނަ ހާދިސާތައް ހިނގާފައިވަނީ ފޯނު ހިފައިގެން ހިނގުން ނުވަތަ ދުއްވުން ފަދަ ކަންކަން ކުރުމުގެ ތެރޭގައި ކަމަށްވާއިރު، މޫނުމަތީގައި ފޯނުން ޖެހިގެން ނުވަތަ ބެޓެރީ ގޮވުން ފަދަ ހާދިސާތަކުގައިވެސް މީހުންނަށް އަނިޔާވެފައިވާކަމަށް މި ދިރާސާއިން ދައްކައެވެ.

މޯބައިލް ފޯނު ބޭނުން ކުރުމުގެ ސަބަބުން އެކި އުމުރުފުރާތަކަށް އަނިޔާ ކުރިމަތިވެފައިވާ މިންވަރު/ފޮޓޯ: ޖާމާ ނެޓްވާކް

މިއީ ހަމައެކަނި އެމެރިކާގައި ކުރިއަށް ގެންދިޔަ ދިރާސާއަކަށް ވީ ނަމަވެސް، ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް މިކަން އޮންނާނީ ދާދި މިފަދަ ހާލެއްގައި ކަމަށް ބެލެވެއެވެ.

ކަންމިހެން އޮތްއިރު، ދިރާސާ ޓީމުން ވަނީ، ރައްކާތެރި ގޯތުގައި މޯބައިލް ފޯނު ގެންގުޅޭނެ އަދަބުތަކަށް މީހުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.