ފަހުގެ ތާރީހުގައި ރެކޯޑް ނުދެކޭ މިންވަރަކަށް އިންޑިއާގެ ބާޒާރުގައި ފިޔާގެ އަގު ބޮޑުވެފައި ވާއިރު، އެކަމަކު އަސަރު، އިންޑިއާގެ ފާސްޓްފުޓް އައުޓްލެޓްތަކާ، ރެސްޓޯރަންޓްތަކުގެ މެނޫއަށް ކުރަން ފަށައިފިއެވެ.

އިންޑިއާގެ ބާޒާރުގައި މިހާރު ފިޔާ ކިލޯއެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 165 ރުޕީޒްއަށް ކަމުގައި ވީ ނަމަވެސް، ރެސްޓޯރަންޓްތަކަށް ހޯލްސޭލްކޮށް ފިޔާ ކިލޯއެއް 130 ރުޕީޒްއަށް ޖެހެއެވެ. ކަންމިހެން އޮތް ނަމަވެސް، މިއީ އެ މީހުންނަށް ބޮޑު އަގެއްކަމުން، ބަދަލު ގެންނަންޖެހިފައިވަނީ މެނޫތަކަށެވެ.

އިންޑިއާގެ ފިޔާ ބާޒާރެއް/ފޮޓޯ: ރޮއިޓާޒް

އިންޑިއާގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ މެނޫގެ 90 ޕަސެންޓް ހިއްސާކުރަނީ ކޮންމެވެސް ކަހަލަ ގްރެވީއެއް ނުވަތަ ރިހައެކެވެ. އަދި މީގެ 85 ޕަސެންޓްގެ މައި އިންގްރީޑިއަންޓްއަކީ ފިޔައެވެ. މީގެ އިތުރުން، ގިނަ ރެސްޓޯރަންޓްތަކެއްގައި މީގެ ކުރިން އެއްވެސް އަގަކާ ނުލާ ފޯރުކޮށްދެމުންދިޔަ ފިޔާ ސަޓަނިވެސް މެނޫއިން ވަނީ ނަގާފައެވެ.

ފިޔައަކީ އިންޑިއާގެ މައިގަނޑު ކެއުމުގެ ހުރިހާ ބާވަތެއްގެ އުފެއްދުންތަކެއްގައިވެސް ހިމެނޭ ބާވަތަކަށް ވާއިރު، ބާޒާރުގައި ފިޔަލުގެ އަގު ބޮޑުވުމާއެކު، ތައްޔާރީ ކާނާގެ އަގުތައްވެސް ދަނީ އުފެލެމުންނެވެ. ނަމަވެސް ކަސްޓަމަރުންގެ އަތް ފޯރާ ފަށުގައި އަގުތައް ބެހެއްޓުމަށްޓަކައި، ކާބޯތަކެތި ތައްޔާރު ކުރާ ފަރާތްތަކަށް މަޖުބޫރުވެފައިވަނީ ފިޔާ ބޭނުން ކުރާ މިންވަރު މަދު ކުރުމަށް ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

އިންޑިއާގައި ވިޔަފާރި އުސޫލުން ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުގާއި ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެންވެސް އެވަރޭޖުކޮށް 50 ކިލޯގެ ފިޔާ ބޭނުން ކުރެއެވެ.