އަވަށްޓެރި ސްރީލަންކާގެ ދެކުނުގެ ހިސާބުތަކުން މިހާރަކަށް އައިސް ފެންނަމުންދާ މި ޓެކްސީތަކަކީ އާދައިގެ ޓެކްސީތަކެއް ނޫނެވެ. ގަދަ ފިޔާތޮށި ކުލައިން ދިއްލިފައި ހުންނަ މި 'ޓުކް-ޓުކް' ޓެކްސީތަކަކީ އެކަނިވެރި މައިންނަށް އުޖާލާ ދިރިއުޅުމެއް ހޯދާދޭ ހުންގާނެވެ. މި ޓެކްސީތައް ދުއްދަވަނީ އެކަނިވެރި މައިންކަމަށްވާއިރު، މި ޓެކްސީތަކުން ދަތުރުކުރަނީވެސް އަންހެނުންނާ ކުޑަކުދިންނެވެ.

މިއީ ސްރީލަންކާގައި އޮތް ގަދީމީ އަދި ބޯދާ ބައެއް ގަބޫލުކުރުންތައް ނައްތާލާ، ޖިންސުގެ ފަރަގުން އުފެދޭ ތަފާތު ކުޑަކުރުމަށް ފަށާފައިވާ ވަރުގަދަ ހަރަކާތެކެވެ.

'ތިންކްޕިންކް' ކެމްޕޭންގެ ނަމުގައި ސްރީލަންކާގައި ހިންގާ މިމަޝްރޫއަކީ ޖިންސުގެ ފަރަގުން އުފެދޭ އިންތިހާ ފަގީރުކަން ނައްތާލުމަށް، އިނގިރޭސިވިލާތުގެ ހިލޭއެހީދޭ ޖަމިއްޔާއެއް ކަމަށްވާ ރޯޒީ މޭރީ ފައުންޑޭޝަނުން އިސްނަގައިގެން ހިންގާ މަޝްރޫއެކެވެ.

'ތިންކްޕިންކް' ކެމްޕެއިން ހާއްސަ ކޮށްފައި ވަނީ އެކަނިވެރި މައިންގެ ތެރެއިންވެސް، އިންތިހާ ފަގީރުކަމުގެ ހާލަތަށް ވެއްޓިފައިވާ މީހުންނަށް ފަހި ދިރިއުޅުމެއް ހޯދާދިނުމަށެވެ. އާމްދަނީ ލިބޭނެ ގޮތެއް ނެތި، އިންތިހާއަށް ނިކަމެތި ފަގީރު ހާލުގައި އުޅެންޖެހުމުން، ސްރީލަންކާގެ އެކަނިވެރި މައިންނަށް މަޖުބޫރުވަނީ ޔަތީމު ކުދިން ބަލާ މަރުކަޒުތަކަށް ދަރިން ދޫކޮށްލާށެވެ. ނަމަވެސް ތިންކްޕިންކްގެ އަމާޒަކީ، މިކަން ބަދަލު ކުރުމެވެ. އެކަނިވެރި މައިންނަށްވެސް އަބުރުވެރި ދިރިއުޅުމެއް، އެމީހުންގެ ދަރިންނާއެކު އުޅެވޭނެ މަގު ދަނަވަސްކޮށްދިނުމަށެވެ.

ސްރީލަންކާގައި އެކަނިވެރި މައިންނަށް އުޖާލާ ދިރިއުޅުމެއް ހޯދާދިނުމަށް ހިންގާ 'ތިންކްޕިންކް' ކެމްޕެއިންގައި ބޭނުންކުރާ ޓެކްސީއެއް/ފޮޓޯ: ޔޫޓިއުބް

އިނގިރޭސިވިލާތުގެ ހިލޭއެހީދޭ ޖަމިއްޔާއިން ދަނީ ސްރީލަންކާގެ އެކަނިވެރިމައިންގެ ތެރޭގައި ތިބި ޓެކްސީ ޑްރައިވަރުންނާ ނުހަނު ގާތުން އިރުޝާދު ދެމުންނެވެ. ވިޔަފާރި ފުޅާކުރާނެ ގޮތްތައް އުނގަންނައިދިނުމުގެ އިތުރުން، ދިރުއުޅުމުގެ ހަރަދުތައް ފުއްބާދަން ދަސްކޮށްދިނުމާ، ބިލްތައް ދައްކަން ދަސްކޮށްދިނުމުގެ އިތުރުން ފައިސާ ރައްކާ ކުރާނެ ގޮތްވެސް މި މަޝްރޫއުގެ ތެރެއިން އުންގަންނައިދެއެވެ.

ތިންކްޕިންކް އަންހެން ޓެކްސީ ޑްރަވައިރުންގެ ކެމްޕޭނަކީ ސްރީލަންކާގެ ދެކުނަށް ހާއްސަ ކެމްޕޭނެއް ނަމަވެސް، ވެރިރަށް ކޮޅުނބަށްވެސް މިކަން ދަނީ ތައާރަފުވަމުންނެވެ. އެގޮތުން މިހާރުވެސް މިފަދަ 25 ވަރަކަށް ޑްރައިވަރުން ހަރަކާތްތެރިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ އަންހެނުންގެ އާބާދީގެ 90 ޕަސެންޓް މީހުންނަކީ އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ކޮންމެވެސް ކަހަލަ ފުރައްސާރައަކާ ކުރިމަތިވެ، ނުވަތަ އަނިޔާ ތަހައްމަލުކޮށްފައިވާ ބަޔަކަށްވާއިރު، ތިންކްޕިންކް ކެމްޕޭން ހިންގަނީ އެފަދަ ހުރިހާ ކަމަކަށްވެސް ބަލައިގެންނެވެ.