ދުނިޔޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި ދަރަޖައަކަށް ހަލުވިކަމާއެކު ހިމަބިހީގެ ބަލިމަޑުކަން ފެތުރެމުންދާއިރު، މި ބަލީގައި 2018 ވަނަ އަހަރު މަރުވެދިޔަ މީހުންގެ އަދަދު 140000 އަށްވުރެ މައްޗަށް އަރާފައިވާކަމަށް ރަސްމީ ރެސްކޯޑްތަކުން ދައްކައިފިއެވެ.
އަންދާޒާކޮށް އެކުލަވާލާފައިވާ ރެކޯޑްތަކަށް ބަލާއިރު ހިމަބިހި ޖެހިގެން ކުށްލި ގޮތަކަށް ގިނައިން މަރުވެފައިވަނީ އުމުރުން 5 އަހަރުވެސް ނުވާ ކުޑަކުދިންނެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ވެކްސިންއެއްގެ އެހީގައި ހުއްޓެވެން އޮތް ބަލިމަޑުކަމެއް ނަމަވެސް، މި ބަލިމަޑުކަން ފެތުރިގެން ދިއުމަކީ ހިތާމަ ހުރި ކަމެކެވެ.
ދުނިޔެއިން ހިމަބިހި ނައްތާލުމަށް 2000 ވަނަ އަހަރުން ފެށިގެން ކުރިއެރުންތަކެއް ހޯދުނު ކަމުގައި ވީ ނަމަވެސް، ހިމަބިހި ނައްތާލެވުނު ކަމަށް ގައުމުތަކަށް ދީފައި އޮތް މަގާމު، 2018 ވަނަ އަހަރުން ފެށިގެން ގެއްލެމުންދާކަން ސިއްހީ ރެކޯޑްތަކުން ސާބިތުކޮށްދެއެވެ.
ކަންމިހެން އޮތްއިރު، ނިމިގެން މިދާ 2019 ވަނަ އަހަރަކީ 2018 ވަނަ އަހަރަށްވުރެ ހިތާމަވެރި މެސެޖުތަކެއް ދޭނެ އަހަރެއް ކަމަށް ބެލެވެއެވެ. މި ގައުމުތަކުގެ ތެރޭގައި އަލްބޭނިއާ، ޗެކް ރިޕަބްލިކް، ގްރީސް އަދި އިނގިރޭސިވިލާތްވެސް ހިމެނެއެވެ.
ހަލުވިކަމާއެކު ހިމަބިހީގެ ބަލިމަޑުކަން މިހާރު ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ، މަޑަގަސްކަރަ، ޔޫކްރައިން އަދި އެމެރިކާ ހިމެނެއެވެ. މީގެ އިތުރުން ސަމޯއާއިންވަނީ ހިމަބިހީގެ ބަލިމަޑުކަމާއެކު ގައުމީ ފެންވަރުގައި ކުށްލި ނުރައްކާވެސް އިއުލާންކޮށްފައެވެ.
ގައުމީ އާމްދަނީގެ ފަންތިއަށް ބެލުމެއް ނެތި ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދިއުމުގެ އެންމެ ބޮޑު ސަބަބަކީ، ތުއްތު ކުދިންނަށް ގަވައިދުން ވެކްސިން ނުދިނުމެވެ. ހަލުވިކަމާއެކު ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ތުއްތު ކުދިންގެ އާބާދީގެ 95 ޕަސެންޓް ކުދިންނަށް ވެކްސިން ދޭންޖެހެއެވެ. ނަމަވެސް ފާއިތުވީ އަހަރުތަކަށް ބަލާއިރު ހިމަބިހިން ދިފާއުވުމަށް ތުއްތު އިރު ޖަހަންޖެހޭ ވެކްސިންގެ ފުރަތަމަ ޑޯޒް ދެނީ 86 ޕަސެންޓް ކުދިންނަށެވެ. އަދި ދެވަނަ ޑޯޒް ދެނީ 69 ޕަސެންޓް ކުދިންނަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.