ދުވަސް ނުފުރާ ވިހެއުމަށްފަހު، ދިރިހުއްޓާ ވަޅުލާފައި އޮއްވާ އިންޑިއާގެ އުތުރުގެ ހިސާބަކުން ފެނުނު ތުއްތު އަންހެން ކުއްޖާގެ ސިއްހީ ހާލަތު މިހާރު މުޅިން ހަމައަކަށް އެޅިފައިވާކަމަށް އޭނާއަށް ފަރުވާ ދެމުންދާ ޑޮކްޓަރު ބުނެފިއެވެ.
އޮކްޓޯބަރު މަހުގެ މެދެއްހާ ހިސާބުގައި މި ތުއްތު އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނީ ޕްލޭޓްލެޓްކައުންޓް ދަށްވެ، އިތުރު ސިއްހީ މައްސަލަތަކެއް ކުރިމަތިވެގެންނެވެ.
ތުއްތު ކުއްޖާއަށް ފަރުވާ ދެމުންދާ ޑރ ރަވީ ކަންނާ ބުނީ، އެކަށީގެންވާ މިންވަރަށް އެކުއްޖާ ބަރުވަމުން އަންނަ ކަމަށާ، މިހާރު ބަރާބަރަށް ނޭވާވެސް ލާ ކަމަށެވެ. އަދި ޕްލޭޓްލެޓް ކައުންޓަށް ދިމާވި މައްސަލަވެސް ރަނގަޅުވެފައި ވާކަމަށް ޑރ ރަވީ ކަންނާ ވަނީ ފާހަގަކޮށްފައެވެ.
ދިރިހުއްޓާ މި ތުއްތު ކުއްޖާ ވަޅުލީ ކޮން ބައެއްކަން އަދި ހޯދިފައި ނުވާއިރު، އޭނާގެ މައިންބަފައިންނަކީ ކޮބައިކަންވެސް އަދި ހޯދިފައެއް ނުވެއެވެ. އެހެންކަމުން، ގަވައިދު ބުނާ މުއްދަތަށް މަޑުކުރުމަށް ފަހު މި ތުއްތު ކުއްޖާ އެޑޮޕްޓްކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.
އެޑޮޕްޝަން މަރުހަލާ ނިމެންދެން މި ތުއްތު ކުއްޖާ އޮންނާނީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ޗައިލްޑް ވެލްފެއާ އިދާރާގެ ބެލުމުގެ ދަށުގައެވެ.
ބިމުގެ ގާތްގަނޑަކަށް 3 ފޫޓެއްހާ އަޑީގައި، މުށި ޖާޑިއެއް ޒާތު އެއްޗަކަށް ލާ، ވަޅުލާފައި އޮތް މި ތުއްތު ކުއްޖާ ފެނުނީ، ވިހޭއިރުވެސް މަރުވެފައި އޮތް ދަރިފުޅަކު ވަޅުލަން ދިޔަ ބައްޕައަކަށެވެ. ހިންދޫންނަކީ މަރުވާ މީހުންގެ ހަށިގަނޑު އަންދާ ބައެއް ނަމަވެސް، ތުއްތު ކުދިންނާ ކުޑަ ކުދިން އާންމުކޮށް ވަޅުލާ ބައެކެވެ.
ވަޅުގަނޑުން ނަގައިގެން ސިއްހީ އެހީތެރިންގެ ބެލުމުގެ ދަށަށް މި ކުއްޖާ ގެންދެވުނިއިރު، ބެލެވޭ ގޮތުގައި އެ ކުއްޖާ އުފަންވެފައިވަނީ ބަނޑަށް 30 ހަފުތާގައި ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި ބަރުދަނުގައި އޭރު ހުރީ ގާތްގަނޑަކަށް އެންމެ 1.1 ކިލޯގްރާމްއެވެ. ބެލެވޭ ގޮތުގައި އޭރުވެސް އެކުއްޖާގެ އުމުރަށް 3 ދުވަސް ވެއްޖެއެވެ.