ރާއްޖޭގައި ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ދެ ބިލެއް ކަމާ ގުޅޭ ފަރާތްތަކުގެ މަޝްވަރާއާ އެކު ޑްރާފްޓް ކުރުމަށްފަހު ރައީސް އޮފީހަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައި ވަނީ "ބޯހިޔާވަހި ކަމަށް ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު" އަދި "އެއްމެދު އިމާރާތުގެ ގާނޫނު"ގެ ބިލެވެ.

ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ބިލަކީ، ދިރިއުޅުމަށްޓަކައި ގެދޮރު ކުއްޔަށް ދޫކުރުމާއި ކުއްޔަށް ހިފުމާ ގުޅިގެން ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާފަރާތުގެ މަސްލަހަތާއި ހައްގުތައް ބަޔާންކުރުމާއި ކުއްޔަށްދޭ ތަންތަން ގިންތިކުރުމާއި އެތަންތަނުގައި، ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލެކެވެ. މި ބިލުން ކުލީގެ މުއާމަލާތްތަކާ ގުޅިގެން އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމުގެ ގާނޫނީ އޮނިގަނޑު ތައާރުފު ކުރާނެއެވެ.

އެއްމެދު އުމާރާތުގެ ބިލަކީ، ރާއްޖޭގައި ބިނާކުރާ އިމާރާތްތައް، އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލެކެވެ. މި ބިލުގައި އެއްމެދު އިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓުތައް، ވަކިވަކި ފަރުދުންނަށް ނުވަތަ ފަރާތްތަކަށް މިލްކު ކުރެވޭނެ ގޮތާއި އެތަންތަން ގަނެވިއްކާ، ކުއްޔަށްދީ، އަދި އެނޫންވެސް މުއާމަލާތްތައް ކުރުމާގުޅޭ އުސޫލުތައް ބަޔާން ކޮށްފައިވެއެވެ. މި ބިލުން އެއްމެދު އިމާރާތެއް ގޮތުގައި ރަޖިސްޓަރީކުރާ ބިމާއި އިމާރާތުގެ އާންމު ސަރަހައްދުތައް ބަލަހައްޓައި، ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ތައާރަފު ކުރާނެއެވެ.

މި ބިލުތައް މަޖިލީހުން ފާސްވުމުން ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޭ ފަރާތުގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ގާނޫނީ ހައިސިއްޔަތު ލިބިގެންދާނެއެވެ. އަދި އެއްމެދު އިމާރާތްތައް ރަޖިސްކޮށް ބޭނުންކުރުމާއި ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ހައްލުކުރެވިގެންދާނެއެވެ.