ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވެ، ހަނގުރާމައަށް މީހުން ފޮނުވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީންގެ މައްޗަށް ޓެރަރިޒަމްގެ 2 ދައުވާއެއް އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީން ބުނީ، ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް އުފުލުމަށް ހުށަހަޅާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ ކަމަށެވެ.

މިދިޔަ އޮކްޓޫބަރު ބަހު އަމީން ހައްޔަރު ކުރީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމާއި ހަނގުރާމައަށް ދިވެހިން ފޮނުވުމުގައި ބައިވެރިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ވެސް ހިމެނިފައިވާ މީހެކެއެވެ. އެއީ އެ ލިސްޓަށް ދިވެއްސެއްގެ ނަން އެރި ފުރަތަމަ ފަހަރުވެސްމެއެވެ.

އަމީންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މިދިޔަ އާދިއްތަ ދުވަހު ހުށަހެޅީ، އޭނާއަކީ ހަނގުރާމައަށް މީހުން ފޮނުވުމުގައި ހަރަކާތްތެރިވުމާއި އެކަމަށް ވާގިވެރިވުމުގެ ތުހުމަތު ކުރެވޭ މީހެއް ކަމަށާއި ޓެރަރިސްޓް ޖަމާއަތްތަކަށް މާލީ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން އެހީތެރިކަން ދިނުމުގެ ތުހުމަތުގެ އިތުރުން އެފަދަ ޖަމާއަތްތަކުގެ ވެރިންނާ ގާތް ގުޅުން ބޭއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ކުރުމަށް ފަހުއެވެ.

އަމީންއަކީ ސަލްޓަން ޕާކް ބޮމުގެ ހަމަލާއާއި ގުޅިގެން ފުލުހުން ހޯދި މީހެކެވެ. ނަމަވެސް އޭނާ ވަނީ ރާއްޖެއިން ބޭރަށް ފިލައިގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅެފައެވެ. އެފަހަރު އޭނާ ހައްޔަރުކުރީ ރެެޑް ނޯޓިސް ނެރެގެން ލަންކާގައި ހުއްޓައެވެ. ހައްޔަރުކޮށްގެން ރާއްޖެ ގެނެސް އެފަހަރު އޭނާ ވަނީ ދޫކޮށްލާފައެވެ.