33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކުރަން ޖެހޭ ގޮތަށް ލާމަރުކަޒީ ބިލް ފާސްކޮށްފިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. ލާމަރުކަޒީ ބިލް ފާސް ކުރީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 76 މެމްބަރުންގެ އިއްތިފާގުންނެވެ. ބިލު މަޖިލީހަށް ހުށަހެޅި ފަހުން ކޮމެޓީ މަރުހަލާގައި ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވެއެވެ. އެހެންނަމަވެސް އަންހެނުންނަށް ކައުންސިލްތަކުގެ 33 ޕަސެންޓު ދިނުމަށް ބަޔާންކޮށްފައިވާ މާއްދާއަކަށް އެއްވެސް ބަދަލެއް ނުގެނެއެވެ.

33 ޕަސެންޓް ދޭ މާއްދާގައި ބުނެފައިވަނީ އާބާދީގައި 3000 މީހުންނަށް ވުރެ މަދު މީހުން ތިބޭ ރަށްރަށުގައި ފަސް ކައުންސިލަރުން އަދި އޭގެ ތެރެއިން ދެ ކައުންސިލަރުންނަކީ އަންހެނުން ކަމަށް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އަދި އާބާދީގައި 3000 ކައުންސިލަރުންނަށް ވުރެ ގިނަ ވާނަމަ އެރަށެއްގައި ހަތް ކައުންސިލަރުން އަދި އޭގެ ތެރެއިން ތިން ކައުންސިލަރުންނަކީ އަންހެނުންނަށް ވާން ޖެހޭނެއެވެ.

އަންހެނުންނަށް ކައުންސިލްތަކުގެ 33 ޕަސެންޓު ދިނުމަށް ފާސްކުރި އިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ދާދިފަހުން ކުނޫޒުގައި ބޭއްވި ހަފްލާއެއްގައި އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. ގާސިމް ވިދާޅުވީ އަންހެނުނަށް ކައުންސިލްތަކުގެ ވަކި ޕަސެންޓެއް ކަނޑައެޅުމަކީ ގާނޫނު އަސާސީއާ މުޅިން ހިލާފު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވާ ގޮތުގައި އަންހެނުންނަށް ކޯޓާއެއް ކަނޑައެޅުމުން ފިރިހެނުންގެ ހައްގުތައް އަންހެނުންނަށް 'އޯވާރައިޑް' ކުރެވެއެވެ. އަންހެނުންނަށް ކައުންސިލުތަކުން ވަކި މިންވަރެއް ކަނޑައެޅުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއްކަން ތަކުރާރުކޮށް ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ އަންހެނުންނަށް ކޯޓާ ދޭގޮތަށް ލޯކަލް ކައުންސިލް ގާނޫނަށް ގެންނަ އިސްލާހަކީ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބާ ހިލާފު އިސްލާހެއް ކަމަށެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ ގާސިމް އިބްރާހީމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އީވާ ވިދާޅުވީ އަންހެނުން ސިޔާސީ ގޮތުންވެސް މާލީ ގޮތުންވެސް ބާރުވެރި ކުރުވުމާ އެކު މުޅި މުޖުތަމައުއަށްވެސް އަދި މުޅި ގައުމަށްވެސް އެކަމުގެ ސަބަބުން މަންފާތަކެއް ކުރާނެ ކަމަށެވެ.

"އަންހެނުން ސިޔާސީ ގޮތުންވެސް މާލީ ގޮތުންވެސް ބާރުވެރި ކުރުވީމާ މުޅި މުޖުތަމައުއަށްވެސް މުޅި ގައުމަށްވެސް އާއިލާއަށްވެސް އާއްމު ފަރުދުންނަށްވެސް އިޖުތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުންނާއި މާލީ ގޮތުންނާއި އިތުރު ތަނަވަސް ކަމަކާއި އުޖާލާކަން އައުން ނޫން ކަމެއް ނުވާނެ،"
އީވާ

އަންހެނުން ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ ވައުދެކެވެ. އަދި އިންތިހާބީ މަގާމުތަކަށް އަންހެނުން އިތުރު ކުރުމަށް ގާނޫނަށް ބަދަލު ގެނެސްގެންވެސް އެ މަސައްކަތް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕޭންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދެކެވެ.