މިއަދުވެސް މަޖިލީހުގައި އިދިކޮޅަށް ނިސްބަތްވާ މެންބަރުން ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލާ އިހްތިޖާޖު ކުރަން ފަށައިފިއެވެ.

19 ވަނަ މަޖިލީހުގެ 76 ވަނަ ޖަލްސާ މިއަދު ކުރިއަށް ދާއިރު މުހިންމު ބިލް ތަކަަކަށް ދަނީ ބަހުސް ކުރަމުންނެވެ. ބަހުސް ކުރިއަށް ދިޔަ ވަގުތު މަޖިލީހުގެ ތަޅުމުގައި އިދިކޮޅަށް ނިސްބަތްވާ މެންބަރުން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައްވާފައެވެ. އެގޮތުން މި އިހުތިޖާޖުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފާއި، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދާއި، މާވަސު ދާއިރާގެ މެންބަރު އިބްރާހިމް ސައީދު ހިމެނެއެވެ.

އިހުތިޖާޖު ކުރައްވަމުން ދިޔަ މެންބަރުންނަށް ރައްދު ދެއްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އުނގޫފާރު ދާއިރާގެ މެންބަރުގެ ތަގުރީރުތަކަކީ ރާއްޛޭގެ ގިނަބަޔަކު އަޑުއަހަން ބޭނުންވާ ތަގުރީރެއް ކަމަށެވެ. އެހެނަކމުން ކުޑަކޮށް ބައްލަވާލައްވައިގެން އިހުތިޖާޖުގައި ތިއްބެވުމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހީ ބަދަލުތަކާ ގުޅިގެން ބަހުސް ކުރައްވަމުން ދިޔަ އިރު އެތައް މެންބަރުންނެއް އަންހެނުންގެ ބާރުވެރިކުރުވުމަށް ގެނައި އިސްލާހަށް ދަނީ ވާހަކަަ ދައްކަވަމުންނެވެ. އެ މައުލޫއަށް ވާހަކަ ދައްކަވަން ފައްޓަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މިއަދު މަޖިލީހުގައި އިހުތިޖާޖު ކުރައްވަމުން ދިޔަ އިދިކޮޅުގެ މެންބަރުންނަށް ހޫނު ރައްދެއް ދެއްވާފައެވެ.

"ކެރެންޏާ ކައިރިއަށް ވަޑައިގެން ތި ކުރުއްވާ ކަމެއް ކުރުއްވުން ރަނގަޅު ވާނެ އިއްޒަތްތެރި މެންބަރު"
އީވާ އަބްދުﷲ

އިހުތިޖާޖު ކުރައްވަމުން ދިޔަ މެންބަރުންނަށް ރައްދު ދެއްވުމުގެ ގޮތުން އީވާ ވިދާޅުވީ ކެރެންޏާ ކައިރިއަށް ވަޑައިގެންނެވުމަށް ކަމަށެވެ. އެއަށްފަހު އީވާނީ އަންހެނުން ބާރުވެރި ކުރުމަށް އަންހެނުންނަށް 33 ޕަސެންޓް ދީގެން އަންހެނުންނަށް އިޖުތިމާއީ ކަންކަމުގައި ބަސްބުނުމަށް އަންހެނުން ބާރުވެރި ކުރުވުމަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހަކީ މި ގައުމަށް އަދި ދުނިޔެއަށްވެސް ކޮންމެ ހެން މުހިއްމުވާ ބޮޑު ބަދަލެއް ކަމަށެވެ.

އީވާގެ ވާހަކައަށް ފަހު ކުޑަހުވަދޫ ދައިރާގެ މެންބަރު އަހުމަދު އާމިރު ވާހަކަ ދެއްކެވި އިރުވެސް އެ މެންބަރުން ދިޔައީ ރައީށް ޔާމީން ދޫކޮށްލުމަށް ގޮވާލަމުންނެވެ. އެގޮތުން އެ ބޭފުޅުންގެ އަޑު ގަދަވުމުގެ ސަބަބުން ބައެއް މެންބަރުން ވާހަކަ ދައްކަވަމުން ގެންދެވީ ހެޑްފޯނު އަޅުއްވައިގެން ކަންވެސް ފާހަގަކޮށްލެވެއެވެ.

އިދިކޮޅު މެންބަރުން މިފަދައިން އިހުތިޖާޖު ކުރައްވަމުން ގެންދަވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިންގް ކުރި ތުހުމަތުގައި ކުރީގެ ރައީސް ޔާމީން ހުކުމްކޮށް ޖަލަށް ލުމާ ގުޅިގެންނެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހުގައި ރައީސް ޔާމީންގެ މައްޗަށް ވަނީ 5 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ. އަދި 5 މިލިއަން ޑޮލަރު 6 މަސް ދުވަސްތެރޭ ދެއްކުމަށްވެސް ވަނީ އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައެވެ. މި ކަމާ ގުޅިގެން އިދިކޮޅުގެ ސްޕޯޓަރުންނާއި އިދިކޮޅު ޕާޓީގެ ކައުންސިލް މެންބަރުންނާއި މަޖިލިސް މެންބަރުން ވަނީ މާލޭގައި އިހތިޖާޖުކޮށްފައެވެ. މި އިހުތިޖާޖުތަކުގެ ތެރެއިން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ހައްޔަރުކޮށްފައެވެ.