ޕާކިސްތާނުގެ އެކި ހިސާބުތަކުން، ޗައިނާގެ ފިރިހެނުންނަށް އަނބިންގެ ގޮތުގައި ވިއްކާލާފައިވާ އަންހެނުންނާ އަންހެން ކުދިންގެ އަދަދު 600 އަށްވުރެ މައްޗަށް އަރާފައިވާ ކަށަވަރުވެފައިވާކަމަށް ބައިނަލްއަގުވާމި ޚަބަރުތައް ބުނެފިއެވެ.
ޕާކިސްތާނުގެ އިންތިހާ ފަގީރު އާއިލާތަކުގެ ކިބައިން ނާޖާއިޒު ފައިދާ ނަގައިގެން، އިންސާނީ ވަގުފާރީގެ ނެޓްވާކް ފުޅާ ކުރަމުންދާ ފަރާތްތައް ހޯދާ، ހިފާ، ހައްޔަރު ކުރުމަށް ޕާކިސްތާނުގެ އިންވެސްޓިގޭޓަރުންތަކެއް ކުރިއަށް ގެންދިޔަ ތަހުގީގުތަކަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓަކާ ހަވާލާދީ ދި އެސޯސިއޭޓަޑް ޕްރެސްއިން ބުނާ ގޮތުގައި ޗައިނާގެ ފިރިހެނުންނަށް އަނބިންގެ ގޮތުގައި ޕާކިސްތާނުން ވިއްކާފައިވާ އަންހެނުންނާ އަންހެން ކުދިންގެ އަދަދު 629 އަށް އަރައެވެ.
މިއީ މިފަދަ ޖަރީމާއެއް ޕާކިސްތާނުގައި ފަސްގަނޑުގައި ހިންގަމުންދާ ކަމުގެ މައުލޫމާތު 2018 ވަނަ އަހަރު ލިބުނު ހިސާބުން ފެށިގެން، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ތަފާސް ހިސާބުތައް އެކުލަވާލާ ނިމެންދެން ރެކޯޑް ކުރެވިފައިވާ މިންވަރެކެވެ. އަދި، މިފަދަ ޖަރީމާއެއް ޕާކިސްތާނުގައި ހިންގަމުންދާ ކަން ފަޅާއެރިކަން، އެކަން ކުރާ ފަރާތްތަކަށް އެނގުމުން، އެފަދަ ޖަރީމާ ހިންގާ މިންވަރު ނިސްބަތުން މަދުވެފައިވާކަންވެސް ކަމާ ބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
ކަންމިހެން އޮތްނަމަވެސް މިފަދަ ޖަރީމާ ހިންގާ ފަރާތްތަށް ގާނޫނުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ކުރާ މަސައްކަތްތަކަށް އެދެވޭ ކުރިއެރުމެއް ނުލިބެއެވެ. އެގޮތުން އެންމެ ފަހުން، މިއަހަރުގެ އޮކްޓޯބަރު މަހުވެސް މިފަދަ ބޮޑު ޝަރިޔަތެއް ފެށިއެވެ. އެ މައްސަލާގައި ދައުވާ ކުރަމުންދިޔައީ ޗައިނާގެ 31 މީހަކާ ދެކޮޅަށެވެ. އެހެންނަމަވެސް، މައްސަލަ ކުރިއަށް ގެންގޮސް، ކާމިޔާބުވާ ގޮތް ނުވީ، ހެކި ބަސް ދިނުމަށް ބައެއް އަންހެނުން އިންކާރު ކުރުމުގެ ސަބަބުންނެވެ.
އިންސާނީ ވަގުފާރީގެ އަމަލުތައް ހުއްޓުވުމަށް ތަހުގީގު ހިންގަމުންދިޔަ ޓީމުގެ މެމްބަރުންނަށް، ޕާކިސްތާނުގެ ސަރުކާރުގެ ފަރާތުންވެސް ފިއްތުންތަކަކާ ކުރިމަތިލާންޖެހުނުކަން އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
މި ޝަކުވާތަކާ ގުޅިގެން އެއްޗެއް ވިދާޅުވުމަށް، ޕާކިސްތާނުގެ ދާހިލީ އަދި ހާރިޖީ ވަޒީރުވެސް ވަނީ އިންކާރު ކުރައްވާފައެވެ. ޗައިނާ ހާރިޖިއްޔާއިން ބުނީ މިފަދަ ލިސްޓެއްގެ މައުލޫމާތު އެ ވުޒާރާއަށް ލިބިފައި ނުވާ ކަމަށެވެ.
އަނބިންގެ ގޮތުގައި ޗައިނާގެ ފިރިހެނުންނަށް ޕާކިސްތާނުގެ އަންހެން ކުދިންނާ އަންހެނުން ވިއްކަމުންދަނީ ޚުދު އެމީހުންގެ އާއިލާތަކުން ކަމަށް ބުނާ ބަޔަކުވެސް އުޅެއެވެ. ކަންމިހެން އޮތްއިރު، މީގެ ތެރޭގައި ގިނައީ ނަސޯރާ ދީނުގެ މީހުން ކަމަށް ޚަބަރު ލިބެއެވެ. އަދި ލިސްޓު އެކުލަވާލާ ނިންމި ފަހުން އަނބިންގެ ގޮތުގައި ޕާކިސްތާނުން ވިއްކާލި އަންހެނުންނާ އަންހެން ކުދިންގެ އަދަދަކީ ކޮބައިކަމެއްވެސް ނޭނގެއެވެ.