ސްރީލަންކާގެ ގޯލްއާއި 70 ނޯޓިކަލް މޭލުން ދަތުރުކުރަމުންދިޔަ ބޭރުގެ ކޮންޓެއިނާ އުފުލާ ބޯޓަކުން ދަތުރުކުރި، އެ ބޯޓުގެ ސެކަންޑް އޮފިސަރަކު ގެއްލުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި މަހަހުގެ 2 ވަނަ ދުވަހު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާއަކީ ޔޫކުރެއިންއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މި ފިރިހެނެއް ކަމަށެވެ. އަދި މީހާ ގެއްލިފައިވަނީ މި ދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ 13:30 ހާއިރު ކަމަށްވެސް މައުލޫމާތު ލިބިގައި ވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ބޯޓު ދަތުރުރަމުން ދިޔައީ ސްރީލަންކާގެ ގޯލްގެ ހުޅަނގުން 70 ނޯޓިކަލް މޭލުން، ދިވެހިރާއްޖެ އިރު އުތުރުން 322 ޏޯޓިކަލް މޭލު ބޭރުންކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މައުލޫމާތު ލިބިފައި ވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖޭގެ އުތުރާއި އަދި އިރު އުތުރުގެ ރައްތަކުންނާއި، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭތޯ ބައްލަވައިދެއްވުން އެދޭ ކަމަށާއި މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅުއްވުމަށްވެސް އެމްއެންޑިއެފް ކޯސްޓްގާޑުން ވަނީ އެދިފައެވެ.