ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުއްވެވުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޯނާލްޑް ޓްރަމްޕް، މަގާމުގެ ބާރުގެ ބޭނުން ކުރައްވައިގެން ބޭރުގެ ނާޖާއިޒު އެހީތެރިކަން ހޯއްދަވަން މަސައްކަތް ކުރައްވާފައިވާ ކަމަށާ، އެކަން ތަހުގީގު ކުރުމަށް ގާނޫނު ހަދާ މަޖިލީހުން ކުރިއަށް ގެންދާ ތަހުގީގުތަކަށްވެސް ޓްރަމްޕް ހުރަސް އަޅުއްވާފައިވާކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން އާންމުކުރި ރިޕޯޓެއް ބުނެފިއެވެ.

އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޓްރަމްޕް އަޒުލުކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ކުރިއަށް ގެންދިޔަ ތަހުގީގުތަކާ އިންކުއަރީގެ މައްޗަށް ބިނާކޮށް އެކުލަވަލާފައިވާ 300 ސޮފުހާގެ ރިޕޯޓްގައި، ޖުލައި 25 ވަނަ ދުވަހު ޔޫކްރައިންގެ ރައީސްއަށް ޓްރަމްޕް ކުރެއްވި ފޯނުކޯލުގެ މައްސަލާގައި ކަނޑައެޅިގެން ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ. ނަމަވެސް މި ރިޕޯޓަކީ، ވެރިކަމުން ޓްރަމްޕް އަޒުލުކުރުމަށް އެޅުނު ބިންގަލެއް ކަމަށް މުރާސިލުން ސިފަކުރެއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ޖާސޫސީ ކޮމިޓީގެ ޗެއާމަން އަދި ޑިސްޓްރިކްޓް އޮފް ކެލިފޯނިއާގެ މެމްބަރު އެޑަމް ޝިފް ވިދާޅުވީ، ސިޔާސީ ބާރު ކަށަވަރުކުރެއްވުމަށްޓަކައި މަގާމުގެ ނާޖާއިޒު ފައިދާ ނަންގަވާ، އެމެރިކާގެ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓަވާލެއްވުމުގެ އަމަލު، ޓްރަމްޕް ހިންގަވާފައިވާކަމަށާ، އެމެރިކާގެ ރައްޔިތުން ޓްރަމްޕްއަށް ކުރަމުންދިޔަ އިތުބާރުގެ ނާޖާއިޒު ފައިދާވެސް ޓްރަމްޕް ނަންގަވާފައިވާކަމަށެވެ.

ޖުލައި 25 ވަނަ ދުވަހުގެ ފޯނު ކޯލަކީ އެމެރިކާގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޓްރަމްޕްގެ އެންމެ ވަރުގަދަ ސިޔާސީ ވާދަވެރިޔާގެ ގޮތުގައި ސިފަކުރަމުން އަންނަ ޖޯ ބައިޑަންގެ ދެބަފައިންނާ ދެކޮޅަށް ޔޫކްރައިންގައި ތަހުގީގެއް ހިންގެވުމަށް ޔޫކްރައިންގެ ރައީސްގެ ކިބައިން ޓްރަމްޕް އެދެވަޑައިގެންނެވި ފޯނު ކޯލެކެވެ.

ވެރިއަކު އަޒުލުކުރުމަކީ ކުރަން މާ ފަސޭހަ ކަމެއް ނޫންކަމަށާ، ނަމަވެސް ޓްރަމްޕް އަޒުލުކުރެއްވުމުގެ ކަންކަން ލިޔުއްވި 'މުސައްނިފަކީ' ޚުދު ޓްރަމްޕް ކަމަށް ޝިފް ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ރައްޔިތުން ދަންނަންޖެހޭ ކަމެއް އެބައޮތް ކަމަށާ، އެއީ އެ ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް، ޓްރަމްޕްގެ ޒާތީ ސިޔާސީ މަސްލަހަތު އިސްކުރެއްވި ކަންކަމަށާ، އެ ކަމުގެ ސަބަބުން ގައުމު، ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ ކަންކަމަށްވެސް ޝިފް ވަނީ ފާހަގަކުރައްވާފައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން އެކުލަވާލި ރިޕޯޓް ދިރާސާކޮށް، ހެކިންގެ ހެކިބަސްތައް މުރާޖައާ ކުރުމުގެ ފުރުސަތު ޓްރަމްޕްއާއި ޓްރަމްޕްގެ ގާނޫނީ ޓީމަށް ލިބިވަޑައިގަންނަވާނެއެވެ. އެއަށްފަހު ޓްރަމްޕް އަޒުލުކުރުމުގެ މައްސަލާގައި ފަހު ބަސް އިއްވާނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ނުވަތަ ސެނެޓްއިންނެވެ. ސެނެޓަކީ ވެރިކަން ކުރާ ރިޕަބްލިކަންސްއަށް އަގުލަބިއްޔަތު އޮންނަ ތަނެއް ނަމަވެސް، ރިޕަބްލިކަންސްއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުން މިހާރުވެސް ގެންދަވަނީ ޓްރަމްޕްއަށް ފާޑުވިދާޅުވަމުންނެވެ.