ސްރީލަންކާއިން ނަގަމުން ދިޔަ ވެލިއު އެޑެޑް ޓެކްސްއާއި ޓެލެކޮމިއުނިކޭޝަން ޓެކްސް ކުޑަކޮށް، އަދި އެގައުމުގައި ނަގާ އިތުރު އަށް ޓެކުހެއް އުވާލުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ޓެކްސްތަކެއް އުވާލުމުގެ އިތުރުން ބައެއް ޓެކްސްތައް ނަގާ މިންވަރު ކުޑަކުރުމަށް ނިންމީ މިދިޔަ ހަފްތާގައި އޮތް ކެބިނެޓް ބައްދަލުވުމެއްގައެވެ. ވެލިއު އެޑެޑް ޓެކްސްއާއި ޓެލެކޮމިއުނިކޭޝަން ޓެކްސްގެ އިތުރުން އުވާލަން ނިންމި އަށް ޓެކްސްއަކީ، އިކޮނޮމިކް ސާވިސް ޗާޖު، ޝެއާ މަކެޓުން ނަގާ ކެޕިޓަލް ޓެކްސް، އިންކަމް ޓެކްސް ޕޭއަބްލް، ބޭންކިން އަދި މާލީ އިދާރާތަކުން ނަގާ ޑެބިޓް ޓެކްސް، އިންކަމް ޓެކްސް ޕޭއެބަލް، ކްރެޑިޓް ސާވިސް ޓެކްސް، ސޮވެރިން ޕްރޮޕަޓީން ނަގާ ވެލިއު އެޑެޑް ޓެކްސް، ވިތުހޯލްޑިން ޓެކްސް އަދި ނޭޝަން ބިލްޑިން ޓެކްސް އެވެ. ޓެލެކޮމް ޓެކްސްއަށް އައި ބޮޑު ބަދަލާއެކު ސްރީލަންކާގައި މުވާސަލާތުކުރުމާއި އިންޓަނެޓުގެ އަގަށް ބޮޑު ބަދަލެއް އަންނާނެއެވެ.

އެގައުމުގެ ކެބިނެޓް ތަރުޖަމާނު އަދި އިންފޮމޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެކްސް ކުޑަކުރުމަށް ނިންމާފައިވަނީ، މިހާރު 15 ޕަސަންޓު ނަގަމުން އަންނަ ވެލިއު އެޑެޑް ޓެކްސްގެ އިތުރުން މިހާރު 30 ޕަސަންޓުން ނަގަމުން އަންނަ ޓެލެކޮމިއުނިކޭޝަން ޓެކްސްއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން ވެޓް ޓެކްސް އަށް ޕަސަންޓަށް ކުޑަކުރަން ނިންމި އިރު، ކެބިނެޓުން ނިންމި ނިންމުމާއެކު ޓެލެކޮމް ޓެކްސް 30 ޕަސަންޓުން އެންމެ 5 ޕަސަންޓަށް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.