އަވަށްޓެރި އިންޑިއާ އަދި ޗައިނާއިން ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުންނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
އެގޮތުން ފޮރިން މިނިސްޓަރު ޝާހިދު ވަނީ އިންޑިއާގެ ސަފީރު ސުދިރު ކުމާރާއި ޗައިނާގެ ސަފީރު ޒާންގް ލިޒޯންގާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެގައުމުން ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވަފައިވެއެވެ. އަދި ހަމައެއާއެކު ރާއްޖެއާއި އިންޑިއާ އަދި ޗައިނާއާ ދެމެެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.
ޗައިނާގެ އެމްބަސަޑަރާއި ފޮރިން މިނިސްޓަރު ޝާހިދު ބައްދަލު ކުރައްވާފައި ވާއިރު ޗައިނާއިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތަކާއި މި ސަރުކާރުން ޗައިނާގެ އެކި ކުންފުނިތަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުތަކެވެ. އެގޮތުން އެންމެ ފަހުން ހަވާލުކުރި އެންމެ ބޮޑު މަޝްރޫއުއަކީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ޗައިނާއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެވެ.
އިންޑިއާގެ ކުންފުނިތަކާއި ހަވާލުކޮށްގެން ވެސް ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ ރަށްތަކުގައި ކުރިއަށް ގެންދާއިރު ބައެއް ރަށްތަކުގައި ހިންގާ ތަރައްގީފެ މަޝްރޫއުތަކަށް އިންޑިއާ ސަރުކާރުން ވަނީ މާލީ ގޮތުންވެސް ބޮޑެތި އެހީތެރިކަމެއް ދީފައެވެ. އަދި ބަޖެޓު ސަޕޯޓަށް ވެސް އިންޑިއާ ސަރުކާރުން ވަނީ ބޮޑެތި އެހީތެރިކަމެއް ދީފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ އިންޑިއާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ސަރުކާރެއްކަން ފާހަގަކޮށްލެވެ.